ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލައިނޮލް މެސީ ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މެސީ ޕޮޒިޓިވްވެފައިވާކަން ހާމަކޮށް، ޕީއެސްސީން ޖެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެސީއާއިއެކު އެހެން ގިނަ ކުޅުންތެރިން ތަކެއްވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. ނަމަވެސް އެކުޅުންތެރިންގެ ތަފްސީލްތަކެއް އެ ކްލަބުން އަދި ހާމަކޮށްފައި ނުވެއެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 7 ފަހަރު ހޯދާފައިވާ މެސީ އަކީ ޕީއެސްޖީގެ އެންމެ މުހިންމު އެއްކުޅުންތެރިޔާއެވެ. މެސީ ވަނީ ކޮޕާ އެމެރިކާ އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރުމުގެ އިތުރުން 2021 ވަނަ އަހަރުގެ ތެރޭގައި 40 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި ބާސެލޯނާއަށް ޖަހައިދިން 28 ލަނޑާއި މިހާރު ކުޅެމުންދާ ޕެރިސް ސެއިންޓް ޖަރމެއިންއަށް ޖަހައިދީފައިވާ 4 ލަނޑާއި އާޖެންޓީނާއަށް ކާމިޔާބުކޮށްދިން އަށް ލަނޑު ހިމެނެއެވެ.
ޔޫރަޕް ސަރަހައްދުގައި ކޯވިޑް-19 ވަރަށް ބާރަށް ފަތުރި، ގިނަ އަދަދެއްގެ ފުޓުބޯޅަ ކުޅުންތެރިންވެސް މިދުވަސްރު ދަނީ ކޯވިޑަށް ޕޮޒިޓިވްވަމުންނެވެ. މިއާއިއެކު ގިނަ މެޗުތަކެއް ދަނީ ފަސް ކުރަމުންނެވެ.