އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދިޔަ ތަނުގައި އިދިކޮޅު ޕީޕީއެމްއިން ހިންގި ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ. އަދި އެޕާޓީން މިއީ ގައުމީ ހަރަކާތެއްގެ ގޮތުގައި ސިފަކުރަމުން ދިޔަ ނަމަވެސް، މިހަރަކާތުގެ އެންމެ ކުރީ ސަފުގައި އިސްކޮށް ތިއްބެވީ ސިޔާސީ ފަރާތްތަކެވެ.
އަދި އަމުދުން މި ހަރާތުގެ ތެރެއިންދާ ފާޅު ކުރެވެމުންދާ ޝުޢޫރުތަކުންނާއި އަދި އެނޫންވެސް އެތައް ކަމަކުން ފާހަގަވާން އޮތް ކަމަކީ މިހަރަކާތަކީ މިސަރުކާރަށް މިއަދު ކުރިމަތިވެފައި އޮތް ސިޔާސީ ގޮންޖެހުމެއް ކަމެވެ. މައި މީގެ އިތުރަށް، އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖެއާއި ޒަމާނުއްސުރެ އެންމެ ގާތްކަން އޮތް އަދި މިސަރުކާރުގެ އެންމެ ބޮޑު މިތުރު އިންޑިއާގެ ނަން ބޭނުން ކުރެވިގެން ކުރިޔަށްދާ ބޮޑު ހަރަކާތަކަށް ވެގެން ދިއުމާއެކު، މިހަރަކާތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޚާރިޖީ ގުޅުމުގެ ދާއިރާގައި އުދާސްތަކެއް ހުރިކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މީގެ އެންމެ ބޮޑު އެއް ހެއްކަކީ، މިހަރަކާތް ގާނޫނަކުން ހުއްޓުވުމަށް އެންމެ ފަހުން މަޖިލިހުގެ ތެރޭގައި ކުރެވެން ފެށި މަސައްކަތަކެވެ. މިގޮތުން ދިވެހި ދައުލަތުން އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދައި، ބޮޑެތި އަދަބުތައް ލިބިދޭ ގޮތަށް މިހާރު ދަނީ ގާނޫނެއް އެކުލަވާ ލެވެމުންނެވެ. މި ޑްރާފްޓުގައި ބުނެފައި ވަނީ ބިލުގެ މަޤުޞަދަކީ ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުން ކަމަށެވެ.
އަދި އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގުވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުން ކަމަށް ވެސް ބިލްގައި ބުނެފައި ވެއެވެ.
މި ބިލުގައި ކުށްވެރިވާ ފަރާތްތަކަށް ދިނުމަށް ހިމަނާފައިވާ އަދަބުތަކުގެ ތެރޭގައި، ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެއެވެ.
ޔާމިން ވިދާޅުވަނީ ގާނޫނު ފާސް ކުރިޔަސް ނުހުއްޓުވޭނަ ކަމަށް!
ރޭ ޗެނަލް13 އިން ގެނެސްދިން ޚާއްސަ އިންޓަރވިއުއެއްގައި ކުރީގެ ރައީސް ޔާމިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތުމުން ބޭނުން ޤާނޫނެއް ހެދިދާނެ ކަމަށާއި، ނަމަވެސް ޤާނޫނެއް ހަދައިގެންވެސް އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤާނޫނަށް ހެދުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ގުޅުން އޮތް ޤައުމީ ހަރަކާތެއްކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފުލް ކޮންޓްރޯލް އޮތުމުން ޤާނޫނު ހެދިދާނެކަމަށާއި، ނަމަވެސް ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކައްރިއްޔާ ތިބުމަކީ ދިވެހި ރައްޔިތުން ޖާގަ ދޭނެކަމެއް ނޫންކަމުގައެވެ.
