ވޯޓަކީ ވާޖިބެއް، އަމާނާތެއް! އެއީ ޙާލަތު ބަދަލު ކުރުމަށް ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް!

ވޯޓަކީ ވާޖިބެއް، އަމާނާތެއް! އެއީ ޙާލަތު ބަދަލު ކުރުމަށް ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް!

Author
ހުސެއިން
16 ޖެނުއަރީ 2022 09:43
0

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ޑިކޮމްރަސީގެ ނިޒާމު އަމަލީ ގޮތުން ޖަތުރިބާ ކުރުމުގައި އަދާ ކުރަންޖެހިފައިވާ އެންމެ ބޮޑު ޒިންމާއަކީ، ވޯޓުން ނަތީޖާ ދެއްކުމެވެ. ވޯޓު ލައިގެން ރައްޔިތުންގެ ވެރީން ރައްޔިތުން އިޚްތިޔާރު ކުރުމެވެ. އަދި އެއަށްފަހު ރައްޔިތުންގެ މެޖޯރިޓީން ކަންކަން ނިންމާ، ރައްޔިތުން އިޚްތިޔާރު ކުރާ ވެރީންނާއި މަންދޫބުން ރައްޔިތުންގެ މައްޗަށް ބަސް އިއްވުމެވެ.

މިގޮތުން 2008ވަނަ ދިވެހިރާއްޖެ ބަލައިގަތް އާ ގާނުނު އަސާސީން އެކަށައަޅާދިން އެންމެ މުހިންމު ޑިކޮމްރަޓިކް އަސާސަކީވެސް މިއީއެވެ. ރައްޔިތުންގެ މައްޗަށް ސީދާ ބަސް ބުނަންޖެހޭ މަގާމްތަކަށް ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަންދޫބުން އިންތިޚާބު ކުރުމެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލްތަކަަށް ކައުންސިލަރުން އިންތިޚާބު ކުރުން ހިމެނޭއިރު، މިގަމާތަކަށް ރައްޔިތުންގެ ފަރާތުން ބަސް ބުނާނޭ މީހުން އިޚްތިޔާރު ކުރުމުގެ ހައްޤަކީ "ފެހި ގާނޫނު އަސާސީން" ރައްޔިތުންނަށް ލިބި ދީފައިވާ އަސާސީ ހައްގެކެވެ.

މިގޮތުން ގާނުނު އަސާސީގެ 26 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ތިރީގައި މިވާ ފަދައިންނެވެ.

26. މި ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާހާ ހިދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރަޔިތަކަށްމެ އަންނަނިވި ހައްގުތައް ލިބިގެން ވެއެވެ. (ހ) އިންތިޚާބު ތަކުގައްޔާއި އާންމުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގު.

ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ފަދައިން، ދިވެހި ރައްޔިތުންގެ ތެރެއިން އުމުރުން 18 އަހަރު ފުރިފައިވާ ހަމަ ކޮންމެ މީހަކަށްމެ، ރައްޔިތުންގެ ފަރާތުން މަންދޫބުން އިޚްތިޔާރު ކުރުމަށް ނެގޭ ވޯޓުތަކުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ދާއިރު، އާންމު ވޯޓަކުން މެނުވީ ރައްޔިތުން ތަމްސީލުކުރާ އެއްވެސް މަގާމަކަށް އެއްވެސް ފަރާތަކަށް އާދެވެން ނެތްކަންވެސް ގާނޫނު އަަސާސީއަށް ބަލާލުމުން ވަރަށްވެސް ސާފުކޮށް ފެންނާން އެބައޮތެވެ.

ރައީސް މައުމޫން އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ: ވޯޓު ލުމުގެ ހައްގަކީ އާ ގާނޫނު އަސަސީން ކަށަވަރު ކޮށްދީފައިވަ އެންމެ އަސާސީ އެއް ހައްގު

އެހެންކަމުން ސާފުވާން އޮތް އެއް ހަގީގަތަކީ، ރާއްޖެ ބަލައިގެންފަ އޮތް ރިޔާސީ ނިޒާމުގައި ވޯޓު ލުމާއި، ރައްޔިތުންގެ އުފާފާގަތި ކަމާއި މުސްތަގްބަލް ގުޅި ލާމެހިފައި އޮތް މިންވަރެވެ. އަދި ވޯޓު ލުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގަކަށް ވެގެންދާއިރު، ތިމާމެންގެ ފަރާތުން ބަސް ބުނުމުގެ ފުރުސަތު ވަކިބަޔަކަށް ލިބި ދިނުމަކީ އަދާކުރަންޖެހޭ ގައުމީ އަދި ދީނީވެސް ވާޖިބަކަށް ވެގެންދާ ކަމެވެ.

