ހޯމް ސްޓޭ ޓުއަރިޒަމް ރާއްޖެއަަށް! ލޯކަލް ފަތުރުވެރިކަމަށް އާ އުއްމީދަކަށް ވެދާނެތަ؟

ހޯމް ސްޓޭ ޓުއަރިޒަމް ރާއްޖެއަަށް! ލޯކަލް ފަތުރުވެރިކަމަށް އާ އުއްމީދަކަށް ވެދާނެތަ؟

Author
ހުސެއިން
03 ޖެނުއަރީ 2022 08:09
0

ރާއްޖޭގެ ފަތުރުވެރި ކަމަކީ، ދިވެހިރާއްގެ އިގްތިސާދުގެ ލޭނާރެ. އެއީ އެ ސިނާއަތަކާއި ނުލާ ރާއްޖޭގެ އިގްދިސާދު މިހާރު ދިރި ދުނިޔޭގައި ނޯންނާނޭ މިންވަރަށް އެ ސިނާއަތަކަށް ރާއްޖޭގެ އިގްތިސާދު މިހާރު ބަރޯސާ ވެގެން ގޮސްފައި ވާތީއެވެ.

މިހަގީގަތް އެންމެ ބޮޑަށް ސާފްވެގެން ދިޔައީ ކޯވިޑް ކާރިސާގައި ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރަމަށް މަޖުބޫރުވެ، ގިނަ ރިސޯޓުތަކުގެ ހިނގުން ހުއްޓުމަކަށް އައިސް، ރާއްޖޭގެ އިގްތިސާދު އިދަޖެހިގެންދިޔަ ދިއުމުންނެވެ. އަދި އެއަށްފަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަލުން ނަގާ ކޮޅަށް ޖަހަން ކުރަންޖެހުން މަސައްކަތްތަކަށް އެކަނި ވިސްނާލުމުންވެސް، މި ސިނާއަތާއި ދިވެހި އިގްތިސާދާއި އަދި އާންމު ފަރުދުންގެ ފޯރުންތެރިކަމާއި ގުޅިލާމެހިގެން ގޮސްފައިވާ މިންވަރުވެސް ވަރަށްވެސް ރަގަޅަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ.

އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރި އެރުވުމަށް އަބަދުވެސް ކޮންމެ ސަރުކާރަކުންވެސް ވަނީ އެކި ގޮތްގޮތުން ވިސްނާ، މަސައްކަތް ކޮށްފައެވެ. މިގޮތުން މި ސިނާއަތުގައި ވަކިވަކި ރިސޯޓުތަކުގެ މެނޭޖްމަންޓުން އެކަނި އަދާ ކުރަމުން އައި ނުފޫޒުގަދަ ދައުރަށް ނިމުން އައިސް، މީގެ 10 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ލޯކަލް ޓުއަރިޒަމް، ނުވަތަ ގެސްޓް ހައުސް ވިޔަފާރި ތަރައްގީވެ، ރާއްޖޭގެ ބައެއް ރަށްރަށުގެ "ލޯކަލް އިކޮނޮމީ"ތައް މިހާރު ވަނީ ރިސޯޓަކުން ލިބޭ އާމްދަނީ އެއް ދަރަޖައަކަށް އުފުލިފައެވެ. ކ. މާފުއްޓަކީ، މީގެ ދިރިހުރި މިސާލެއްކަމުގައި މިއަދު ދެންނެވެން އެބަ އޮތެވެ.

ދިއްގަރަށް ހޯމް ސްޓޭ ތައާރަފް ކުރެވިގެން ގޮސްފައިވަނީ އާއަހަރުގެ ފެށުމާއެކު

އަދި ގެންސްޓު ހައުސް ވިޔަފާރި ފުޅާވެ، އެ ވިޔަޔަފާރީގެ ތެރެއަށް ރާއްޖެތެރޭގެ ގިނަ ރަށްތަކަށް ވެދެވިފައި ވަނިކޮށް، މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއަށް، ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެ ތައާރަފް ކޮށް، ފަތުރުވެރިކަމުގެ ބިންގާ އިތުރަށް ފުޅާކުރުމަށެވެ. އެއީ، އަޖުމަ ބެލުމުގެ ގޮތުން މިހާރު ސަރުކާރުން ތައާރަފް ކޮށްފައިވާ "ހޯމް ސްޓޭ"ގެ ޓުރަރިޒަމެވެ.

 

ހޯމް ސްޓޭ ޓުއަރިޒަމް، ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެއް!

ހޯމް ސްޓޭ ޓުއަރިޒަމަކީ، ފަތުރުވެރިން ތިބުމަށް ޚާއްސަ ކުރެވޭ، ވަކި ފެންވަރަކަށް ތަރައްގީ ކުރެވޭ ކޮޓަރިތައް އަމިއްލަ ގޭގައި ހަދާ، އެ ކޮޓަރިތައް ފަތުރުވެރިންނަށް ވިއްކުމެވެ. އަދި މިއީ މިހާތަނަށް، ރަށްރަށުގައި ވަކި ގެސްޓު ހައުސްތައް ހަދާ، އެ ތަންތަނަށް ބޮޑު އިންވެސްޓެއް ކޮށްގެން، މި ސިނާއަތުން ލިބެމުން އައި އާމްދަނީ، ބޮޑު އިންވެސްޓަކާ ނުލާ، ކުދި ކުދި އާއިލާތަކާ ހަމައަށް ފޯރުމަށް ހުޅުވިގެން ދާނޭ ދޮރެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މިގޮތުން، މި ވިޔަފާރީގެ ފުރަމަ މަންޒިލެއްގެ ގޮތުގައި މ. ދިއްގަރު ސަރުކާރުން މިވަނީ ހަމަޖައްސާފަ އެވެ. އަދި މިއީ ފަތުރުވެރިކަމުގެ ރިސޯޓުތައް މަދު، ރާއްޖޭގައި އެންމެ ކުޑަ މިންވަރަކަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ ކުރަމުންދާ އެއް ސަރަހައްދު ކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ހޯމް ސްޓޭ ޓުއަރިޒަމް ތަޢާރަފް ކުރުމަށްފަހު، ފަތުރުވެރިންނަށް މި ޚިދުމަތް ފޯރު ކޮށްދޭން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކެއްވެސް ސަރުކާރުން ވަނީ އާންމު ކޮށްފައެވެ. މި ޝަރުތުތަކަކަކީ:

  • ހުއްދަ ދޭނީ އެއް ކޮޓަރި އާއި 5 ކޮޓަރިއާ ދެމެދުގެ އަދަދެއްގެ ކޮޓަރިއަށް
  • ކޮޓަރި ހުންނަން ވާނީ އެ ގެއެއްގެ އާންމު ތަނަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރެއް ލާފަ
  • ކޮޓަރީގައި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ
  • އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ތަންޑެއް ހަރުކޮށްފައި ހުންނަން ޖެހޭނެ
  • ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭ ގޮތަށް، ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުލެވޭ ގޮތަށް ކުޑަ ދޮރެއް ނުވަތަ ފެންލައިޓެއް ހުރުން ލާޒިމް
  • ކޮންމެ ކޮޓަރިއެއްގައި ވަކިން ފާހާނާ ހުންނަ ޖެހޭ
  • ކޮޓަރީގައި ދެ އެނދުން ހުންނަން ޖެހޭ
  • ހޯމް ސްޓޭ ހިންގާ ފަރާތާއި ޓޫރިސްޓުންނާއި 24 ގަޑިއިރު ގުޅޭނެ އިންތިޒާމު ހުންނަން ޖެހޭ
  • ގޭގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ޓޫރިސްޓް މީހާ ޗެކިންވާއިރު ދޭން ޖެހޭ
  • ގެއްލުމުގެ ބަދަލު ލިބޭ ގޮތަށް ތާޑް-ޕާޓީ ލައިބިލިޓީ އިންޝުއަރެންސެއް އޮންނަން ޖެހޭ
  • ފަސްޓް އެއިޑް ކިޓެއް ފަސޭހައިން އަތުޖެހޭ ހިސާބުގައި އޮންނަން ޖެހޭ
  • ޕާސްޕޯޓާއި ފައިސާ އަދި އަގުހުރި ސާމާނު ރައްކާ ކުރެވޭ ފަދަ ސެކިއުރިޓީ ބޮކްސެއް ހުންނަން ލާޒިމް
ދިއްގަރުން ހޯމް ސްޓޭއަށް މަރުހަބާ ކިޔަނީ

ރާއްޖެގައި ހިންގަމުން އަންނަ ގެސްޓު ހައުސްތަކުގައިވެސް އަމަލް ކުރަންޖެހޭ މި އުސޫލުތައް، ހޯމް ސްޓޭ ފަތުރުވެރިކަމަށްވެސް އާންމު ކުރެވިފައި ވާއިރު، މިއަހަރުގެ ފުރަތަމަ ދުވަހު، ހޯމްސްޓޭ ތައާރަފްވެގެން ދިއުމާއެކު، ޓުވަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ، ހޯމް ސްޓޭ ތައާރަފް ކުރެވިގެން ދިޔައީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއިއެކު ބައިވެރިވެވޭނެ ގޮތަކަށް ކަމުގައެވެ.

ހޯމް ސްޓޭ ޓުއަރިޒަމް އަލަށް ތައާރަފް ކުރެވިގެން ގޮސްފައިވާއިރު، ސަރުކާރުގެ ކުރިޔަށް އޮތްތަކުނުގެ އުއްމީދަކީ، މުސްތަގުބަލުގައި މި ވިޔަފާރި ކައުންސިލްތައް ޒިންމާވާ ގޮތަށް އާންމު ކުރަމުން ދިއުމެވެ. މީގެ ތެރޭގައި، މި ވިޔަފާރި ފަށާ ރަށެއްނަމަ، ފަތުރުވެރިންނަށް ޚާއްސަ ޑެސްކެއް ގާއިމް ކުރުމާއި، އަދި މި ޚިދުމަތަށް ޒިންމާވާނޭ ޚާއްސަ ފަރާތެއް ކައުންސިލްގައި ހުރުންފަދަ، ޒިންމާދާރު ކަމާއެކު މި ޚިދުމަތް ފުޅާ ކުރެވޭ އުސޫލުތައް ގާއިމް ކުރުންވެސް ހިމެނެއެވެ.

ހޯމް ސްޓޭއަށް އެންމެ ފުރަތަމަ ދިއްގަރަށް އައިސްފައިވަނީ ސޫދާންގެ ދެމަފިރިއަކު

 

ހުރި ގޮންޖެހުންތަކުގެ ތެރޭގައި މާރކެޓް ކުރުމާއި ބައެއް ފަރާތްތަކުން ދެކޮޅު ހެދުން!

ކޮންމެ ޚިދުމަތަކީ އަލަށް ފަށާއިރު، އޭގައި ގޮންޖެހުންތައް އެކުލެވިގެންދާ، ގިރާ ކުރަންޖެހޭ ގިނަ ހުރަސްތައް އެކުލެވިގެން ދާނޭ ކަންތައްތަކެއް ކަމުގައި ގަބޫލު ކުރަން ޖެހެއެވެ.

މި ބީދައިން، ހޯމް ސްޓޭ ތައާރަފް ކުރެވިގެން ދިއުމާއެކު، މި ޚިދުމަތާވެސް ދެކޮޅަށް އެތައް ބަޔަކުވަނީ ތެދު ވެގެންފައެވެ. އޭގެ ތެރޭގައި ދީނީ ބައެއް އިލްމެވެރިންނާއި ސަރުކާރާ ދެކޮޅަށް އާންމު ގޮތެއްގައި ފާޑި ކިޔަމުންދާ ފަރާތްތައްވެސް ހިމެނޭކަން ފާހަގަ ކޮށްލަން ޖެހެއެވެ. މިފަދަ ގިނަ ފަރާތްތަކުގެ ކަންބޮޑުވުމަކީ، އާންމު މުޖުތަމަޢުގެ ތެރެއަށް މިފަދަ ޚިދުމަތެއް ފުޅާވެގެން ދާއިރު، ދިވެހިންގެ ސަގާފަތާއި ނުގުޅޭ، އަދި ދީނީގޮތުން ގަބޫލު ނުކުރެވޭ ކަންކަން މުޖުތަމަޢުގައި އާންމު ވެގެން ދިއުމުވެ.

އެހެންނަމަވެސް ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ، ގެސްޓުހައުސް ޓުއަރިޒަމް އާންމުން ދިރިއުޅޭ ރަށްތަކަށް ތައާރަފް ކުރެވިގެން ދިއުމާއެކުވެސް ހަމަ މިކަންބޮޑުވުންތައް މި ބީދައިން ހުރިކަމެވެ. އެހެންނަމަވެސް އެ ވިޔަފާރިވެސް ތަރައްގީވަމުން އައި އައުމުގެ ތެރެއިން އުސޫލުތައް ހަރުދަނާ ކުރެވި، އެ ޚިދުމަތް އާންމު މުޖުތަމައުގެ ތެރެއަށް ހޭނި، ލިބޭ އާމްދަނީއާއި އެކީ، އެއީ މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަބޫލު ކުރެވޭ ވިޔަފާރިއަކަށް ވެގެން ގޮސްފައިވާކަމެވެ. އަދި ގެސްޓް ހައުސްތަކުގައި ތިބޭ ގިނަ ފަތުރުވެރިންނަކީވެސް އާންމު މިނިގަޑުތަކަށް ފެތޭ، އުސޫލުތަކަށް ތަބާވާ މެހުމާނުންނަށްވެސް ވެގެން ގޮސްފައިވާކަމެވެ.

ހޯމް ސްޓޭ ތައާރަފް ކުރެވިގެން ދާއިރު، އާންމު ރަށްތަކުގައި ސަގާފަތާ ނުގުޅޭ ކަންކަން ތައާރަފް ވެގެން ހިގައިދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުންވަނީ ފާޅު ކޮށްފަ

އެހެންކަމުން، ހޯމް ސްޓޭ ވިޔަފާރިވެސް މިއުސޫލުގެ ތެރެއަށް މުޅިން ފެތި، އާކަން ކެޑި، ފާޑު ކިޔާ ފަރާތްތަކުގެ އަޑުތައް ކުރިޔަށް އޮތްތަނުގައި މަޑުވެގެންދާނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ ރަގަަޅަށް މާރކެޓް ކުރެވި، މާރކެޓް ހޯދުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން މެނުވީ ވައިގައި ހިފުން ދުރު ވިޔަފާރުއަކަށް ވުމަކީ އެކަށީގެން ވާކަމެކެވެ.

އަދި ގެސްޓް ހައުސް ވިޔަފާރިއާއި މި ވިޔަފާރި ވަކިކުރެވޭނެ ރަގަޅު މިންގަޑުތަކެއް އެކުލަވާލެވި، ބޮޑުމަސް ކުޑަމަސް ކާލާ އުސޫލު އާންމު ވެގެން ދިޔަ ނުދީ، ހޯމް ސްޓޭ އެނދުތައް ޕްރޮމޯޓް ކުރެވޭނެ، މާރކެޓިންގ ޓޫލްތަކެއް ތައާރަފް ކުރެވެން ޖެހެއެވެ. ސަބަބަކީ ވަކި ވަކި ކޮޓަރިތައް އިސްތުހާރު ކޮށްގެން މާރކެޓް ހޯދުމަކީ މި ވިޔަފާރިއަށް ކުރިމަތިވާނޭ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެތީއެވެ.

އާންމު މީހާގެ ޖީބަށް ޑޮލަރު ވަންނާނީ، އާންމު މީހާއަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދެވިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.