ސެމްބެ މަހްލޫފަށް: ވަޒީރުކަމުގައި ހުންނެވުމަށްވުރެ ރަނގަޅުވާނެ ބޮލީވުޑްގައި ފިލްމުކުޅުއްވަން އުޅުއްވިޔަސް!

ސެމްބެ މަހްލޫފަށް: ވަޒީރުކަމުގައި ހުންނެވުމަށްވުރެ ރަނގަޅުވާނެ ބޮލީވުޑްގައި ފިލްމުކުޅުއްވަން އުޅުއްވިޔަސް!

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2022 10:50
0

ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އެޅިފައިވާ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވަޒީރުކަމުގައި ހުންނެވުމަށްވުރެ ބޮލީވުޑްގައި ފިލްމު ކުޅުއްވުން މާ ރަނގަޅުވާނެކަމަށް ވިދާޅުވެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ޤަވާއިދާއި ޚިލާފަށް އެތެރކުރި ގިނަ ޢަދަދެއްގެ ދޫނިތަކެއް މަރާލި މައްސަލަައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޙުސައިން ވަނީ އެ ހުއްދަދެއްވި ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާއި ފިޝަރިޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން މިހާރުން މިހާރަށް މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޙުސައިން ވަނީ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައިގެން ރައްޔިތުންނަށްޓަކައި އެއްވެސް ކަމެއް ނުކުރެވޭކަމަށް ވިދާޅުވެފައެވެ. ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ސަރުކާރެއްކަމަށް ވަކާލަތުކުރާ މިސަރުކާރުން، އެ ވަޒީރުން މަޤާމުން ވަކިކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޙުސައިން ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ތުހުމަތުކޮށް ކޯޓްގައި މިސަރުކާރުގެ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްސަލަ އޮތްނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޒުވާނުންނަށްޓަކައި އެއްވެސްކަމެއް މަޚްލޫފް ނުކުރައްވާއިރު ބޭރުގެ އެކި ޤައުމުތަކަށް ވަޑައިގެން އުފާ ފާޅުކުރައްވާ މަޖާ ނަންގަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ކީއްވެގެންތޯ 65 މެންބަރުން ހަމަހިމޭނުން މި ތިއްބެވީ. ރައްޔިތުންނަށް ޓަކައި މިތަނުން އެބޭފުޅާ ވަކިކުރައްވަންވީނުންތޯ. އެ އުޅެނީ ޒުވާނުންނަށް ޓަކައި ބޭނުން ވަނީ ބޯޅައިގައި ފައިން ޖަހަން. ދަނޑެއްގެ މަތީ ސޯޓެއް ލައިގެން އިސްޓާކީނަކަށް އަރައިގެން ދުވެލުން. ވަޒީރުގެ ޒިންމާ މިއަށްވުރެ ފުޅަވަން އެބަޖެހޭ. ޒުވަނުންނަށް ކާންބޯން ކުރާނެ މަސައްކަތެއް އެ ވަޒީރުގެ މަސައްކަތުން ހޯދައިދޭން އެބަޖެހޭ. އެކި ތަފާތު މިނިސްޓްރީތަކުގެ ތެރެއަށް ވަދެގެން ނަމަވެސް.

– ޙުސައިން މުޙައްމަދު ލަޠީފް

މެންބަރު ޙުސައިން ވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަކްލޫފް ބޮލީވޫޑްގައި ފިލްމު ކުޅުއްވަން އުޅުއްވިޔަސް މާ ރަނގަޅުވާނެކަމަށް ވިދާޅުވެ މަޙްލޫފަށް ފާޑުވިދާޅުވެފައެވެ.

އެކަމު އެފްރިކާއިން ޔޫރަޕުން އޭޝިއާއިން މި އުޅުއްވަނީ. މިއަށްވުރެ މާރަނގަޅުވާނެ އިންޑިއާ ބޮލީވުޑްގައި ފިލްމެއް ކުޅުއްވަން އުޅުއްވިޔަސް ވަޒީރު.

– ޙުސައިން މުޙައްމަދު ލަޠީފް

މެންބަރު ޙުސައިން މިހެން ވިދާޅުވެފައިވާއިރު، މިނިސްޓަރ މަޙްލޫފް ރާއްޖެއިން ބޭރަށް ވަޑައިގެން އެކި ފަންނާނުނާއެކު ފޮޓޯ ނަންގަވާ ޓްވީޓްކުރައްވަމުން ގެންދަވައެވެ. މިގޮތުން ބޮލީވުޑާއި ހޮލީވުޑްގެ ފަންނާނުންނާއި އެކި ކުޅިވަރުގެ ޝަހުސިއްތަކުންނާއެކު ވަގުތު ހޭދަކުރައްވާ ފޮޓޯވެސް ޓްވީޓްކުރައްވައެވެ.

މަހުލޫފް އިންޑިއާ އަށް ކުރެއްވި ދަތުރުގެ ތެރެއިން އެކްޓަރު އަމީތާބް ބައްޗަން އާއި ސުނިލް ޝެޓީ އާއި ކޮމެޑީ އެކްޓަރު ޖޯނީ ލީވާ އާއި ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ހޯސްޓް ކަޕިލް އާއި އެ ޝޯގެ ބައިވެރިއެއް ކަމަށްވާ ކޮމީޑީއަން/އެކްޓަރު ކުރުންޝާ އަބީޝެކާއި ޖޯނީގެ ދަރިފުޅު އަދި ކޮމީޑިއަން ޖެމީ ލީވާއާ ބައްދަލުކޮށް ފޮޓޯ ނަންގަވައި ޓްވީޓް ކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.