ގެރެންޓީ ދިނުމުގައި މިސަރުކާރުން ގެންގުޅޭނީ ދެކޮޅު ނުޖެހޭ ސިޔާސަތެއްކަމަށް ވިދާޅުވެ، ކުރީ ސަރުކާރުގެ އިޤްތިޞާދާއި ބެހޭ ވަޒީރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ހަދަން އިންޑިއަން އެގްޒިމް ބޭންކުން ނަގާ 19.2 މިލިއަން ޑޮލަރު ލޯނަކަށް، ދިވެހި ސަރުކާރުން ސޮވެރެން ގެރެންޓީ ދީފައިވާކަން ހާމަވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސަޢީދު ވަނީ ހުމާލޭގެ މަގުތައް ހެދުމަށް އިންޑިއާގެ އެގްޒިމް ބޭންކަށް ސޮވެރިން ގެރެންޓީ ދިނުން ރަނގަޅުވެފައި، އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ރައްޔިތުން އެދުމުން ސޮވެރިންގ ގެރެންޓީ ގޯސްވަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ. ސަޢީދު ވިދާޅުވީ ރައްޔިތުންގެ ފައިދާއާއި ގުޅުންހުރި ކަންކަމަށް ސޮވެރިން ގެރެންޓީ ދިނުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ސޮވެރިން ގެރެންޓީ ދިނުމުގައި ތަފާތުކުރުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫންކަމަށެވެ.
ހުޅުމާލެ މަގުތާރު އަޅަން އިންޑިއާ އެގްޒިމް ވީމަ ދައުަރުގެ ސޮވެރިން ގެރެންޓީ "އޯކޭ". އިހަވަންދޫ ހޮސްޕިޓަލާއި ބަނދަރާއި، އަތޮޅުތެރޭ ޑޮމެސްޓިކް އެއަރޕޯޓްތަކަށް ފައިސާ ހޯދަން ރައްޔިތުން އެދުމުން ސޮވެރިން ގެރެންޓީ ގޯސް؟
-ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ސުވާލުކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ދިވެހި ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކް އަށް ސޮވެރިން ގެރެންޓީ ދީފައިވަނީ ހައުސިން ޑޮވްލޮޕްމަންޓް ކޯޕަރޭޝަނުން ނަގާ 19.2 މިލިއަން ޑޮލަރުގެ ލޯނަކަށެވެ. މި ގެރެންޓީ ދީފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ކުރުމަށާއި، ދެވަނަ ފިޔަވަހީގެ މަގުތަކުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށެވެ.
ދިވެހި ސަރުކާރުން އިންޑިއަން އެގްޒިމް ބޭންކުން ނަގާ ލޯނަކަށް ގެރެންޓީ ދީފައިވާއިރު، މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ އިގްތިސާދީ ދުވެލި އިތުރު ކުރުމަށްޓަކައި ނޫން ގޮތަކަށް ސޮވެރިން ގެރެންޓީއެއް ނުދޭނެކަމަށެވެ.
މިސަރުކާރުގެ މާލީ އަދި އިޤްތިޞާދީ ސިޔާސަތުތަކަށް، އިޤްތިޞަދީ ދާއިރާގެ ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