2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އަނެއްކާ ވެސް އެ މައްސަލަ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޯލިޝަންގެ ޤާނޫނީ ޓީމުން ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ބެހޭ މައްސަލައިގައި ސާބިތުކުރެވޭ ވަރަށް ހެކި ހޯދާ، މައްސަލަ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހުގައި އަނެއްކާވެސް ފުލުހަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށާއި، އަދި އިންތިގާލީ އިންސާފުގެ އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.
އެ މައްސަލަތަކުގައި 25 ނުކުތާ ފާހަގަ ކޮށްފައި ވާނެ ކަމަށާއި ތުހުމަތު ކޮށްފައި ވާނީ ޖިނާއީ މައްސަލަތަކަކަށް ކަމަށެވެ. އެ މައްސަލަ އަނެއްކާވެސް ދިރާސާ ކުރި ކުރުމުން އަނގޮޓި ބޭނުން ކޮށްގެން ފާހަގަޖަހައިފައިވާ ކަމަށާއި ދެލި ފުހެވޭ ގަލަމެއް ބޭނުން ކޮށްގެން ފާހަގަޖަހައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދިރާސާތަކުން ފޭކު ވޯޓު ކަރުދާސް ޗާޕުކޮށްގެން ވޯޓުލައިފައިކަން ވެސް ފާހަގަވެފައިވާ ކަމަށެވެ.
އެ ޓީމުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޝަހުސު އޮޅުވައިލުމާއި، ރިޝްވަތު ދިނުމާއި ހިފުން، ވޯޓުކަރުދާސް ޗާޕް ކުރަން ބިޑް ކުރުމުގައި އޮޅުވައިލުން ހިމެނެއެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާއި ނުފޫޒުފޯރުވުމާއި، ރަސްމީ އިދާރާއަކަށް ދޮގުމައުލޫމާތު ދިނުމުގެ އިތުރުން މުވައްޒަފުންނަށް ބިރުދެއްކުން ހިމެނެއެވެ.
މީގެ އިތުރުން މައްސަލަ ދިރާސާ ކުރި ކުރުމުގައި، އުފައްދާފައިހުރި އަނގޮޓިން، ގަލަމެއްގެ ތުނޑު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި އިތުރު ރޮނގުތަކެއް އަޅާފައިވާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށާއި އަދި އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާހުގެ ތެރޭގައި ފޭކް ވޯޓު ކަރުދާސްވެސް ބޭނުންކޮށްފައިވާކަން ޕީޕީއެމްގެ ގާނޫނީ ޓީމުން ކުރި ދިރާސާގެ އަލީގައި ސާބިތުވެފައިވާ ކަމަށް އެބޭފުޅުން މިއަދު ވަނީ ވިދާޅުވެފައެވެ.
އަދި ވޯޓު ކަރުދާސް ޗާޕުކުރުމުގެ ބީލަމުގައި ވެސް އޮޅުވާލާ މަކަރު ހަދާފައިވާކަން ހާމަވާ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ބިރު ދައްކާފައިވާކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އިދިކޮޅުން ވަނީ އިންތިހާބާއި ގުޅިގެން ޝަކުވާތަކެއް ކުރައްވާފައެވެ.
މިމައްސަލަ ފުލުހުންނަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަދި އޮމްބަޑްސްޕާސަންގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.