ރޭޓިން ދަށްކޮށްފައިވަނީ ބަލާނުލައި މަޖިލީހުން ފާސްކުރި ރިޕޯޓުގެ ސަބަބުން: ޝަރީފް

ރޭޓިން ދަށްކޮށްފައިވަނީ ބަލާނުލައި މަޖިލީހުން ފާސްކުރި ރިޕޯޓުގެ ސަބަބުން: ޝަރީފް

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 02:20
0

ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ދަށްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ބަލަންޖެހޭ ވަރަށް ނުބަލައި ފާސްކުރި ރިޕޯޓުގެ ނަތީޖާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ފިޗުން އާންމުކުރި ރޭޓިންގައި ރާއްޖެ ވަނީ ކްރެޑިޓް ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ. ސަބަބެއްކަމަށް ފިޗުން ބުނެފައިވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވުންކަމަށެވެ. ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އޮތްކަންވެސް ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ލަފާކޮށްފައިވާގޮތުން ކޯވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އަޑިއަޅާލުމުން އަރައިގަނެވޭނީ 2022 ވަނަ އަހަރުއެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން މިއަދު މަޖިލިސް ރައީސް ވިދާޅުވީ ފިޗުން ރާއްޖެ އަށް ދިން ކްރެޑިޓް ރޭޓް ގަބޫލު ނުކުރާ ކަމަށް ފިނޭންސް މިނިސްޓރަ ވިދާޅުވި ވިދާޅުވުމަކީ ގޯހެއް ކަމަށާއި، ބައިންލަ އަގުވާމީ މުއައްސަސާސަތަކުން ދެއްވާ ހިސާބުތައް ބަލައިގަންނަންޖެހޭ ކަމާށެވެ.

ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު މިހާ ދަށް ހާލަތެއްގައި އޮތްވާ މަޖިލިސް އިން ފާސްކުރާ ޤަރާރުތަކާއި ރިޕޯޓްތަކުގެ ސަބަބުން ގެއްލުން ލިބޭނީ މުޅި ރައްޔިތުންނަށް ކަމަށެވެ. މިއަދު މިހާލަތު ބައްދަލުކުރީ އޭތު މަޖިލިސްގައި މިކަން ކުރަން އުޅުމުން އޭނާ ދެކޮޅު ހެދި ނަމަވެސް މަޖިލީހުގެ ބައެއް ބޭފުޅުންނަށް މިއީ ރަނގަޅު ގޮތްކަމަށް ނިންމުމުން ކަމަށެވެ. ފިޗުން މިއަދު ރޭޓިން ދަށްކުރުމުގެ އެންމެބޮޑު އަސްލަކީ މަޖިލީހުން ފާސްކުރި ރިޕޯޓްކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މުޅިމަޖިލީހުގެ ކޮމިޓީން ފާސްކުރި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދައުލަތުން ނަގާފައިވާ ލޯނުތައް ނަގާފައިވަނީ ކޮންސެޝަނަލް ރޭޓުތަކުގައިކަން ފާހަގަކުރެވޭކަމާއި، ނަމަވެސް ދިވެހި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި 2017 ވަނަ އަހަރު ވިއްކާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސޮވްރިން ބޮންޑު (ސަނީ ސައިޑް ބޮންޑު) ގެ އިންޓްރެސްޓް ރޭޓަކީ %7 ކަމަށް ބުނެފައިވެއެވެ. އަދި 2022 ވަނަ އަހަރު މި ބޮންޑަށް އަނބުރާ ފައިސާ ދެއްކުމަށް ހަމަޖެހިފައި ވާކަމަށާއި، މި ބޮންޑު ރީ-ޕްރޮފައިލް ކުރަންޖެހޭކަން ފާހަގަކުރެވޭކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.

ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައި ވާތީ، އަންނަ އަހަރަކީ ދައުލަތަށް ބުރަ އަހަރަކަށް ވާނެކަމަށާއި، ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 2024 ވަނަ އަހަރަށް ފަސްކުރެވެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.