 

ވޯޓު ލުމުގައި ހޭލުންތެރިކަމެއް ނެތް އާބާދީއެއް!

2008ވަނަ އަހަރު ދިވެހުން ބަލައިގަތް ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތް އެއް ސިފައަކީ މިނިޒާމުގައި ސިޔާސީ ޕާޓީތަކުން އަދާ ކުރަމުންދާ ދައުރެވެ. އަދި ހަމަ އެއާއެކު، މި ސިޔާސީ ޕާޓީތަލުގެ ޕްލެޓްފޯމުގެ ބޭނުންކޮށްގެން، ތިމާމެންގެ އަމިއްލަ އެޖެންޑާތައް ހާސިލް ކުރުމަށް ބައެއް ފަރާތްކުން މަތީ މަގާމްތަކާއި ހަމައަށް ވާސިލް ވުމުމަށް މަގު ތަނަސް ކޮށްފައިވާ މިންވަރުވެސް މެއެވެ.

އެހެންނަމަވެސް ހަމަ އެއާއެކު ފާހަގަވާން އޮތް ކަމަކީ، މިއިން ކޮންމެ ޕާޓީ ޕްލެޓް ފޯމެއްގެ ބޭނުންކޮށްގެން، ސިޔާސީ މަސްރަހުގައި، އަމިއްލަ އެޖެންޑާ ކުރިއެރުވުމުގެ ފުރުސަތު ސިޔާސީ އިސްވެރިންނާއި އަދި ސިޔާސީ ލީޑަރުން ހޯއްދަވާފައިވަނީވެސް ހަމަ ރައްޔިތުންގެ ވޯޓު ހޯދައިގެން ކަންވެސްމެއެވެ. އަދި ފާއިތުވެދިޔަ 14 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިބީދައިން އެތައް އިންތިޚާބެއްގައި އެއްލަވަޔަކަށް، އެއް މިއުޒިކަކަށް ޖެހި އެއް ބެރަކަށް ރައްޔިތުން ނައްޓުވާ، އެރައްޔިތުންގެ ވޯޓު ހޯދައިގެން ވެރީން ވެރީން އެޖެންޑާތައް ކުރިޔަށް ނެރުމުގައި ރާއްޖޭގައި ހޯދާފައިހުރި ކާމިޔާބިތަކެވެ.

މިކަންކަމުގެ ހަގިގީ ސަބަބުތަކާ ދޭތެރޭ ފުންކޮށް ވިސްނާ ފިކުރު ހިންގާލާއިރު، މައިގަޑު އެއް ކަމެއް ފާހަގަ ކޮށްލާންޖެހޭ ކަމުގައި ދަންނަނަވަން ޖެހެއެވެ. އެއީ ރާއްޖޭގެ އާބާދީގެ އުމުރުފުރާތައް ބެހިގެން ގޮސްފައިވާ ގޮތެވެ. މިގޮތުން، ރާއްޖޭގެ އާބާދީގެ %45 އަކީ ޒުވާނުން ކަމުގައި ވިނަމަވެސް، ރަސްމީ ހިސާބުތަކަށް ބަލާއިރު، ޒުވާން އާބާދީގެ ހޭލުންތެރިކަމާއި މަތީ ތައުލީމު ހާސިލްކޮށް، "އިންޓެކެކްޗުއަލް" (ފަންނީ މިންގަޑުގައި) ވިސްނާ ފިކުރުކުރާ މީހުންގެ ނިސްބަތެވެ.

2019ވަނަ އަހަރުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޒުވާން އާބާދީގެ %77 އިންސައްތައަކީ މެދުމަދުރަސީ ތައުލީމު (ސެކަންޑަރީ އެޑިއުކޭޝަން) ފުރިހަމަ ކޮށްފައިވާ ފަރާތްތައް ކަމުގައިވި ނަމަވެސް، މީގެ ތެރެއިން މަތީ ތައުލީމާ ހަމައަށް ދަތުރު ކޮށްފައިވަނި އެންމެ %12 ޒުވާނުންނެވެ. އަދި ހަމަ މި ތަފާސް ހިސާބުތަކުން ދައްކާގޮތުން، ރާއްޖޭގެ ޒުވާން އާބާދީގެ %41 ޒުވާނުންނަކީ ވަޒިފާ އަދާނުކުރާ އަދި ތައުލީމީ ނިޒާމުގެ ތެރޭގައި ތައުލިމު އުގެނެމުން ނުދާ ޒުވާނުންނެވެ. އަދި އެހާތަނާއި ހަމައަށް ފެންނާންހުރި ހިސާބުތަކުން ދައްކާފައިވާ ގޮތުގައި ރާއްޖޭގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރެފައިވަނީ %7.3ގައެވެ.

