އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) ވާދަނުކުރަން ނިންމައިފިއެވެ.
އެމްއެންޕީންވަނީ އެޕާޓީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުންނަށް އެފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. ނަމަވެސް މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައިވަނީ މި އިންތިޚާބުގައި ވާދަ ނުކުރަން ނިންމާފައެވެ. އެޕާޓީން ވަނީ ބައި އިލެކްޝަންގައި ވާދަކުރި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބަިއ އިލެކްޝަންގައި ވާދަކުރާނެކަމަށް މިހާތަނަށް އިއުލާން ކޮށްފައިވަނީ ތިން ޕާޓީއަކުންނެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީންނެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ހުޅުވާލުމުން ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓަކީ ށ.ފޯކައިދޫ ޔުނިވާސް، މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާނެ ކެނޑިޑޭޓަކީ ކޮމަންޑުއަށް އުފަން އަލްއުތާޛް މޫސާ ފަތުހީ އާދަމް ކަމަށް އެކޯލިޝަނުން ވަނީ ނިންމާފައެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)އިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާނީ ޕްރައިމަރީގައި ހަމައެކަނި ވާދަކުރެއްވި އަބްދުލް ހަންނާން އިދުރީސް ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. ހުސެއިން ވަހީދު މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ދިޔައީ އެމްޑީޕީ ޓިކެޓުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ބޭފުޅުންނަށް މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް އެފުރުސަތު ހުޅުވާލައްވާފައެވެ.