ރާއްޖެއިން އިތުރު 168 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު އުޅެނީ 94،700އިން މަތީގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 168 މީހުންގެ ތެރެއިން 101 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 44 މީހުންނެވެ. އަދި ރިސޯޓްތަކުން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ސަފާރީތަކުންވަނީ 4 މީހަކު ޕޮޒިޓިވްފެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 94،732 އަށް އަރާފައެވެ.
ކޯވިޑް ޖެހިގެން މިވަގުތު 2،019 މީހަކު ފަރުވާ ހޯދަމުން އަންނައިރު މީގެތެރެއިން 10 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 88 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 92،439 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،419 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 261 މީހަކު ވަނީ ނިޔާވެފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓެއް އެފްރިކާގެ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަތީ ދުނިޔޭގެ އެކި ކަންކޮޅުގައި އަންނަނީ އަނެއްކާވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ރާއްޖެއިންވަނީ އެފްރިކާގެ 7 ޤައުމަކުން މީހުން އެތެރެވުން މަނާކޮށްފައެވެ.
އެފްރިކާއިން އަލަށް ފެނުނު ވޭރިއަންޓަށް "އޮމިކްރޯން"ގެ ނަން ދީ މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފައެވެ.