"އިންޑިއާ އައުޓް" ޓީޝާޓް ނުލާން، އަންގާފައި ނުވާނެ: ފުލުހުން

"އިންޑިއާ އައުޓް" ޓީޝާޓް ނުލާން، އަންގާފައި ނުވާނެ: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
07 ޖެނުއަރީ 2022 02:05
0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން "އިންޑިއާ އައުޓް" ޓީޝާޓު ނުލުމަށް ފުލުހުން އަންގާފައިވާކަމަށް ބުނާ ވާހަތައް ފުލުހުން ދޮގުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، މުޅި ރާއްޖޭގައި ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިއަދު މާލޭގެ މަގުތަކުގައި އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ފުލުހުން ވަނީ އިނގިރޭސިބަހުން އިންޑިއާ އައުޓް ލިޔެފައި ވުމުން ދިވެހި ބަހުން "އިންޑިއާ އައުޓް" ލިޔެގެން ހަރަކާތް ކުރިއަށް ގެންދިއުމަށް އަންގާފައި ކަމަށް އެކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

ހީނާގެ ވާހަކަތަކާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް ފުލުހުން އަންގާފައި ނުވާނެކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ޕާޓީތަކުން ވެސް ބުނަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިިދިކޮޅުން ހިންގާ ޖަރީމާއެއް ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖެ އެތެރެވާ ޑްރަގް ބޯޓުތަކުގެ މައުލޫމާތު އިންޑިޔާ އިން ދޭތީ މި ކެމްޕެއިނަކީ ޑްރަގް ވިޔަފާރި ކުރާ މީހުންނާ ގުޅުން އޮތް ކަމެއް ކަމަށް ތުހުމަތު ކުރައްވައި އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަން ހިންގަމުންދާ ހަރަކާތް ރަސްމީކޮށް ހިންގަން ފަށާފައިވަނީ ރައީސް ޔާމީން މިނިވަންވި ހިސާބުންނެވެ. އަދި މިހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެ އަތޮޅު ތެރޭގައި މި ހަރަކާތް އިދިކޮޅު ކޯލިޝަނުން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ މިއީ ސުލްހަވެރި ހަރަކާތެއް ނޫންކަމަށާއި، މިހަރަކާތް ހުއްޓުވުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގާތްގުޅުމާމެދު ނަފްރަތު އުފައްދައި، ދޮގު ތުހުމަތުތައް ކުރުމަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަމަށްވެސް އޮތް ނުރައްކަލެއްކަމަށް ސަރުކާރުން ވަނީ ކުރިންވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.