ރާއްޖޭގައި މިދުވަސްވަރު ބޭރަށް ހިންގުމާއި، ހޮޑުލުން އިތުރުވަމުންދާތީ މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.
ބޭރަށް ހިންގުމުގެ ބަލި އިތުރުވެފައިވާތީ، އެ އިދާރާ އިން ކުރި ޓްވީޓެއްގައި ވަނީ އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކޮށްފައެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.
ބޭރަށް ހިނގާނަމަ ކުރެވިދާނެ ކަންކަން:
ގިނަ ގިނައިން އަރާމު ކުރުން
ކަންކަމާއި މާ ބޮޑަށް ނުވިސްނުން
ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުން
ލޮނު ހުންނަ ބިސްކޯޒު ކަހަލަ ތަކެތި ބޭނުން ކުރުން
ހަކުރު ގިނަ އަދި ތެޔޮކަން ގަދަ ކާނާ ބޭނުން ނުކުރުން
ކޮފީ ބޭނުން ނުކުރުން
ރާއްޖޭގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ވޭދަނަތައް އިތުރުވަމުން އަންނައިރު، ދޭތެރެ ދޭތެރެއިން އަރިދަފުސް ރޯގާ ކަހަލަ ބަލިތައް ރާއްޖޭގައި އިތުރުވާކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަރަށް ބޮޑަށް އިތުރުވިއެވެ.
ކޮމެންޓު ފޮނުވާ