އެހެންކަމުން ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށްކަމުގައި ވިޔަސްވެސް، ވަޒީފާ އަދާކުރަމުންދާ ގިނަ މީހުންނަކީ އެކަށީގެންވާ ތައުލީމު ލިބިފައި ނެތް މީހުންކަން ފާހަގަވާން ހުރިއިރު، ރާއްޖޭގެ ޒުވާން އާބާދީގެ ގިނަ އަދަދެއްގެ ޒުވާނުންނަކީ ޕްރޮފެޝަނަލް މިންގަޑަކަށް ތައުލީމު އުގެނިފައި ނުވާ ފަރާތްތައް ކަންވެސް މި ތަފާސް ހިސަބުތަކުން ވަރަށްވެސް ރަގަލަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ.

ރާއްޖޭގައި އޮތީ ލީޑަރުން ވާ ވައުދުތަކަށް އިތުބާރުކޮށް، ތަކުރާރުކޮށް އެއް ވައުދުތަކެއް ވެވަޑައިގަތަސް ވޯޓު ދިނުމުހެ ސަގާފަތެއް

އެހެންކަމުން، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ، %55 އަކީ އަދިވެސް 34 އަހަރުން މަތީގެ މީހުންނަށް ވެފައި، މުޅި އާބާދީގެ ބޮޑު ބަޔަކީ ޒަމާނީ ތައުލީމު ލިބިފައި ނެތް ފަރާތްތަކަށް ވެގެން ދާއިރު، ރާއްޖޭއަށް ގެނެވުނު ޒަމާނީ ޑިމޮކްރަސީއަށް ރައްޔިތުންގެ ހޭލުންތެރިކަން އިންތިހާއަށް ކުޑަވެފައި، އައި ބޮޑު ބަދަލަށް ލޯ ހުޅުވިފައި ނެތުމުގެ ފައިދާ ރާއްޖޭގެ ސިޔާސީ ވެރިން އޭގެ އިންތިހާއަށް ފާއިތުވެދިޔަ ތަނުގައި ނަގާފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

 

މާޒީގެ ނަޖިޖާ ވަރަށްވެސް ހިތި؟ ވިސްނާ ފިކުރު ކުރަންޖެހޭ ވަގުތު އަތުވެއްޖެ؟

ފާއިތިވެދިޔަ ތަނުގައި، އިންތިޚާބު ތަކުގައި ރައްޔިތުން ދީފައިވާ ވޯޓުގެ ބޭނުން ކޮށްގެން، މުޖުތަމަޢުގެ އެންމެ ނަގާކިޔާ މިހާއަށް އެންމެ މަތި މަގާމާ ހަމައަށް ވާސިލް ވެވުމުން ނުކުމެފައި ހުރި ނަތިޖާރައް ވަރަށް ސާފުކޮށް ފެންނާ އެހެރީއެވެ. އޭގެ ދިރިހުރި މިސާތަކުންނެވެ.

އިންތިޚާބުތަކުގައި ވާވައުދުތައް ނުފުއްދުނެއްކަމަކު، އަދި އެވައުދުތަކަކަކީ އޭގެ ހަގީގަތްތައް ފަހުން އޮޅުވާލެވެން ހުރި ވައުދުތަކެއްކަންވެސް ގައުމުގެ ސިޔާސީ އިސްވެރީން މިތިބީ ފުރިހަމަޔަށް ރުހި ގަބޫލު ކޮށްގެންވެސް އެހާރާއި މިހާރުގެ ތަޖުރިބާތަކުން ވަރަށްވެސް ރަގަަޅަށް ސާފުވާން އެބަހުއްޓެވެ.

މީގެ އެންމެ ދިރިހުރި އެއް މިސާލަކީ، ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ތެރޭ، މިހާރުވެސް ވެރިކަން ކުރާ އެމްޑީޕީން ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް، އަދި މަޖިލިސް އިންތިޚާބެއްގައިވެސް ވަމުން އައިސްފައިވާ ބޯހިޔާވަހި ކަމުގެ ވައުދުތަކެވެ. މިއީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފާއިތުވެދިޔަ ހުރިހާ އިންތިޚާބެއްގައި އެތައް ގޮތަކުން ޒީނަތްތެރި ކޮށް، ވޯޓު ހޯދުމަށް ވެވަޑައިގަންވަމުންދާ އެއް ވައުދެވެ. އަސާސީ މިހައްގަށް ރައްޔިތުން ބޭނުން ޖެހިފައި ތިބި މިންވަރު ވަޒަންކުރެވި، އަދި މިވައުދަށް ވޯޓު ލިބޭނޭކަން ޔަގީންވެ، މި ވައުދު ފާއިތިވެދިޔަ 13 ވަރަކަށް އަހަރު ވަންދެން ވެވަޑައިގަތް ފަދައިން، މިއަދުވެސް ހަމަ އެބީދައިން އެވައުދު ވެވަޑައިގެން ވޯޓު ހޯއްދަވަމުން ވަޑައިގަންނަވަނީއެވެ.

