ހޯމްސްޓޭ ތަޢާރަފްކުރުން ހުއްޓާލުމަށް ޖަމްއިއްޔަތުއް ސަލަފުން ސަރުކާރަށް ގޮވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން މިއަހަރު އެންމެ އިސްކަމެއް ދީގެން ކުރަން ރާވަފައިވާ ހޯމް ސްޓޭ ވިޔަފާރި އާއި ގުޅިގެން ޖަމިއްޔަތުލް ސަލަފްގެ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަމާނުއްސުރެ ދިވެހިންނަކީ ރިވެތި އަޚްލާޤާއި ހަރުދަނާ ދިރިއުޅުމުގެ ސާދާ ވައްޓަފާޅިއަކަށް ދިރިއުޅެމުން އައިސްފައިވާ ސައްތައިން ސައްތަ އިސްލާމީ ސުންނީ މުޖުތަމަޢެއްކަމަށެވެ. ފުދުންތެރިކަން އިތުރުކޮށް ތަރައްޤީގެ މަގުގައި ޤައުމު ފިޔަވަޅުތައް އަޅަމުން މިހާ ހިސާބަށް އައިސްފައިވާއިރުވެސް މިދެންނެވި ސާދާ ދިވެހިވަންތަ ވައްޓަފާޅި ދެމެހެއްޓުމަށް އިސްކަންދީފައިވާކަން ތާރީޚް ހެކިދޭކަމަށެވެ.
އެގޮތުން 1972 ގައި ފަތުރުވެރިކަން ތަޢާރަފުކުރިއިރުވެސް ފަޅުރަށްރަށުގައި ރިސޯޓު ހަދާފައިވުމާއި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ހެދުން އެޅުމާއި އެހެނިހެން ކަންކަމުގައިވެސް އެމީހުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކެއް އެކަށައަޅާފައިވާކަމަށެވެ. އަދިހަމަ އެހެންމެ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުން އެތައް އަހަރުތަކަކަށް މަނާކޮށްފައި އޮތް އޮތުންވެސް ފާހަގަކޮށްލެވޭކަމަށެވެ. ނަމަވެސް ތަރައްޤީގެ ނަމުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ތަޢާރަފުކޮށް ބަނގުރާ ޢާއްމުކުރުމަށް ހައްދުފަހަނަ އަޅާފައިވާ ލާދީނީ ބާރުތަކުން މަސައްކަތް ކޮށްފައިވާކަމީ މާޒީން ފެންނަށް އޮތް ޙަޤީޤަތްކަމަށެވެ.
މިމަގަށް ކަންތައްތައް ހިނގަމުން އަންނަނިކޮށް 2022 ވަނައަހަރު އަނެއްކާވެސް މުޅިން އައުވައްތަރަކަށް ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ނަމުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ގޯތި ގެދޮރުތަކުގައި ‘ހޯމް ސްޓޭ’ ތަޢާރަފްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ މާދުރުނޫން މުސްތަޤުބަލެއްގައި މި އިސްލާމީ ޤައުމުގެ ކުރިއަށް އޮތް ޖީލުގެ އަޚްލާޤިއްޔާތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިގެންދާނެ ކަމެއްކަމަށް މި ޖަމްޢިއްޔާއިން ދެކެން. މުޖުތަމަޢުގައި ހެޔޮކަންކަމަށް އަމުރުކުރުމާއި، މުންކަރާތްތަކާއި އެކަންކަމަށް ހުޅުވޭ އެންމެހައި ދޮރުތައް ބަންދުކޮށް އިސްލާމީ މުޖުތަމަޢު ހެޔޮރަނގަޅު މުޖުތަމަޢެއްގެ ގޮތުގައި ހިފެހެއްޓުމީ އިސްލާމީ ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާއާ މަތިކުރެވިފައިވާ ޝަރުޢީ އަދި ދުސްތޫރީ ޒިންމާއެއްކަން ކަށަވަރު.
– ސަލަފު ބަޔާނުގައި ބުނެފައިވެއެވެ.
