ރާއްޖޭގައި މަސައްކަތްކުރާ އަވަށްޓެރި އިންޑިއާގެ ޓީޗަރުންނާއި ޑޮކްޓަރުންގެ މަސައްކަތް ދިވެހީން ފަޚުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގައި ރޭ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ކަމު ނުދަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެތިބުން ކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާގެ ޓީޗަރުންނާއި ޑޮކްޓަރުންގެ އިތުރުން އެ ގައުމުގެ ވިޔަފާރިވެރިން ރާއްޖޭގައި ކުރާ މަސައްކަތް ދިވެހީން ބަލައިގަންނަ ކަމަށާއި ނަމަވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުން ބަލައި ނުގަންނާނެ ކަމަށެވެ.
އިންޑިއާގެ ރައްޔިތުންނާ ދޭތެރޭ އަޅުގަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ގާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާގޮތުން އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާސަތު ރައްކާތެރިކުރުމަށް ބަސް ބުނުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމުގައިވާތީ އެ ވާހަކަ ދެއްކުމުގެ ހައްގު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ކުރިއަށްވުރެ ބާރަށް އަޅުގަނޑުމެން ބުނަންޖެހޭ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އިންޑިއާ އައުޓްގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފައްޓަވާފައިވާ މަސައްކަތަށް ގައުމުދެކެ ލޯބިވާ ކޮންމެ މީހަކު ވެސް ތާއީދު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން އެ ކުރައްވާ މަސައްކަތަކީ މި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި އިސްވެ މަސައްކަތް ކުރަން ޖެހޭނީ ކޮން ބައެއްކަން އަންގައިދިނުމުގެ ނަމޫނާ މަސައްކަތެއް ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި މާލެ އާއި އަތިޅުތެރޭގެ އެކި ރަށްރަށުގައި ޕީޕީއެމް، ޕީއެންސީން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އިންޑިއާ އައުޓްގެ ހަރަކާތް އިތުރަށް ފުޅާކުރެއްވުމަށް ރައީސް ޔާމީން ވަނީ ދާދިފަހުން ނިންމަވާފައެވެ.
އެ ހަރަކާތާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އެއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އަރާފާނެފަދަ ކަމަކަށްވާތީ އެފަދަ ކަމަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