އަންނަ ހުކުރުދުވަހު ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

އަންނަ ހުކުރުދުވަހު ރައީސް ޔާމީން ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2022 04:56
0

އަންނަ ހަފްތާގެ ހުކުރު ދުވަހު ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ޔާމީންގެ މިދަތުރުފުޅަކީ، އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ޕީޕީއެެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީއަށް ތާއީދު ހޯދުމަށާއި، ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ހާލު އަހުވާލު އޮޅުންފިލުވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިދަތުރުފުޅުގައި، ރައީސް ޔާމީން ޑޯޓު ޑޯ ހަރަކާތްތަކުގައިވެސް ބައިވެރިވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް މޫސާ ފަތުހީ ރޭ ކޮމަންޑޫއަށް ވަޑައިގަތުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސް ޔާމީން އަންނަ ހުކުރު ދުވަހު ކޮމަންޑޫ ދާއިއާރަށް ވަޑައިގަންނަވާއިރު، އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ޞާލިހު ވަނީ މިއަދު ކޮމަންޑޫއަށް ވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާއަށް އެމްޑީޕީންނާއި ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވަނީ ކެނޑިޑޭޓުން ނެރެފައެވެ. އެމްޑީޕީން ވާދަކުރަނީ މުޙައްމަދު ރާޝިދެވެ. ޕީޕީއެމުން ނެރެފައިވަނީ މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ކެނޑިޑޭޓަކީ އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިހާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.