ޕާޓީގެ އިސް ބައެއް ފަރާތްތައް އަދާލަތު ޕާޓީއާއި ދުރަށް! ލީޑަރޝިޕް ހަނު!

ޕާޓީގެ އިސް ބައެއް ފަރާތްތައް އަދާލަތު ޕާޓީއާއި ދުރަށް! ލީޑަރޝިޕް ހަނު!

Author
ހުސެއިން
30 ޑިސެމްބަރ 2021 10:02
0

2008ވަނަ އަހަރު ރާއްޖެ ބަލައިގަތް އާ ގާނޫނު އަސާސީން އެކަށަ އަޅައިދިން މަލްޓި ޕާޓީ ޑިމޮކްރަސީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މުވައްސަސާތަކަކީ އެ ނިޒާމު ދިރި ދަމަހައްޓަމުން އަންނަ ސިޔާސީ ޕާޓީތަކެވެ. މިގޮތުން މި ސިޔާސީ ޕާޓީތައް އޭގެ ޒާތުގައި މަސައްކަތްކޮށް، އަދި އިންތުޚާބުތަކުގައި ވާދަކޮށް، އަދި ޕާޓީ ޕްލެފޯމްތަކުގައި ސަރުކާރުގެ އިސް މަގާމްތަކަށް ގިނަ ބަޔަކު އައުމަކީ މިއަދުގެ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ އާންމު ހަގީގަތް ކަމުގައިވެސް ދަންނަވަން ޖެގެއެވެ.

އަދި ހަމަ އެފަދައިން، ސިޔާސީ، ޕާޓީތަކުގެ ތެރެއިން އިސްވެ ދެންނެވުނު މަގާމްތަކަށް އާދެވި، އަދި ސިޔާސީ މަސައްކަތް ކުރެވޭނެ ފުސަތު ފަހިވެގެން ދިޔަ ނިސްބަތަކުން ޕާޓީ ޕްލެޓްފޯމު ބަދަލުކޮށް، ޕާޓީއަކާއި ގުޅޭ މީހުންގެ އަދަދު ގިނަ ވަމުންދާ ބީދައިން، އެ ޕާޓީއެއްގެ ތެރޭގައި ޑިމޮކްރަސީގެ ހަމަތައް ނެތި، ހަރަކާތްތައް މަޑުޖެހި، އަދި ކުރިޔަށް ދިއުމުގެ ފުރުސަތު ހަނިވަމުން ދިޔަ މިންވަރެއްގެ މައްޗަށް ޕާޓީތަކާއި ސިޔާސީ ފަރާތްތައް ދުރަށް ޖެހި ޕާޓީތައް ހީނަރު ވަމުންދާ ތަންވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ދަނީ ފެންނަމުންވެ.

އެހެންނަމަވެސް، 2008 ވަނަ އަހަރުގެ އާ ގާނުނު އަސާސީން ދިވެހިން ބަލައިގެންފައިވާ މަލްޓި ޕާޓީގެ ނިޒާމުގެ ދިރި ދެމި އޮތުމަށްޓަކާ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިގެން ގޮސްފައިވާ ސިޔާސީ ޕާޓީތައް ހަރުދަނާ ކަމާއެކު، ވަރުގަދަކޮށް ދެމިއޮތުމަކީ ކޮންމެހެންވެސް މުހިންމެކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ.

އަދި ހަމަ އެއާއެކު، ޕާޓީތައް ހީނަރުވެ، ބަލިކަށިވެ، މަދު ސިޔާސީ ޕާޓީތަކެއް އަތްމައްޗަށް ބާރުތައް ޖަމާވަމުން ދިއުމަކީ، ސިޔާސީ މަސްރަހު ޚުދުމުޚްތާރުވެ، އަދި މަދުބަޔަކަށް އެކަނި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ފަހިވެ، ސިޔާސީ ގޮތުން ގައުމުގައި އޮތް ހަމަޖެހުން ނެތިގެން ދިއުމުގެ ދޮރު ހުޅުވިގެންދާން އޮތް މަގެއްކަމުގައިވެސް ގަބޫލު ކުރަން ޖެހެއެވެ.

އަދާލަތު ޕާޓީގެ ރައީސް މިވަގުތު ހުންނެވީ ކޯލިޝަން ސަރުކާރުގެ ހޯމް މިނިސްޓަރު ކަމުގަ

 

އަދާލަތު ޕާޓީގެ އިސް ބައެއް ފަރާތްތައް ޕާޓީއާއި ދުރަށް!
2008ވަނަ އަހަރުގެ އާ ގާނޫނު އަސާސީން ގެނައި ޑިމޮކްރަސީގެ އާ ނިޒާމުގެ ތެރެއަށް އެންމެ ފުރަތަމަ ވުޖޫދުވެގެން އައީ މަދު ދެތިން ސިޔާސީ ޕާޓީއެކެވެ. އެއީ އޭރުގެ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް، އެމްޑީޕީގެ އިތުރުން، އޭރު ވެރިކަން ކުރައްވަމުން ވަޑައިގެންނެވި ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގެ އިތުރުން، ދިނީ އިލްމުވެރިންގެ މައްޗަށް އޭރު އެކުލެވިފައިއޮތް އަދާލަތު ޕާޓީއެވެ.

އަދި އޭގެ އިތުރުން، އޭރު ޖެހިގެން އައި ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އުފެދިގެން އައި ޖުމުހޫރީ ޕާޓީ އުފައްދާފައިވަނީ، މަހުޖަނު ގާސިމް އިބުރާހިމްގެ އިތުރުން، އޭރުގެ ސިޔާސީ މަސްރަހުގައި ތިއްބެވި ސިޔާސީ އިސް ބޭފުޅުންކޮޅެއް އެކުވެގެންނެވެ.

އެހެންނަމަވެސް އެއަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުން އެތައްކެއް ޕާޓީތަކެއް ވުޖޫދުވެ، ނެތިގެން ގޮސްފައި އެބަހުއްޓެވެ. އަދި އެންމެ ފުރަތަަ ވުޖޫދުވެގެން އައި ބައެއް ސިޔާސީ ޕާޓީތަކުން ބަޑުން ވިހެއި ޕާޓީތައް މިއަދުވެސް ހަރަކާތްތެރިވަމުން ދާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ އެއް މިސާލަކީ މިހާރުގެ ޕީޕީއެމްއެވެ. ސަބަބަކީ، ޕީޕީއެމްއަކީ، އޭރު ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގައި އިސްކޮށް ތިއްބެވި ބޭފުޅުން އިސްވެ އުފެއްދެވި ޕާޓިއަކަށް ވާތީއެވެ.

އެހެންކަމުން، ރާއްޖޭގައި، ޑިމޮކްރަސީގެ ކުރު ހަޔާތުގައި ފާއިތުވެދިޔަ ތަނުގައި، ގިނަ ސިޔާސީ ޕާޓީތަކެއް ވުޖޫދުވެ އަދި ނެތިގެން ގޮސްފައިވި ނަމަވެސް، އަދާލަތު ޕާޓީ ފާހަގަވެގެން ގޮސްފައިވަނީ، އުވި ނުގޮސް ފާއިތުވެދިޔަ މުއްދަތުގައި އޮތް، އަދި ފާއިތުވެދިޔަ 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އައި ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް "އަޑުގަދަ" މުހިންމު ދައުރެއް އަދާ ކޮށްފައިވާ ޕާޓީއެއްގެ ގޮތުގައެވެ. އަދި އެޕާޓީން ވަނީ، 2008 ވަނަ އަހަރަށްފަހު އައި 3 ރިޔާސީ އިންތިޚާބުގައިވެސް "ދީނީ ކާޑު" ވަަރަށްވެސް ފުރިހަމަޔަށް ކުޅެފައިކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މީގެތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަންޖެހެނީ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައި ރިޔާސީ އިންތިޚާބަށް އުފެއްދި ކޯލިޝަންގައި އެޕާޓީން މުހިންމު ދައުރެއް އަދާކޮށް، އެ އިންތިޚާބަށްފަހު އެޕާޓީގެ އިސް ބައެއް ބެފުޅުން ސަރުކާރުގެ އިސް ބައެއް މަގާމްތަކަށް ވަޑައިގަތް ގަތުމެވެ.

މިގޮތުން ޕާޓީގެ ރައީސް ވަޑައިގެންނެވީ ހޯމް މިނިސްޓަރުކަމުގެ މަގާމަށެވެ. ޕާޓީގެ އޭރުގެ ނާއިބު ރައީސް އަލީ ޒާހިރު ވަޑައިގެންނެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމަށެވެ. ޕާޓީގެ އިސް ބޭފުޅެއްގެ ގޮތުން ޝިދާތާ ޝަރީފް ޖެންޑަރ މިނިސްޓަރު ކަމަށް ވަޑައިގެންނެވި ނަމަވެސް، އޭނާ ވަނީ ފަހުން މަޖުބޫރީ ހާލަތެއްގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަންގެ އެންމެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް

އެހެންނަމަވެސް، އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަންގެ ވެރިކަމުގައި ޕާޓީގެ އިސް، މަދު ބޭފުޅުން ކޮޅެއް އިސް މަގާމަތަކުގައި ތިއްބެވި ނަމަވެސް، ދައުރުގެ މެދަކާއި ހަމައަށް އައިއިރު، އަދާލަތު ޕާޓީގެތެރެއިން ފެންނާން ފަށާފައި މިވަނީ އެޕާޓީގެ އެންމެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ޕާޓީ ދޫކުރައްވާ ދުރަށް ވަޑައިގަންނަވަން ފެށި މަންޒަރެވެ.

މިގޮތުން ޕާޓީގެ ފަރާތުން މިސަރުކާރުގެ އެންމެ ފުރަތަމަ ޖެންޑަރ މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާ ޝަރީޕް މީގެ 3 މަސްކުރިން އަދާލަތު ޕާޓިންވަނީ ވަކިވެ ވަޑައިގެންފައެވެ. އެއަށްފަހު އޭނާ ގުޅި ވަޑައިގެންނެވީ ކާނަލް ނާޒިމް އިސްވެ ހުންނަވާ އަލަށް އުފެއްދި އެމްއެންޕީއާއެވެ.

އެއަށްފަހު ފެނިގެން މިދިޔައީ، އެޕާޓީގެ އެންމެ އިސް އެއް މެމްބަރެއްގެ ގޮތުގައި ހުންނެވި، މަނުކުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ޕާޓީން ވަކިވެވަޑައިގެންނެވި މަންޒަރެވެ. ޕާޓީ ދޫކުރައްވަމުން އަނާރާ ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީގައި ހުންނަވައިގެން، ސިޔާސީ ގޮތުން ކުރިޔަށް ވަޑައިގެންނެވެނޭ އެއްވެސް މަގެއް ފެނިވަޑައި ނުގަތްކަމަށެވެ.

އެހެންނަމަވެސް، ޕާޓީގެ އިސްސަފުގައި ތިއްބެވި މުހިންމު ބައެއް ބޭފުޅުން އަދާލަތު ޕާޓީއާއި ދުރަށް ވަޑައިގެންނެވި ނަމަވެސް، ޕާޓީގެ ލީޑަރޝިޕް އޮތީ ހަނުއެވެ. ލީޑަރޝިޕްގެ އެއްވެސް ބަހެއް ނެތެވެ.

 

ލީޑަރޝިޕްގައި ދިރުމެއް ނެތީތަ؟ ޕާޓީ އުފެއްދި އަސާސްތައް މުގުރުނީތަ؟

އަދާލަތު ޕާޓީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވުމަށްފަހު ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި ޝިދާތާ ޝަރީފް ސަރުކާރުގެ ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރު ކުރެވުމުން، ޕާޓީގެ ރައީސް އޭރު ވިދާޅުވެފައިވަނީ، ޝިދާތާ ޝަރީފްގެ "ސިޔާސީ ތަރި" އޮއްސެން ގާތްވެސް ނުވާ ކަމުގައެވެ.

އެހެންނަމަވެސް، ޝިދާތާއާ ދޭތެރޭ ކޯލިޝަން ސަރުކާރުން އަމަލް ކުރި އިހާނާތްތެރި ގޮތާމެދު ހަމްދަރުދީގެ ބަހެއްހާ މިންވަރުވެސް އަދާލަތުޕާޓީގެ ލީޑަރޝިޕުން ވިދާޅުވި މަންޒަރު ފެނިގެނެއް ނުދިޔައެވެ. އަމުދުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ޕާޓީގެ ލީޑަރޝިޕްގެ މަދު އިސް ބޭފުޅުން ތިއްބެވީ ހަނުއެވެ.

ހަމަ އެބީދައިން، އަދާލަތު ޕާޓިއަކީ އަބަދުވެސް އިންސާފާއި ހަމަހަމަކަށް ގޮވާލާ އަދި ދީނީ އަސާސްތައް ނެގެހެއްޓުމަށް ވަކާލާތުކުރަމުންއައި ޕާޓީއަކަށް ވުމާއެކު، ޕާޓީގެ ލީޑަރޝިޕްގެ ބައެއް ފަރާތްތަކަށް ދައުލަތުގެ ވަޒީކަމާހަމައަށް ދަތުރު ކުރެވުމުން ޚުދު އެބޭފުޅުން މިއަަސާސްތައް ވަކީން ބޮޑަށް ނަގަހައްޓަވާނޭކަމަށްވެސް ގިބަޔަކުވަނީ އުއްމީދު ކޮށްފައި ކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

ޕާޓީން ވަކިވަމުން އަނާރާ ވިދާޅުވެފައިވަނީ، ސިޔާސީ ގޮތުން ކުރިޔަށް ދިއުމުގެ ފުރުސަތު ޕާޓީގެ ތެރޭގައި ނެތްކަމަށް

މީގެ ތެރޭގައި ވަކީން ޚާއްސަ ގޮތެއްގައި، ޕާޓީގެ ރައީސް ޝެއިޚް އިމްރާންއަކީ އެއްވެ އުޅުމުގެ މިނިވަކަން ހިމާޔަތް ކުރުމަށް އެންމެ ބޮޑަށް އަޑު އުފުއްލެވި އެއް ބޭފުޅަކަށް ވެފައި، އެ މިނިވަންކަން ހިމާޔަތް ކުރުމުގެ ފުރުސަތު ޚުދު އެބޭފުޅާއަށް ލިބިވަޑައިގަތުމުން، އެހައްގު ފުރިހަމަޔަށް ހިމާޔަތް ކުރައްވާނޭކަމުގައިވެސް ގިނަޔަބަކު ވަނީ އުއްމީދު ކޮށްފައެވެ.

