ރަށްރަށަށް ވެފައިވާ ވައުދުތައް ވަނީ ނިމުމަކާއި ގާތަށް ގޮސްފަ: ރައީސް

ރަށްރަށަށް ވެފައިވާ ވައުދުތައް ވަނީ ނިމުމަކާއި ގާތަށް ގޮސްފަ: ރައީސް

Author
މުޙައްމަދު ޝަޒައިމް
04 ޖެނުއަރީ 2022 01:55
0

އަތޮޅުތެރޭގެ ރަށްތަކަށް މިސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން މިހާރު ނުނިމިހުރީ ވަރަށް ކުޑަ މިންވަރެއްގެ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނ.މާފަރަށް ވަޑައިގެން، މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވަނީ މިބައްދަލުވުމުގައި އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހުރި ކަންބޮޑުވުތައް އަޑުއައްސަވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމަށް ފަހު، މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގިނަ ރަށްރަށަށް ވެފައިވާ ވައުދުތަކުގެ 85-99 ޕަސެންޓުގެ ފުރިހަމަ ކުރެއްވިއްޖެ ކަމަށް ވިދާޅުވި ކަމަށެވެ.

މާފަރު ރައްޔިތުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާފަރު އެއަރޕޯޓާއެކު، މާފަރާއި، ނ.އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް އަދިވެސް އެއަރޕޯޓުގެ ޚިދުމަތް އިތުރަށް ފުރިހަމަ ކުރަންޖެހޭކަން ފާހަގަކުރައްވައި އެއަރޕޯޓުގެ ޖާގަ އިތުރުކޮށް ބޮޑުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ނުކުރެވި ލަސްވެގެންދިޔައީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެއަރޕޯޓު ބޯޑުކުރުމުގެ މަސައްކަތުގެ ބިޑް މަރުހަލާ ނިންމައި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަންވޭގެ ޖާގަ އިތުރުކޮށް، ޓަރމިނަލްވެސް ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓުން ފްލައިޓްތަކަށް ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއަރޕޯޓުގައި ހޮޓަލެއް ތަރައްޤީކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢާއެކު، އެއަރޕޯޓުން އިތުރު ވަޒީފާގެ ފުރުޞަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ފެށެންވާއިރަށްވެސް، އެއަރޕޯޓުގައި ދުވަހުން ދުވަހަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާފަރު ރައްޔިތުންނާއެކު ބޭއްވެވި މި ބައްދަލުކުރެެއްވުމުގައި މާފަރު ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި، ހުށަހެޅި ހުށަހެޅުންތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މާފަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޕްރިންސިޕަލަކު ނެތުމުގެ ދަތިކަމާއި، މަސްވެރިންނާއި އޮނޑިވެރިންނަށް މާފަރު ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.