އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމުގެ މަގާމުގައި ހުންނެވި އަލީ އާޒިމްގެ މަގާމުގެ މުއްދަތު ފާއިތުވި ޖެނުއަރީމަހުގެ 2 ވަނަ ދުވަހަށް ހަމަވެގެން ގޮސްފައިވާއިރުވެސް، އެމަގާމަށް އާ ބޭފުޅަކު އައްޔަން ކޮށްފައި ނުވާކަމުގެ ކަންބޮޑުވުން އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ފާޅު ކުރައްވައިފިއެވެ.
ޚަބަރު އޮންލައިނާ ވާހަކަ ދެއްކި، ޕީޖީ ގުރޫޕުގެ މެމްބަރަކު ވިދާޅުވި ގޮތުގައި، މިހާރު އެ މަގާމުގައި ހުންނެވި އަލީ އާޒިމްގެ މަގާމުގެ މުއްދަތު ހަމަ ވެފައިވާތީ، އަދި ވަގުތީ ގޮތުންވެސް އެމަގާމަށް މެމްބަރަކު އައްޔަން ކޮށްފައި ނުވާތީ މިހާރު ޕީޖީ ގުރޫޕުގައި ސައްޙަ ޕީޖީ ލީޑަރަކު ނުހުންނާނެ ކަމުގައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ހިންގާ ގަވާއިދުގެ 9 ވަނަ މާއްދާގައި ވަނީ، އެޕާޓީގެ އަސާސީ ގަވާއިދުގެ 38ވަނަ މާއްދާގައި ވާގޮތުގެ މަތިން، އެ ގްރޫޕުގެ އެންމެ އިސް ފަރާތަކީ އިންތިޚާބު ކުރާ އެ ގުރޫޕްގެ ލީޑަރު ކަމުގައެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކު ނެތި މަހަކަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައި ވާއިރު، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގައި ބޮޑެތި ޚިޔާލުތަފާތުވުން އުފެދި، ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންނާއި އަދި ރައީސް ސާލިހަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި ޕާލަމެންޓްރީ ގުރޫޕުވަނީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައެވެ. އަދި މި ވާދަވެރިކަމުގައި، ފާއިތިވެދިޔަ ތަނުގައި ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން މަޖިލިސް ފްލޯގައި ރައީސް ސާލިހުގެ އިސްތިއުފާއަށްވެސް ގޮވާފައިވާކަން ފާހަގަ ކޮށްލެވެ.
ހަމަ އެއާއެކު، ފާއިތިވެދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނުގައި، ޕާލަމެންޓްރީ ގުރޫޕުގައި، ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް މެމްބަރުން އެއްވެސް ވަރެއްގެ ބައިވެރިވުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ، އާ ޕީޖީ ލީޑަރަކު އިންތިޚާބު ކުރުން ލަސްވެގެން ދަނީ، ޕީޖީ ގުރޫޕުގައި އޮތް ދެ ފެކްޝަންގެ ވާދަވެރިކަމުގެ ސަބަބުންނެވެ.
ކޮމެންޓު ފޮނުވާ