މިސަރުކާރަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަށް ހަށަވަރުކޮށްދިން، ސަރުކާރު ކަމަށާއި، މިސަރުކާރުން އެއްވެސް ރައްޔިތެއްގެ އަސާސީ ހައްގެއް އުނިވާގޮތަށް އަމަލު ނުކުރާނެކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނާއިބު ރައީސް ސަައުދުﷲ އަހުމަދު ވިދާޅު ވެއްޖެއެވެ.
ސައުދު މިފަދައިން ވިދާޅުވީ ސިޔާސީ ގޮތުން ކޮންމެ ފިކުރަކަށް ތާއީދު ކުރި ކަމުގައި ވީނަމަވެސް، އެއްވެސް މީހަކަށް ލިބެންޖެހޭ އަސާސީ ހައްގަކުން މަހުރޫމް ނުކުރެވޭނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބް ރައީސް އަހުމަދު އުޝާމް ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ.
ސައުދު ވިދާޅުވީ މިސަރުކާރަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކޮށް ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ސަރުކާރު ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަސައްކަތް ކުރަމުންދަނީ އެއްވެސް ރައްޔިތަކަށް ތަފާތު ކުރުމެއްނެތި ހައްގުތައް ކަށަަވަރު ކޮށްދެއްވުމަށް ކަމަށާއި، އެކަމަށް މެމްބަރު އުޝާމްވެސް ހެކިވާނެކަމަށެވެ.
ރައީސް ޞާލިހަކީ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށް، ސިޔާސީ ގޮތުން ޚިޔާލު ތަފާތު އެއްބަޔަކާއިއެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް އެކަމުގެ ކާމިޔާބު މިއަދު ހާސިލް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއާއި، ބަނދަރާއި، ނަރުދަމާގެ އެންމެހައި ކަންކަން މިސަރުކާރުން ކޮށްދެމުންދަނީ އެއްވެސް ރަށެއް އެއްވެސް ރައްޔިތެއް ތަފާނު ނުކޮށް ކަމުގައި ސައުދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އަސާސީ ކަންތައް ކުރަމުންދަނީ ވަކި ޕާޓީއަކަށް ވަކި ކުލަޔަކަށް ބެލުމެއްނެތިކަން އުޝާމަށް ޔަގީންވާ ވާނެ. އަދި ރައީސް އަކީ ޚިޔާލު ތަފާތު އެންމެން ގޮވައިގެން އުޅެން އެގި އަމަލުން އެކަން ސާބިތުކޮށް ދީފަ އަދި ކޮށްދެމުންދާ ރައީސެއް.
– ސައުދު ވިދާޅުވިއެވެ.
ރައީސް ޞާލިހު ގެންދަވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އެންމެ އަސާސީ ޚިދުމަތްތަކުގެ ގޮތުގައި ޤާނޫނުން ކަށަވަރުކޮށްދޭ އެންމެހައި ކަންކަން ފަސޭހައިން ހުރިހާ ރަށަކުންވެސް ލިބޭނެ ޚިދުމަތް ގާއިމްކޮށް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.