އިންޑިއާ އަސްކަރީ ސިފައިން ތިބިކަމަށް ނިންމޭނެ ޤާނޫނީ ހަމައެއްނެތް، ހިންގަނީ ގެއްލުންބޮޑު ހަރަކާތެއް: ޖޭޕީ

އިންޑިއާ އަސްކަރީ ސިފައިން ތިބިކަމަށް ނިންމޭނެ ޤާނޫނީ ހަމައެއްނެތް، ހިންގަނީ ގެއްލުންބޮޑު ހަރަކާތެއް: ޖޭޕީ

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2021 02:52
0

އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ކުރިއަށް ގެންދާ "އިންޑިޔާ އައުޓު" ހަރަކާތުން ޤައުމަށް ދިގުމުއްދަތެއްގެ ގެއްލުންތަކެއްލިބުމުގެ ފުރުސަތުބޮޑު ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ހާމަކޮފިއެވެ.

" އިންޑިޔާ އައުޓު " އަދި " އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި ހިންގާ ކެންޕޭނު ތަކާއި މެދު ޖުމްހޫރީޕާޓީން ދެކޭގޮތް ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީ ތާއީދު ނުކުރާނެކަމަށެވެ.

ރާއްޖޭގައި އަސްލަރީ ސިފައިންނަށް ތިބެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މިހާރު ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ޞަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ( އެއްވެސް ޤައުމަކަށް / އެއްވެސް ޤައުމެއްގެ ޢަސްކަރިއްޔާ އަށް) ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހިފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ޤާނޫނީ ހަމައެއް އޮތްކަމަކަށް ނުދެކޭ ކަމުގައި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

ދޭދޭ ޤައުމުތަކުގެ މެދުގައި އުފައްދާ "ބައިލެޓްރަލް" ގުޅުންތަކުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ތަޢުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައާއި، ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާއި ގުޅިގެން ވަކި މުއްދަތަކަށް އެއް ޤައުމުގެ ސިފައިން އަނެއް ޤައުމުގައި ތިބުމަކީ ދެފަރާތަށްމެ ފައިދާ ލިބޭ ކަންތައްތަކެއް ކަމުގައެވެ.

މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތައް ވަނީ ބަލައިގެންފައިކަމަށެވެ. އަދި ޢަމުދުން މިފަދަ ބޭނުމަކު "ހަތިޔާރު" ނުލައި ޔުނީފޯމުގައި އެހެން ޤައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއްވެސް މެއެވެ. އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަޤްޞަދެއް ހާޞިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތް ކަމަށެވެ.

ޒަމާނުއްސުރެ ގާތް އެކުވެރި ޤައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިޞްބަތްކޮށް "އިންޑިޔާ އައުޓް" އޭ ގޮވުމަކީ މި ދެ ޤައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހްމާލެއް ކަމުގައި ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ ޢަމަލުތަކުން މި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެ ނޫންވެސް ޒާތީ އެކި އެކި މުޢާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ، ޖުމްހޫރީ ޕާޓީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

"އިންޑިޔާ އައުޓު" އަދި "އިންޑިޔާ މިލިޓަރީ އައުޓް" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހިޤައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫންކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.