ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޙާތަބްކޮށް ދަށު ދަރަޖއިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން މިހެން ބުނެފައިވަނީ، މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ ޕީޕީއެމް މެމްބަރު އާދަމް ރަމީޒް، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މުޚާތަބުކޮށް އޯޓިސްޓު މީހެއްކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
ރަމީޒްގެ މި ވާހަކަތައް ކުށްވެރިކޮށް ޖެންޑަރ މިނިސްޓްރިން ބުނީ، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުގެ މިޢަމަލަކީ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ، ޢާއިލާގެ ފަރާތުންނާއި، ޖަމާއަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ހާއްސައެހީތެރިކަމާއި ރައްކާތެރިކަން އުމުރުން ދުވަސްވީ މީހުންނާއި، ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ލިބެންޖެހޭ ޙައްޤު ގެއްލިގެންދިޔަ އަމަލެއްކަމަށެވެ. އަދި ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ރ)ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން މަގުމަތީގައި އުޅޭ ވަގުތުތަކުގައާއި، އެހެނިހެން ވަގުތުތަކުގައިވެސް އެމީހުންނާއި ދިމާކުރުމާއި، ފޮށުމާއި، މަލާމާތްކުރުމާއި ފުރައްސާރަކުރުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވާ މާއްދާއަށް ފެތޭ އަމަލެއްކަމަށްވެސް ޖެންޑަރ މިނިސްޓްރިން ބުންޏެވެ. އެހެންކަމުން މިފަދަ އަމަލުތައް ނުކުރުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މުޙާތަބްކޮށް ދަށު ދަރަޖއިގެ ބަސްތަކެއް މާލެ ސިޓީ ކައުންސިލްގެ މެމްބަރަކު، ކައުންސިލްގެ ރަސްމީ ޖަލްސާއެއްގައި ވިދާޅުވެފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
1/4— Ministry of Gender, Family and Social Services (@MoGFSSmv) January 19, 2022
މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގައި ފެށުނީއްސުރެއް ދައްކަމުންދިޔަ ވާހަކަތަކީ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ހުރަސް އަޅާވާހައާއި، ސަރުކާރުން ކައުންސިލަށް ކުރަމުންދާ ޖެއްސުންތަކުގެ ވާހަކައެވެ. މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަމީޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އެއްވެސް ކަމެއް ވިޔަ ނުދޭން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އަކްރަމް ކަމާލުއްދީންކަމަށެވެ. އަދި އޭނާއަކީ "އޯޓިސްޓިކް" މީހެއްކަމަށް ވިދާޅުވެ ރަމީޒު ވަނީ ވާހަކަ ދައްކަވާފައެވެ.
އަޅުގަނޑު ހައިރާނެއްނުވޭ، ބައެއް މިނިސްޓްރީތަކުގައި އެބަތިބި އޯޓިސްޓިކް ކުދިން. މިގޮތުން އަކްރަމް ކަމާލުއްދީނަކީ އޭގެ ކުއްޖެއްކަމަށް މިބަލަނީ. ސަރުކާރުގެ މިނިސްޓްރީތަކުގެ ބޭފުޅުންގެ ތެރެއިން. އެހެން މިބުނާ ސަބަބަކީ އަޅުގަނޑުމެން ހަމަ މަސައްކަތެއް ކުރަން އެބޭފުޅާ އެބަފޮނުވާ މިކަމެއް ނުވާނެ، އެކަމެއް ނުވާނެ، މިކަމެއް ނުވާނެ ކިޔާފަ ސިޓީ. އެބޭފުޅާއަށް ދެން ސިޓީ ލިޔެވެން އޮތީމަ، ލިޔެފަ ފޮނުވަނީ. ޤާނޫނެއް ނުބައްލަވާ. އެހެންވީމާ އަޅުގަނޑު އަކުރަމް ކަމާލުއްދީނަށް ދަންނަވާލަން ބޭނުންވަނީ އަކްރަމް ކަމާލުއްދީން ހުންނަވާށޭ ޤާނޫނުގެ ތެރޭގައި.
– ރަމީޒު ވިދާޅުވިއެވެ.
މިވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ އެނާއަށް އަމާޒުވެފައެވެ. މިކަމާ ގުޅިގެން، ޖެންޑާ މިނިސްޓަރު އައިޝާ ކޯފާވެ، ފޭސްބުކް ޕޯސްޓެއް ކުރައްވައި ވިދާޅުވެފައި ވަނީ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަޖޫ ޖަހައި މަލާމަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރައްދުވާ ގޮތަށް އެފަދަ ބަސްތައް ބޭނުން ނުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.
ރަމީޒުގެ މިވާހަތަކާއި ގުޅިގެން ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒުވަނީ އޭނާގެ ވާހަކަ ވަގުތުން ހުއްޓުވާފައެވެ. އަދި އެފަދަ ގޮތަކަށް ވާހަކަ ނުދެއްކުމަށް ދަންނަނާވައެވެ. މިބައްދަލުވުމަށްފަހު ރަމީޒު ވަނީ މިކަމަށް މަޢާފަށް އެދިފައެވެ. އަދި މިއީއެއްވެސް ގޮތަކަށް އޯޓިސްޓިކް ކުދިންނަށް ކުޑައިމީސްކޮށް ކޮށް ބުނި އެެއްޗެއް ނޫންކަމަށް ވިދާޅުވެފައެވެ.
މިއަދުގެ ކައުންސިލް ބައްދަލުވުމުގައި އަޅުގަނޑުގެ ވާހަކައިގައި އަކްރަމް ކަމާލުއްދީނަށް މުޚާތަބުކޮށް، އޯޓިސްޓު މީހެއްކަމަށް ބުނެވުނީތީ މަޢާފަށް އެދެން. އެއީ އެއްގޮތަކަށްވެސް އޯޓިސްޓް ކުދިންނަށް ކުޑައިމީސް ބަހެއްގެ ގޮތުގައި ދެކެވަޑައި ނުގަތުން އެދެން. ވަރަށް ބޮޑަށް މަޢާފް.
– ރަމީޒު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލް ގިނަ މެމްބަރުން ވަނީ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ހުރަސް އަޅާތީ އެކަމާއި ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކަވާފައެވެ.