އެމްޑީޕީއާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު އިހުތިޔާރު ކުރަން ޖެހިއްޖެ ކޮންމެ ހާލެއްގައި ވެސް، އިހުތިޔާރު ކުރައްވާނީ މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ދުވަހުގެ ކޮންމެ ވަގުތެއްގައި، އަދި އަހަރުގެ ކޮންމެ ދުވަހެއްގައި ވެސް، އެމްޑީޕީގެ މައްޗަށް އެމަނިކުފާނު އިހުތިޔާރު ކުރައްވާނީ މުއިއްޒު ކަމަށެވެ. އަދި ދެން އޮތް ގޮތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ތާއީދުކުރެއްވުން ކަމަށްވާއިރު، އެ ގޮތް ވެސް އެމަނިކުފާނު ނުހިއްޕަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީއަކީ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް ފާޅުގައި އަރައިގަތް ބައެއް ކަމަށާއި، ހަމައެކަނި ނަމުން ޑިމޮކްރަޓިކް ވުމަކީ ޑިމޮކްރަސީ ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ޔާމީން ފާހަގަކުރެއްވީ، މުޅި ފަނޑިޔާރުގެ ބަދަލުކޮށްލަން އެ ޕާޓީން ކުރި މަސައްކަތާއި، ޖޭއެސްސީ ހުޅުވައިގެން ރޭގަނޑު ދަންވަރު ކުރި ކަންތައްތަކެވެ.
ރާއްޖެއަކީ އިސްލާމީ ދައުލަތެއް ކަމަށްވާއިރު، ރާއްޖޭގައި އޮންނާނީ މި ގައުމަށް ފިޓުވާ ޑިމޮކްރަސީއެއް ކަމަށާއި، އެ ޑިމޮކްރަސީއަކީ އަބަދުވެސް ބަދަލު އަންނަން ޖެހޭ އެއްޗެއް ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮންމެހެން ތައުލީމު ހާސިލުކުރައްވައިގެން ތިއްބެވި ބޭފުޅުން ވާން ނުޖެހޭ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ދާދި ފަހުން ވިދާޅުވުމާ ގުޅިގެން، އެ ވާހަކައަށް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ކޮރަޕްޝަނާއި ނުރަނގަޅު ހުރިހާ ކަމެއް ނައްތާލަން ވެސް އެންމެ އައުލާކަން ބޮޑީ އިލްމު ކަމަށާއި، އިލްމު އުނގެނިގެން ތިބޭ ބަޔަކު ތިބޭނަމަ، ކޮރަޕްޝަންގެ ކަންތައްތައް ކުރަން ޖެހިލުންވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޑީޕީން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" އުފުލެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ބޮލުގައި އެޅޭނެ ބޮޑު ތަކުލީފެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