އެހެންނަމަވެސް، ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަން ރައީސް ޔާމިންގެ ސަރުކާރުން ހަނިކުރި ކުރުން މިއަދު އެންމެ ބޮޑަށް ދިފާއު ކުރައްވަމުން ގެންދަވާ އެއްބޭފުޅެއްގެ ގޮތުގައި މިސަރުކާރުގައި ހުންނެވީ ހޯމް މިނިސްޓަރު ޝޭޚް އިމްރާންކަން މި ފުރުސަތުގައި ފާހަގަ ކޮށްލަން ޖެހެއެވެ.

ހަމަ އެބީދައިން، ޑރ އަފްރާޝީމްގެ މަރުގެ ހާދިސާއާއި ގުޅޭގޮތުން ޝޭޚް އިމްރާން ދައްކަވާފައި ވާކަހަ ފުޅުތަކުގެ ހަގީގަތް ސާފު ކޮށްދިނުމުގެ ފުރުސަތު ކަންދިމާކުުރި ގޮތުން ޚުދު ޝެއިޚް އިމްރާނަށް ލިބިވަޑައިގަތް ގަތުންވެސް ގިނަ ބަޔަކު މިއަދު ސިފަ ކުރަމުންދަނީ، ވަރަށްވެސް ގިނަ ކަންކަމުގެ ހަގީގަތް ސާފުވެގެންދިޔަ އަދި ޕާޓީގެ ލީޑަރޝިޕާމެދު އޮތް އިތުބާރު ގެއްލިގެންދިޔަ އެއް ސަބަބެއްގެ ގޮތުގައިވެސް މެއެވެ.

އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާމެދު، އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހަނު ތިއްބެވުމާއި، ކުރިމަތިވަމުންދާ ދީނީ ގިނަ މައްސަލަތަކުގައި، މަގާމުތަކުގައި ތިއްބެވި ޕާޓީގެ އިސްބޭފުޅުންނަށް ބަސް ވިދާޅުވާން ކެރި ވަޑައި ނުގަތުންވެސް ބައެއް ފަރާތްތަކުން ސިފަ ކުރައްވަނީ، އަދާލަތު ޕާޓީގެ މުސްތަގުލަށް ކުރިމަތިވެގެންދާ ވަރަށްވެސް ބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ.

ކޮންމެއަކަސް ފެންނާން އޮތް ހަގީގަތަކީ، އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން ޕާޓީއާއި ދުރަށް ވަަޑައިގަންނަވަމުންދާ ދިއުމަކީ ޕާޓިއަށް ލިބިގެންދާނެ ހީނަރު ކަމެއްގެ ގޮތުގައި ފާހަގަވާން އޮތް ނަމަވެސް، ޕާޓީގެ ލީޑަރޝުޕްގެ ފަރާތުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން ހަނު ތިއްބެވި މަންޒަރެވެ. ހައްޕު ކިޔުއްވައިގެން ތިއްބެވި މަންޒަރެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ޕާޓީގެ ލީޑަރޝިޕްގެ މިވަގުތުގެ ހުރިހާވެސް އަމާޒެއް ހުރީ މަދު ބޭފުޅުން ކޮޅެއްގެ މަގާމް ދިފާއު ކުރެއްވުމާ ދިމާލަށް މިސްރާބު ހިފާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަޝާދު
ތިޔައީ ޕާރޓީގެ އިސްސަފުގައި އުަޅުނު ބައެއް ނޫނެވެ. ސިޔާސީ މަންފާއެއް ހޯދުމަށް ޕާރޓީގެ ނިވަލުގައި އުޅުނު ބަޔެކެވެ. އެކަން ނުވާނެކަން އެގުނީމާ އަނެއްކާވެސް އަނެއް ނިވާފަތްގަނޑު ހޯދަނީއެވެ. ޕާރޓީގައިވެސް އަމިއްލަ އެދުމުގައި އުޅުނު ބަޔެކެވެ. އަހަރުންނަށް ރަގަޅީ ތިޔަކަހަލަ މީހުން މިޕާރޓީއިން ވަކިވިއްޔާއެވެ.