ރާއްޖެއިން އިތުރު 190 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 190 މީހުންގެ ތެރެއިން 71 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 47 މީހުންނެވެ. އަދި ރިސޯޓްތަކުން 71 މީހަކާއި، ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 95،222 އަށް އަރާފައެވެ.
އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 2،127 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 11 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 141 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 92،820 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،224 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 262 މީހަކު ވަނީ ނިޔާވެފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާއިރު، މިވޭރިއަންޓުން ރައްކާތެރިވުމައްޓައި ގިނަ މީހުން އެއްވެ ހިންގާ ހަރަކާތްތައް މަދުކުރުމަށް ނުވަތަ މިވަގުތަށް ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