ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދެނެގަތުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން އެކުލަވައިލި އައު ޤަވާއިދެއް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، މިއަދުން ފެށިގެން އެއަށް ޢަމަލުކުރަން ފަށައިފިއެވެ.
ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގެ މައިގަނޑު ބޭނުމަކީ ތިމާވެށްޓަށް ގެއްލުންދޭ ގޭސްތައް މޮނިޓަރކޮށް، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ފަސޭހަކަމާއެކު މަޢުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ އިދާރީ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ ސަބަބުން ރާއްޖޭގެ ކާބަން ފުޓްޕްރިންޓް ފުރިހަމައަށް ދެނެގަނެވި، ބައިނަލްއަޤުވާމީ މުއާހަދާތަކުގެ ދަށުން ރާއްޖެއިން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބި، ބޭރު ދުނިޔެއަށް ރާއްޖޭގެ ޙާލަތު ސާފުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި އައު ނިޒާމުގެ ދަށުން ޑޭޓާ އެއްކޮށް ފޯރުކޮށްދިނުން ގިނަ އިދާރާތަކަކާއި ކުންފުނިތަކަކަށް ވަނީ ލާޒިމުކޮށްފައެވެ. އޭގެ ތެރޭގައި ޔުޓިލިޓީ އަދި އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، ކަސްޓަމްސް، ތަފާސްހިސާބާބެހޭ އިދާރާގެ އިތުރުން އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް ހިމެނެއެވެ. ހަމައެއާއެކު، ސިނާޢީ ކާރުޚާނާތަކާއި، ހަކަތަ އުފައްދައި އެތެރެކުރާ ފަރާތްތަކާއި، ފިނިކުރާ ނިޒާމުތައް މަރާމާތުކުރާ ފަރާތްތަކުންވެސް މި ޤަވާއިދާ އެއްގޮތަށް ބޭނުންވާ ހިސާބުތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