ބޮޑުތަކުރުފާނު މަގު ފުޅާކުރުމަކީ ބޭކާރު ޚަރަދެއް: ނަޝީދު

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަކީ ބޭކާރު ޚަރަދެއް: ނަޝީދު

Author
އަހުމަދު
26 ޖޫން 2026 10:24
0

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢަކީ ބޭކާރު ޚަރަދެއްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ މަންސަ "އެކްސް" ގައި މީހަކު ހިއްސާކުރި ފޮޓޯއަކަށް ރައްދުދެއްވައި ނަޝީދު ވިދާޅުވީ، މަގުތަކުގައި ތާރު އެޅުމަކުން ރީތިކަމެއް ނުފެންނާނެ ކަމަށާއި، މަގުތައް ރީތިވާނީ ގަސް އިންދައިގެން ކަމަށެވެ. އަދި އުޅަނދުތައް އެތެރެކުރާ މިންވަރު ކޮންޓްރޯލް ނުކޮށް، ޕާކިންގ އާއި ޓްރެފިކްގެ މައްސަލަތަކަށް އެކަށީގެންވާ ޙައްލެއް ނުގެނެސް މަގުތައް ފުޅާކުރުމަކީ އެއްވެސް ބޭނުމެއް ނެތް ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވަނީ އެއްވެސް އުސޫލެއް ނެތި އުޅަނދުތައް އެތެރެކުރުން ހަރުކަށިކޮށް، މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލުކުރުމުގެ ޢަމަލީ މަސައްކަތްތަކެއް ފަށާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، މި މަޝްރޫޢުގެ ދަށުން ކުރިން ހުރި ވަރަށްވުރެ ގިނައިން އެ ސަރަޙައްދުގައި ގަސް އިންދާނެ ކަމަށެވެ. އަދި މަގު ފުޅާކުރުމުން ޕާކިންގއަށް ޚާއްޞަ ޖާގަތަކެއް ލިބި، މާލޭގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެމްއޭއިން ފެށިގެން މާލޭ ވިޔަފާރި ބަނދަރާ ހަމައަށް ތަރައްޤީކުރާ މި މަގުގައި ޕާކުކުރާނެ ރަނގަޅު ނިޒާމެއް ހަމަޖެހުމާއެކު، ދުއްވާ ފަރާތްތަކަށް ދެކޮޅަށް ދެ ލޭނު ފުރިހަމައަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާއިރު، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި މަގު އާންމުންނަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.