ވެނެޒުއޭލާއަށް މިދިޔަ ހަފްތާގައި އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 589 އަށް އަރައިފިއެވެ.
ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ ރެސްކިއު ޓީމުތަކުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ހާމަކުރެއްވި ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 589 އަށް އަރާފައެވެ. އަދި ހެލްތު މިނިސްޓަރު ކާލޮސް އަލްވަރާޑޯ ވިދާޅުވި ގޮތުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 4،300 އަށްވުރެ މައްޗަށް ގޮސްފައެވެ. ވެރިރަށް ކަރާކަސްގެ ހުޅަނގުން ބިންހެލުން އައި ސަރަހައްދުގައި މީހުން ސަލާމަތް ކުރުމަށްޓަކައި ބޮޑެތި މެޝިނަރީތަކާއި ހުސްއަތުން ވެސް ދަނީ ކޮންނަމުންނެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ވަގުތާ ދެކޮޅަށް ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ވެނެޒުއޭލާއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާއިން 150 މިލިއަން ޑޮލަރުގެ އެހީއަކާއި އަސްކަރީ އުޅަނދުތައް ފޮނުވާފައިވާއިރު، ސްވިޒަލޭންޑް، މެކްސިކޯ، ސްޕެއިން އަދި ޗައިނާ ފަދަ ގިނަ ގައުމުތަކުން ވެސް ދަނީ ޓީމުތަކާއި އެހީ ފޮނުވަމުންނެވެ. ނަމަވެސް ލާ ގުއާރާގައި އޮންނަ މައި ބައިނަލްއަގުވާމީ އެއާޕޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެތަން ބަންދުކުރަން ޖެހުމަކީ، އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
މަރުވި މީހުންގެ ތެރޭގައި ޕޯޗުގަލް، ސްޕެއިން، ބްރެޒިލް އަދި ޗައިނާ ފަދަ ބޭރު ގައުމުތަކުގެ ގިނަ ބަޔަކު ވެސް ހިމެނެއެވެ. މީގެ އިތުރުން ޕޯޗުގަލްގެ 56 މީހަކާއި ސްޕެއިންގެ 99 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އެ ގައުމުތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ބުދަ ދުވަހު އައި 7.5 މެގްނިޓިއުޑްގެ މި ބިންހެލުމަކީ 1900 ވަނަ އަހަރަށްފަހު އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ބާރުގަދަ ލޮޅުންތަކުގެ އަސަރު އަވަށްޓެރި ކޮލަމްބިއާ އަދި ބްރެޒިލްގެ އުތުރުގެ ސަރަހައްދުތަކަށް ވެސް ވަނީ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