ފުލުހުން ފޮނުވާ މައްސަލަތައް އަވަހަށް ދައުވާކުރަން ފޮނުވޭނެ އުސޫލެއް ޕީޖީން އެކުލަވާލައިފި

ފުލުހުން ފޮނުވާ މައްސަލަތައް އަވަހަށް ދައުވާކުރަން ފޮނުވޭނެ އުސޫލެއް ޕީޖީން އެކުލަވާލައިފި

Author
މުޙައްމަދު ޖިމީ
05 ނޮވެމްބަރ 2020 11:48
0

ފުލުހުން ތަޙްގީގްކޮށް ޕްރސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަތައް ފޮނުވާތާ 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކޮށް ދައުވާކުރަން އަވަހަށް ފޮނުވޭނެ އުސޫލެއް އެކުލަވާލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާމެދު މުވާސަލާތުކުރާނެ ލިޔެވިފައިވާ އުޞޫލެއް އެކުލަވާލައި މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާކަމަށެވެ. މި އުޞޫލުގައި، މިއަހަރުގެ މެއި 12 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވާފައިވާ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި
ޢަމަލުކުރާނެގޮތުގެ އިރުޝާދުގެ 1″ ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރާނެ ގޮތުގެ ތަފްޞީލް ބަޔާންކޮށްފައިވާނެކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ޕީޖީ އޮފީހުން ބުނީ، މި އުޞޫލުގެ ދަށުން ޕީޖީ އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ޤާއިމުކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، ރިއަލް ޓައިމްކޮށް، މަޢުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށެވެ. އެގޮތުން މިނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި، މީހަކު ހައްޔަރުކުރުމާއެކު، އެމަޢުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު، މިއޮފީހަށް އެމަޢުލޫމާތު ލިބި، އެކަމުގެ ނޯޓިފިކޭޝަން ލިބޭނެއެވެ. އަދި
އެކަމާ ގުޅިގެން މިއޮފީހުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އޭގެ ފަހުން، ދެ މުއައްސަސާގެ މެދުގައި މުޢާމަލާތު ކުރެވެމުންދާނެގޮތުގެ އިޖުރާއަތްތައް މި އުޞޫލުގައި ހިމެނޭކަމަށްވެސް ޕީޖީން ނެރުނު ބަޔާނުގައިވެއެވެ.

މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން މި އުޞޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މަޢުލޫމާތު މި އޮފީހާ ޙިއްޞާކުރާތާ 24 (ސައުވީސް) ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރެވޭނެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު ޓީމާއި ޕްރޮސިކިއުޓަރުނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަޙުޤީޤަށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

-ޕީޖީގެ ނޫސް ބަޔާނުގައިވެއެވެ.

މިކަމުގެ ސަބަބުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އެއްގޮތަކަށް ކުރެވިގެންދާނެކަމަށް ޕީޖީން ބުނެއެވެ. އަދި ފުލުހުންނާއި ޕީޖީ އޮފީހުގެ ޚިދުމަތް މިހާރަށްވުރެ ބޮޑުތަނުން ރަނގަޅު ކުރެވި، ރައްޔިތުންގެ އިތުބާރު އިތުރުކޮށް ދެމެހެއްޓޭނެކަމަށާއި، އެބައި ފުރިހަމަކުރެވުމުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި މީހާ ހައްޔަރުކުރާ ހިސާބުން ފެށިގެން ޕީޖީ އޮފީހުން ޝަރީޢަތަށް މައްސަލަ ހުށަހެޅުމާ ހަމައަށް މިއޮފީހުގެ އެތެރޭގައި ޢަމަލުކުރާނެ ހުރިހާ އުޞޫލެއްވެސް މިހާރުލިޔެވިފައިވާކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.

މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ރެކޮމެންޑޭޝަނަކަށް އެކުލަވާލެވުނު ނިޒާމެކެވެ. އެކޮމިޓީގެ ރިޕޯޓެއްގައި، ޤާނޫނާ އެއްގޮތަށް ތަޙުޤީޤު ހިނގާކަން ކަށަވަރުކުރުމުގެ ގޮތުންނާއި، މައްސަލަތައް ތަޙުޤީޤުކޮށް، ހެކި ހޯދައި،ހެކި ހުށަހެޅުމަށް މިއޮފިހާ މޯލްޑިވިސް ޕޮލިސް ސަރވިސް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ޕްރޮޓޮކޯލެއް ހަދައި، އެކަމުގައި މަސައްކަތްކުރާނެ މީހުންގެ ރޯލްތަކާއި، މަޢުލޫމާތު ޙިއްޞާކުރާނެ ވަގުތުތަކާއި، ގޮތްތަކާއި، ލަފާއާއި އިރުޝާދު ދޭނެ ގޮތްތަކާއި ވަގުތުތަކާއި، މިބާވަތުގެ ހުރިހާ ކަމެއް ލިޔެފައި ބޭއްވުމުގެ ގޮތުން، ދެފަރާތުގެ ޚިޔާލާއި މަޝްވަރާއާއެކު ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރުމަށް ވަކި އުޞޫލުތަކެއް މިއޮފީހާއި މޯލްޑިވިސް ޕޮލިސް ސަރވިސްއިން ލިޔުމުން އެކުލަވާލައި އެއުޞޫލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޙިއްސާކުރުމަށް އަންގަވާފައިވެއެވެ.

-ޕީޖީގެ ބަޔާނުގައިވެއެވެ.

އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މުވާސަލާތު ކުރުމުގައި ޢަމަލުކުރާނެ އުޞޫލު" ގައި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ އިސްވެ ބަޔާންކޮށްފައިވާ ކަންކަން ހިމަނައި، އެ އުޞޫލު މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި އުޞޫލަކީ ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ އުޞޫލެއްކަމަށާއި، މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއުޞޫލަށް ޢަމަލުކުރަމުން ގެންދިއުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްއަށް ޕްރޮސިކިއުޓަރ ޖެނެރަލް އަންގާފައިވާކަމަށްވެސް ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.