އެހެންނަމަވެސް، ޕާޓީ ކުލައިން ޖަރީވެ، ވިސްނުމާއި ފިކުރު އިސްނުކޮށް، ޕާޓީލަވައަށް ނަށަމުން ބެރު ދުންމާރީގައި ރައްޔިތުން ނިކުމެ ލަމުންދާ ވޯޓުތަކުން ނަތީޖާއެއް ނުނިކުތެވެ. އަދި މިއުސޫލުން ރައްޔިތުން ވޯޓު ލަމުންދާހާ ހިދަކު ނަތީޖާއެއް ނުނިކުންނާނޭކަން ބައެއް ރައްޔިތުންނަށް ފަހުމް ވިއެއްކަމަކު، ހިތާމައަކީ، މިހާގީގަތް ފަހުމްވާ އާންމު ފަރުދުންގެ އަދަދު އަދިވެސް މަދުކަމެވެ. ހޭލުންތެރިކަން ކުޑަކަމެވެ.

ވޯޓުން ރައްޔިތުން ގޮތް ނިންމުމަކީ ޑިމޮކްރަސީގެ އެއް އަސާސް: އޮލް ހައްލަކީ ރައްޔިތުން ޒިންމާދާރުކަމާއެކު ވޯޓު ލުން

އެހެންނަމަސް ގަބޫކުރަން ޖެހިފައިއޮތް އެއް ހަގިގަގަތަކީ، ވޯޓުލުމުގެ ހައްގާއި އެ އަމާނާތައް ރައްކާތެރި ވުމަކީ، ރައްޔިތުން ކެރިފޯރުންތެރިކަމާއި ގުޅި ލާމެހިގެން ގޮސްފައިވާ ނާޒުކު ނިންމުމެއް ކަމެވެ. އެއީ ވަކި ކުލަޔަކަށް ބަރޯސާކޮށް، ވަކި ޕާޓީއަކުން ތިމާގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކޮށްދޭނެ ކަމަށް ވިސްނައިގެން ވޯޓު ލުމުން ނިކުންނަ ނަތީޖާއަކީ ޕާޓީ އިސްފަރާތްތަކަށް އިސްމަގާމްތަކަށް އާދެވުން ނޫން އެހެން ނަތީޖާއެއް ނޫންކަންވެސް މިއަދު ދިވެހި ރައްޔިތުންނަށް މިވަނީ ގަބޫލުކުރަން މަޖުބުރުވެފައެވެ.

ޕާޓީން ދެއްކީމާ، އެއީ އިލްމެއް ހިލްމެއް، ގާބިލްކަމެއް ނެތް، ތަންދޮރު ފިލާފަ ނެތް، މީހަކަށް ވިޔަސް ނިކުމެ ވޯޓު ލުމުން ނިކުންނަށް ނަތީޖާތައް ދިވެހި ރައްޔިތުންނަށްވުރެ ބޮޑަށް އަމަލީ ގޮތުން ތަޖުރިބާ ކޮށްފައިވާ ފަރާތްތައް މިއަދު ދުނިޔޭގައިވެސް މަދުވާނެ ކަމުގައި ދެންނެވިދާނެއެވެ.

އެހެންކަމުން، އަނެއްކާވެސް ބައި އިލެކްޝަނަކާއި ދާއިރާއެއްގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާއިރު، މި ބައި އިލެކްޝަނަށް ކުރިމަތި ލާފައި ތިބި ކެނޑިޑޭޓުންގެ އެފުށް މިފުށް ރަގަޅަށް ހޯދާ ބަލާ، އިލްމީ، ފަންނީ ގާބިލްކަމުގެ މައްޗަށް މެނުވީ ރައްޔިތުން ނިކުމެ ވޯޓުލައިގެން ނިކުންނާނޭ އިތުރު ނަޖިޖާއެއް ނެތްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. އަދި އޭގެއިން ނިކުންނަ ނަތީޖާއިން، ފާއިތުވި ހުރިހާ މާޒީއެއްފަދައިން، އޭގެ ހިތިރަހަ ރައްޔިތު މީހާގެ ކަރުބުޑުގައި ލުމަކީ އެންމެ ގާތުގައި އޮތް ކަންކަމުގައިވެސް ދަންނަވަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.