އެހެންނަމަވެސް އިންޑިއާ އައުޓު ހަރަކާތް ގާނޫނެއް ހެދިޔަސްވެސް ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ ރައީސް ޔާމިން މި ޕްރޮގްރާމްގައި ދެއްކެވި އެންމެ ބޮޑު ހުއްޖަތަކަށް ވެގެން ދިޔައީ، ގާނޫނު އަސާސީ ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކަތަކެވެ. މިގޮތުން، އިސްމާލްދީނުގެ އަސްލަކާއި ފުށުނާރާ ގޮތުގެ މަތިން އަމިއްލަ ބުއްދިއަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމުގެ ފުރުސަތު ގާނޫނު އަސާސީން ލިބިދީފައި އޮންނަ އޮތުމަށް އިޝާރާތް ކުރައްވާ ރައީސް ޔާމިން ވަނީ މި ހައްގަށް އުނިކަން އަންނަ ގޮތަށް ހެދޭ ގާނޫނެއް ބާތިލް ކުރުމަށް ޕީޕީއެމް އިން ޝަރުޢީ މަރުހަލާއާއި ހަމައަށް ދާނޭކަމުގެ އިޝާތްތައްވެސް މި އިންޓަވިއުގައި ކުރައްވާފައެވެ.
ގާނޫނެއް ފާސް ކުރިޔަސް އެއީ ގާނޫނު އަސާސީއައި ޚިލާފް ގާނޫނަކަށް ވާނީ.. ދެން ސުޕްރިމް ކޯޓުގަވެސް ނޫނިއްޔާ ދުސްތޫރީ އެހެން ކޯޓެއްގަވެސް ކިހާވަރެއްގެ ހިތްވަރެއްތޯ ހުންނާނީ، އަޅުގަޑުމެން މިމައްސަލައަށް ޗެލެންޖު ކުރީމަ، ގާނޫނު އަސާސީގަ އެބުނާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދޭ.. ހަމަ ޓެސްޓު ކޮށްލަން ޖެހޭ ކަމެއް.. އެކަމަކު މިއީކީ ހުއްޓުވޭނެ ކަމެއް ނޫން.
ރައީސް ޔާމިން ވިދާޅުވެފައި ވެއެވެ.
ކޮންމެއަކަސް، އިންޑިއާ އައުޓް ކެމްޕޭނުގެ މުޅި އަސާސެއްގެ ގޮތުގައި ފެންނަމުން ދަނީ މަގުމަތީގެ މުޒާހިރާތަކާއި ދެން އޭގެ އިތުރުން، ސޯޝަލް މީޑިއާގައި އިންޑިއާ އައުޓް ހޭޝް ޓެގް ބޭނުން ކޮށްގެން ފާޅު ކުރެވެމުންދާ ޝުޢޫރުތަކެވެ.
އެހެންނަމަވެސް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުންގެ ތެރެއިން ފާޅުކުރެވެމުންދާ މި ޝޫއޫރުތަކުން ފާހަގަވެގެންދާ އެންމެ މުހިންމު އެއް ކަމަކީ، މި ޝޫއޫރުތައް ނިސްބަތްވަނީ ރާއްޖެއާއި ޑިޕްލޮމެޓިކް ގުޅުން އޮތް މިހުންމު ގައުމަކަށް ކަމެވެ. އަދި ގިނަ ފަހަރަށް ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާގެ ފަރާތްތައް ރާއްޖެއިން ބޭރުވުމަށް ގޮވާލުމުގެ ބަދަލުގައި މި ކެމްޕޭނުގެ ޝިއާރެއްގެ ގޮތުގައި ބޭނުން ކުރެވެމުންދާތަން ފެންނަމުން ދަނީވެސް، އޭގެ ޒާތުގައި އިންޑިއާ ރާއްޖެއިން ބޭރުވުމަށް ގޮވާލާ މަންޒަރުވެސް މެއެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުންވެސް، ބޭރުގެ ގައުމުތަކާއެކީ ރާއްޖެއިން ގާއިމް ކޮށްފައިވާ ގުޅުންތައް ނުރަގަޅު ގޮތުގައި ތަމްސީލުވެ، އަދި އޭގެ އަސަރު ޚާރިޖީ ގުޅުމުގެ ދާއިރާއިން ފެނިގެން ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ދެކެމުންނެވެ.
