ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވާ ހިތްވަރާ އިރުޝާދު ސްރީލަންކާގެ މުސްތަގުބަލުގެ ލީޑަރުންގެ ހިތްތަކުގާ ބިންވަޅު ނެގޭނެކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، ނަމާލް ރާޖަޕަކްސަ ވިދާލުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސްރީ ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެން ވަނީ އެޤައުމުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. ރައީސް ނަޝީދަކީ ލަންކާގެ އިސް ވެރިންނާއި ގާތް ގުޅުމެއް އޮންނަ ބޭފުލެކެވެ. ރައީސް ނަޝީދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއިވެސް ބައްދަލުކުރައްވާފައެވެ.
ރައީސް ނަޝީދު ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ޑިވެލޮޕްމަންޓް ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އަދި ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް، ނަމާލް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅާއި ގުޅޭގޮތުން ނަމާލް ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި ވަނީ ސްރީލަންކާގެ ނެޝަނަލް ޔޫތް ޕާލަމެންޓްގެ ދެވަނަ ދައުރު ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެންދެއްވީތީ ރައީސް ނަޝީދަށް ޝުކުރު ދަންނަވާފައެވެ. ނަމާލް ވިދިދާޅުވީ ރައީސް ނަޝީދު ދެއްވާ ހިތްވަރާ އިރުޝާދު ސްރީލަންކާގެ މުސްތަގުބަލުގެ ލީޑަރުންގެ ހިތްތަކުގާ ބިންވަޅު ނެގޭނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށެވެ.
ސްރީލަންކާގެ ނެޝަނަލް ޔޫތް ޕާލަމެންޓްގެ ދެވަނަ ދައުރު ޝަރަފުވެރި ކޮށްދެއްވުމަށް ވަޑައިގެންދެއްވީތީ ރައީސް @MohamedNasheed ޝުކުރު ދަންނަވަން. މަނިކުފާނު ދެއްވާ ހިތްވަރާ އިރުޝާދު ސްރީލަންކާގެ މުސްތަގުބަލުގެ ލީޑަރުންގެ ހިތްތަކުގާ ބިންވަޅު ނެގޭނެ ކަމާމެދު އަޅުގަޑު ޝައްކެއް ނުކުރަން. pic.twitter.com/lff7W6ccma
— Namal Rajapaksa (@RajapaksaNamal) January 18, 2022
ރައީސް ނަޝީދުގެ މިދަތުރުފުޅަކީ 5 ވަނަ ސްރީ ލަންކާ ޔޫތު ޕާލަމެންޓުގެ 2 ވަނަ ސެޝަންގައި ޝަރަފުވެރި މެހެމާނެއްގެ ޙައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ސެޝަންއަކީ ސްރީ ލަންކާގެ ޒުވާނުންގެ ލީޑަރޝިޕް ހުނަރުތައް އަށަގެންނެވުމަށާއި، އެހުނަރުތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ނޭޝަނަލް ޔޫތު ސަރވިސަސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ސެޝަންއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކޮލަމްބޯއަށް ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ އިސްވެރިން އަދި އެ ޤައުމުގެ އޮފިޝަލުންނާއި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.