ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި، ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުގެ 95 ޤައުމަކުންވަނީ 259 ރެކޮމެންޑޭޝަން ދިވެހިރާއްޖެއަށް ހުށަހަޅާފިއެވެ.
4 ނޮވެންބަރު 2020 އިން 6 ނޮވެންބަރު 2020 އަށް ކުރިއަށްދިޔަ ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި، ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް މިއަދު ބޭއްވުނު ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ ސެޝަންގައި ވަނީ އެޑޮޕްޓްކޮށްފައެވެ.
އެގޮތުން، އެ ރިޕޯޓުގައި 4 ނޮވެންބަރު 2020 ގައި ބޭއްވުނު ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 95 މެންބަރު ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ ސެޝަންގައި ވާހަކަ ދެއްކި ހުރިހާ ޤައުމުތަކުން ވަނީ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ޤާނޫނީ އޮނިގަނޑާއި، ޢަދުލު އިންސާފުގެ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކޮށްފައެވެ. އަދި، އަންހެނުންނާއި، ކުޑަކުދިންނާއި، އެނޫންވެސް މުޖުތަމަޢުގެ ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުންދާ މިންނަތް މަސައްކަތްތައް ފާހަގަކުރުމާއެކު، ޤައުމުތަކުންވަނީ އެކަމަށް ތަޢުރީފުކޮށް، ދިވެހިރާއްޖެއިން ހޯދަމުންދާ ތަރައްޤީ އާއި ކާމިޔާބީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަންނަކަން ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގެ ޔޫ.ޕީ.އާރު. ގެ މި ސައިކަލްގައި 95 ޤައުމަކުންވަނީ 259 ރެކޮމެންޑޭޝަން ދިވެހިރާއްޖެއަށް ހުށަހަޅާފައެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބައިވެރިވުމަށާއި، ޖެންޑަރ އިކުއަލިޓީ ޤާއިމްކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުކުޑަކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ދެމެހެއްޓުމަށް ހުށަހަޅައި، ޤައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަންތަކެވެ.
ޤައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކަށް ދިވެހިރާއްޖެއިން ޖަވާބުދާރީވާނީ 14 ޑިސެންބަރު 2020 ގެ ކުރިންނެވެ. ދިވެހިރާއްޖެއިން މި ރެކޮމެންޑޭޝަންތައް ޤަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކަށާއި، އިސްލާމްދީނުގެ އަޞްލުތަކަށް ރިޢާޔަތްކުރާނެއެވެ.
މި ޔޫ.ޕީ.އާރު. ސައިކަލްއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް، ކެބިނެޓްގެ ގިނަ މިނިސްޓަރުން ހިމެނިވަޑައިގެންނެވި އިސް ފަންތީގެ ޑެލެގޭޝަންއަކުން ދިވެހިރާއްޖެ ތަމްޞީލުކުރެވިގެންދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކުރަމެވެ. އަދި ރިވިއު ސެޝަންގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން މުހިންމު ދާއިރާތަކުން އިންޓަރވެންޝަން ދެއްވާފައިވާއިރު، މި އިންޓަރވެންޝަންތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ދިވެހިރާއްޖޭން ހޯދާފައިވާ ކާމިޔާބީއާއި، ތަންފީޛުކުރެވެމުންދާ ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މިއަދު ބޭއްވުނު ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ ސެޝަންގައި، ވަރކިންގ ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް އެޑޮޕްޓްކުރުމާއެކު، ޔޫ.ޕީ.އާރު. ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ނިމުމަކަށް އައީއެވެ. ޔޫ.ޕީ.އާރު. ޕްރޮސެސްއަކީ ކޮންމެ ހަތަރު އަހަރާއި ބައިން ކުރިއަށްދާ ޕްރޮސެސްއެއްކަމަށްވުމުން، ދިވެހިރާއްޖޭގެ ރިވިއު ދެން އޮންނާނީ 2025 ގައެވެ.
ޔޫ.ޕީ.އާރު. ގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔުމުގައި، ޔޫ.ޕީ.އާރު. ނޭޝަނަލް ސްޓޭންޑިންގ ކޮމިޓީންނާއި، ދައުލަތުގެ އެހެން މުއައްސަސާތަކުން ކެނޑިނޭޅި ދެއްވަމުންގެންދެވި އެއްބާރުލެއްވުމަށާއި، ރިވިއު ސެޝަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދެއްވި އެހީތެރިކަމަށް އެޓަރނީ ޖެނެރަލް ޝުކުރު ދަންނަވާފަިވެއެވެ.
ކޮމެންޓު ފޮނުވާ