ކޮންމެ ސަރުކާރެއްގައިވެސް ކުރިމަތިވާ މައްސަލައެއް! ދާއިމީ ހައްލެއް ބޭނުން!
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ރޮގު ދަމާލަން ޖެހޭ ހިސާބަކީ ފަހަކަށް އައިސް އަންނަ ކޮންމެ ސަރުކާރަކާއި އޭރަކު އޮންނަ އިދިކޮޅަކާ ދެމެދު އުފެދޭ އެންމެ ބޮޑު ބަހުސް އަދި ދެކޮޅުވެރިކަމުގެ އަސްލަކަށް ވަނީ ވެގެން ގޮސްފައެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގާފައިވާ މަގުމަތީގެ ވަރުގަދަ ހަރަކާތްތަކާއި މުޒާހިރާތައް ހުއްޓުވުމަށް އޭރުގެ ސަރުކާރުން ވަނީ އަސާސީ ހައްގެއްގެ ގޮތުގައި ރައީސް ޔާމިން މިއަދު ސިފަ ކުރައްވަމުން ގެންދަވާ މިހައްގު ހަނި ކުރައްވާފައެވެ. މިގޮތުން 2016 ވަނަ އަހަރު ރައީސް ޔާމިންގެ ސަރުކާރުން ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު، ގާނޫނަށް ގެނައި އިސްލާހަކުން ހަނި ކުރައްވާފައެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން އައި މުޒާހިރާތައް ހުއްޓުވުމަށްޓަކާ، ގާނޫނަށް ގެނައި އިސްލާހުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ހުއްދަ ހޯދުމަކާ ނުލާ މާލޭގައި އެއްވުމުގެ ފުރުސަތު ލިބިދީފައިވަނި ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ.
އަދި، އޭރު އެ އިސްލާޙާ ދަކޮޅަށް އެންމެ ބޮޑަށް އަޑު އުފުލި، މިސަރުކާރުގައި އިސްކޮށް ތިއްބެވި ފަރާތްތަކުންވެސް ދަނީ ހަމަ މިއިސްލާހު މިގޮތުގައި ދަމަހައްޓަމުންކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންނަމަވެސް 2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް ގާނޫނު އަސާސީގައި، ޚިޔާލު ފާޅު ކުރުމާއި، މީޑިއާގެ މިނިވަންކަން ލިބިދީފައިވަނީ، ގާނޫނު އަސާސީގެ 2 ވަނަ ބާބުގެ ތިން މާއްދާއަކުންނެވެ. އެއީ ޖެހިޖެހިގެން އޮތް 27، 28 އަދި 29 ވަނަ މާއްދާއެވެ.
މި މާއްދާތަކުގައި ޚިޔާލު ފާލުކުރުމުގެ މިނިވަންކަން ބަޔާން ކޮށްފައި ވަނީ ތިރީގައި މިވާ ފަދައިންނެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާ (ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން): މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފްނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތުން ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ ކޮންމެ މިނިވަންކަމަކީވެސް، ނުވަތަ ކޮންމެ މަސްއޫލިއްޔަތަކީވެސް އެމިނިވަންކަމެއް ނުވަތަ މަސްއޫލިއްޔަތަކާ އެކީ ޒިންމާތަކެއްވެސް އެކުލެވިގެންވާ ކަންކަން ކަމެވެ. އަދި މީޑީއާތަކަށާއި އާންމު ރައްޔިތުންނަށްވެސް މިނިވަންކަން ލިބިދީފައިވަނީ، ލިބިދީފައިވާ މިނިވަންކަމުގެ ހުދޫދުން ބޭރުވޭތޯ ފާރަވެރި ވުމަށްޓަކާ އުފައްދާފައިވާ މުވައްސަސާތަކުން އަދާކުރާނެ މަސްއޫލިއްޔަތުތައްވެސް ގާނޫނު އަސާސީގައި ލިޔެވި ބަޔާން ކުރުމާވެސް އެކީއެވެ.