ގެސްޓުހައުންގެ ގޮތުގައި ފަރުތުވެރިންނަށް ޚިދުމަތް ދިނުމަށް ވަކިވަކި ތަންތައް ހަދައި ހިންގަމުންދިޔުމުގެ ސަބަބުން ރަށްރަށުގައި މުންކަރާތައް ޢާންމުވަމުންދާއިރު، މީހުން ދިރިއުޅޭ ގޭގޭ ތެރޭގައި މިކަން ތަޢާރަފު ކުރުމަކީ އޭގެ ސަބަބުން އެބައެއްގެ ޙިމާޔަތާއި ރައްކާތެރިކަމުގައި އަޅުގަނޑުމެންގެ ޖާނާއި މާލުން ޤުރުބާންވާންޖެހޭ، އަޅުގަނޑުމެން އަހުލުންނާއި، ދަރިންގެ ޢިއްފަތާއި،އަބުރުގެއްލި،ޢާއިލާތައް ރޫޅި، މިޤައުމުގެ އިސްލާމީ ޘަޤާފަތް ގެއްލިގެން ދާނެކަމެއްކަމެއްކަމަށް ސަލަފުން ވަނީ ބުނެފައެވެ.
ވީއިރު، ފައިސާގެ ދަހިވެތިކަމުގައި، އެމީހެއްގެ ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ލޯބިވާ އަންހެން ނުވަތަ ފިރިހެން ދަރިފުޅާއެކު، އެއްވެސް ހުރަސްވެރިކަމެއްނެތި، އެއް ސިޓިން ރޫމުގައި، އެއް އުނދޯލީގައި އެއްތަށިމަތީގައި، ހީސަމާސާކޮށް ހަނގާކުރެވޭ ބައެއްގެ ގޮތުގައި، އަޅުގަނޑުމެންގެ ދީނާއި، އަޚުލާޤާއި ޘަޤާފަތާ ބީރައްޓެހި، ބޭރުކަރަކަރައާއި ވިލާތުގެ މީސްމީހުންގެ އަތްމައްޗަށް ދޫކޮށްލުމީ ހަމަކަށަވަރުންވެސް އަޅުގަނޑުމެން ދައްޔޫސުންގެ ގޮތުގައި ހިމެނިގެންދާނެ ކަމެއްކަން ކަށަވަރު. އަދި އެއީ އަޅުގަނޑުމެން ކޮންމެ ފަރުދަކާ މާތް ﷲ ގެ ޝަރީޢަތުން މަތި ކުރައްވާފައިވާ ޝަރުޢީ ޒިންމާ ބޮލާލައި ޖެހުންކަމުގައި ނޫނީ ނުވާނެ.
– ސަލަފުން ބުނެފައިވެއެވެ.
އެހެންކަމުން ހޯމްސްޓޭ ތަޢާރަފްކުރުން ހުއްޓާލުމަށް ސަލަފުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ދަނޑުވެރިކަމާއި މަސްވެރިކަމާއި ކުދިފަންތީގެ އެހެނިހެން ވިޔަފާރިތައް ފުޅާކޮށްދިނުމަށް ސަރުކާރުން އިސްނެގުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހަމަ މި ފުރުޞަތުގައި ލިބޭ މާލީ މަންފާއަށް ޓަކައި ދަރިންގެ މުސްތަޤްބަލު ނުރައްކަލުގެ ތެރެއަށް ވައްޓާނުލުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް ޖަމްޢިއްޔަތުއްސަލަފުން ވަނީ ގޮވާލާފައެވެ.
One Response
ހަމަ އެކަނި ޑޮލަރު ކޮޅެއްގެ ބޭނުމުގަ ، މިދެން ބޮޑުވަރު، މިހާރު ކޮޓަރި ޝެއާ ކުރަން ފެށީ، ދެން ފަށާނީ ބެޑް ޝެއާ ކުރަންކަން ނޭގޭ…މި އީ ރޭވިގެން ރަތްރޮގު ރައީސު ކުރުވާކަންތައް