މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫންކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން މި ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ މިދައުރަށް ރައްޔިތުން އެބޭފުޅުން އިންތިޚާބުކޮށްގެން މަޤާމަށް ވަޑައިގެންނެވިތާ މިހާރު އަށްމަސް ދުވަސް ފާއިތުވީ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް ކައުންސިލުން އެދުނު އެއްވެސް ކަމަކަށް ސަރުކާރުން އިޖާބަ ނުދޭކަމުގެ ކަންބޮޑުވުން މީގެ ކުރިން ފާޅުކުރެއްވުމަށްފަހުއެވެ.
މޭޔަރު މުޢިއްޒު ވިދާޅުވީ، ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތްކަމަށާއި، ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތްކަމަށެވެ. އަދި ހުޅުމާލެއިން 15000 ފްލެޓް، ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތްކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން. ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް،ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް. އަދި ހުޅުމާލެއިން 15000 ފްލެޓް، ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް
— Dr Mohamed Muizzu (@MMuizzu) February 3, 2022
މޭޔަރު މިހެން ވިދާޅުވެފައިވާއިރު، މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކާ އެ ބިމުން 2000 ގޯތި މާލެ ރައްޔިތުންނަށް ދިނުމުގެ ބިޔަ މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގައި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށް ރިޔާސީ ބަޔާނުގައި އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ކަމަށެވެ. އަދި އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފްލެޓްތައް ތަރައްޤީކޮށް ދޫކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، މާލޭގެ ރައްވެހިންނަށް ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. މީގެތެރޭގައި ހުޅުމާލެއިން 1000 ގޯތި ދޫކުރާނެކަމަށް ވިދާޅުވިއެވެ. އަދި ގުޅީފަޅުގައި މީހުން އާބާދުކުރުމަށް 2000 ގޯތި ދޫކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫންމަހު ފަށްޓަވާނެކަމަށެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފުވަނީ އޭގެ ލާ ނިހާޔަތުގައިކަމަށެވެ. މިހާތަނަށްވެސް ކުރެވެމުން އައި އިޙުސާސަކީ މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ކުރެވުނު ކަންކަމަށްވުރެ، ގިނަ ވާހަކަ ދެއްކޭ ކަމުގެ އިޙުސާސްކަމަށެވެ. ނަމަވެސް މާލޭ ސަރަޙައްދަށް ސަރުކާރުން ކަނޑައަޅާފައިވާ ބޯހިޔާވަހިކަމުގެ މި ސިޔާސަތުތަކާއެކު މި މަންޒަރު ބަދަލުކޮށްލާނެކަމަށެވެ.
One Response
މުއިއްޒު 7 އަހަރު ބޯހިޔާވަހިކަމާއި ހަވާލުވެ ހުރިއިރު މާލޭ ރައްޔިތަކަށް އެންމެ ގޯއްޗެއްވެސް ފުލެޓެއްވެސް ދިނިންތޯ.