ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބުރޫޝިޔާ ޑޯޓްމަންޑް މޮޅުވެ ގުރޫޕްގެ އެއްވަނައިގަ އެއްޕޮއިންޓުގެ ލީޑެއް ނަގާފިއެވެ.
ޑޯޓްމަންޑާ އާއި ބެލްޖިއަމްގެ ބުރޫޖް ވާދަކުރި މެޗު ޑޯޓްމަނޑުން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. ފުރަތަމަހާފްގައި ލަނޑުތައް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ޑޯޓްމަންޑްގެ ތޯގަން ހަޒާޑްއެވެ. ފަހު ދެލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އާލިން ހާލަންޑްއެވެ. އޭނާ ވަނީ ޑޯޓްމަންޑްއަށް ކުޅުނު 28 މެޗުގައި 26 ލަނޑު ކާމިޔާބުކޮއްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 11 މެޗުން 14 ލަނޑު ކާމިޔާބުކޮއްފައެވެ.
ރޭ މި ގުރޫޕްގައި އިޓަލީގެ ލާޒިޔޯ އާއި ރަޝިޔާގެ ޒެނިތު ވާދަކުރު މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މި ނަތިޖާއެކު ޑޯޓްމަންޑް ގުރޫޕް ކުރީގަ އޮތީ ތިންމެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ. ލާޒިޔޯ ދެވަނައަގަ އޮތީ ފަސްޕޮއިންޓާއެކުއެވެ. ތިންވަނާގައި ކުލަބް ބުރޫޖް އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ޒެނިތައް ތިންމެޗުން ލިބެނީ އެންމެ ޕޮއިންޓެކެވެ.