އަދި މީގެ އިތުރުން، ގާނޫނު އަސާސީގައި ލިބިދީފައި އަސާސީ ހައްގުތަކަކީ އޭގެ އެންމެ ފުޅާ ދާއިރާގައި ލިބިދީފައިވާ ހަގުތަކަކާއި މިނިވަންކަމަކަށް ވެގެން ދިޔަނަމަވެސް، އިންތަކާއި މިންތައް ހަމަ އެގާނޫނު އަސާސީގައި ކަޑައަޅާ ބަޔާން ކޮށްދީފައި ހުރިކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
މިގޮތުން އަންނަ ކޮންމެ ސަރުކާރެއްގަވެސް، އިދިކޮޅު ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ދައްކަމުންދާ ހުއްޖަތް ކަމުގައިވާ ގާނޫނު އަސާސީގެ 27ވަނަ މާއްދާއިން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް، އެހެން ގާނޫނަކުން ހަނިކުރުމުގެ ފުރުސަތު ހަމަ އެގާނޫނު އަސާސީން ލިބިދީފައި އޮތްކަންވެސް ހަދާން ނައްތާލައިގެން ނުވާނެއެވެ.
އެއީ ގާނޫނު އަސާސީގައި ބުނާ އިސްލާމް ދީނުގެ ހަމަތަކާއި އަސާސްތަކުގެ އެތެރޭގައި ދެމި ތިބެން ޖެހުމުގެ އިތުރުން، މި ހައްގުތައް ހަނިކުރުމުގައި ބަލަންޖެހޭ މިންގަޑެއްގެ ގޮތުގައި، ދުނިޔޭގެ އެހެން ޑިމޮކްރަސީތަކުގައި މިހައްގުތައް ލިބިދީފައި އޮންނަ މިންގަޑުތަކަށް ރިއާޔަތް ކޮށްގެން، މިއަސާސީ ހައްގުތައް ހިފެއްހެއްޓުމުގެ ފުރުސަތު ލިބިދީފައި އޮތް އޮތުމެވެ.
އެހެންނަމުން، ދިވެހިންގެ ދީނާއި، ގައުމިއްޔަތާއި، އަދި ގައުމުގެ މުހިންމު އަސާސްތަކާއި ސަލާމަތާއި ރައްކާތެރިކަމާއި، އެކަންކަމާއި ގުޅުންހުރި ދޭދޭ ގުޅުންތައް ހިމާޔަތް ކުރުމާއި، މިހެންގޮސް، އޭރަކު އޮންނަ ގާނޫނީ ސަރުކާރަކަށް ލޮޅުން އަންނަ މިންގަޑަކުން މިހައްގުތައް ހިފެހެއްޓުމާއި ނުހިފެއްހެއްޓުމުގެ ބަހުސަކީ ކުރުމަށް ޚުދު ގާނޫނު އަސާސީންވެސް ޖާގަ ލިބިދީގައި އޮތް ހައްގެއް ކަމުގައި ދަންނަވަން ޖެހެއެވެ.
އަދި މިއީ ކޮންމެ ސަރުކާރެއްވެސް ބަދަލުގެ ވެގެން ދިއުމާއެކު އެއްބަޔަކު ހަނިކޮށް، އަނެއް ބަޔަކު ފުޅާކޮށް، އެބައެއްގެ ފޭރާމަށް ފެއްތުމަށް، އިދިކޮޅާއި އެއްކޮޅުންވެސް އޭގެ ބޭނުން ކުރަމުންދާ ހައްގަކަށް ވުމާއެކު، މިއީ ގާނޫނީގޮތުން ދާއިމީ ފަރުވާއެއް ލިބެން ޖެހޭ ކަމެއްގެ ގޮތުގައިވެސް މިއަދު މިވަނީ ދެކެން މަޖުބޫރު ވެފައެވެ.