ތުލުސްދޫގެ ރައްޔިތުންނަށް އުންމީދެއް، ފަތުރުވެރިކަން އަލުން ފަށައިފި

ތުލުސްދޫގެ ރައްޔިތުންނަށް އުންމީދެއް، ފަތުރުވެރިކަން އަލުން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
07 ނޮވެމްބަރ 2020 01:04
0

ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމާއިއެކު ތުލުސްދޫގެ ގެސްޓް ހައުސްތައް އައިސްފައިވާ ފަޅުކަން ނިމުމަށް އައިސް، މިއަދު އެރަށަށް ފަތުރުވެރިން ދާން ފަށައިފިއެވެ.

މާލެ ސަރަހައްދުގައި އެންމެ ފުޅާކޮށް ފަތުރުވެރިކަމުގެ ސިނާއަތް އޮތް މީހުން އުޅޭ އެއްރަށަކީވެސް ތުލުސްދުއެވެ. ތުލުސްދޫގައި މިވަގުތު ހުރި ގެސްޓްތަކުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކުގެ ތެރެއިން ހުއްދަ ދީފައިވަނީ ތިން ގެސްޓް ހައުސްއަކަށެވެ. ނަމަވެސް މިއަދު ފަތުރުވެރިން ގޮސްފައިވަނީ އޭގެ ތެރެއިން އެއް ގެސްޓު ހައުސްއަށެވެ.

އެރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކުންނާއި، ކައުންސިލުންވެސް އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ތުލުސްދޫއަށް އަންނަ ފަތުރުވެެރިންގެ އަދަދު އިތުރުވެ ރަށުގެ އާމްދަނީ އިތުރުވެގެން ދިއުމެވެ. އެޗްޕީއޭގެ މިންގަނޑުތަކުގައި ވާގޮތުން ފަތުރުވެރިކަމަށް ހުޅުވާލާ މީހުން އުޅޭ ރަށްތަކުގައި ގެސްޓުން ރަށަށް ދާން ފެށުމުން ރަށުގައި އުޅޭ މީހުން މާސްއެޅުމަކީ މަޖުބޫރު ކަމެކެވެ.

ތުލުސްދޫއަށް މިއަދު ފަތުރުވެރިން ދިއުމާއި ގުޅިގެން ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވެސް ވަނީ އެރަށު ކައުންސިލަށާއި، ރައްޔިތުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށްޖަހައި އިޤްތިޞާދު ހިނގައި ގަންނަމުންދާ ކަމުގެ މިސާލެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް 44 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮންމެ މަހަކުވެސް ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޖުލައިމަހުގެ 15 ވަނަ ދުވަހުން މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 44365 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 427212 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.