"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވޭނެ ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ޖެހޭކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންވައިގެން އިއްޔެ ބޭއްވި އެމްޑީޕީގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތް ހުއްޓުވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މަދު ބަޔަކާއިއެކު ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ގޮވުމާލުމަކީ އިޖާބަ ދޭންޖެހޭ ކަމެއް ނޫންކަމަށެވެ.
ކުރީގެ ގުޅަކުޅޭ ފަސްގަނޑު ކައިރީގައި މަދު ބަޔަކު ތިބެގެން އިންޑިއާ މިލިޓަރީ އައުޓް ހަރަކާތަށް ބިރުދައްކަން އުޅުމަކީ ނާތަހުޒީބު، ފިނޑި އަމަލެއް، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތް ހުއްޓުވޭނެ ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީން ބޭއްވި މާލެ ސިޓީގެ ދާއިރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީނަށް އިސްކޮށް ހުންވައިގެން ހިންގޭނެ ހަރަކާތެއް ނޫންކަމަށެވެ. ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ އައުޓް ހަރަކާތް ހިންގަމުންދަނީ ޤާނޫނާއި ޚިލާފަށް ކަމަށާއި، އެކަން ފުލުހުން ނިކުމެ ހުއްޓުވަން ޖެހޭކަމަށެވެ.
މިހަރަކާތަކީ އެއްވެސް ގޮތަކަށް ޤައުމުގެ މަސްލަހަތު އޮތްގޮތެއް ނޫންކަމަށާއި، މިކަމުން ރައީސް ޔާމީނަށްވެސް އަދި އެމަނިކުފާނުގެ ޕާޓީގެ މެމްބަރުންނަށްވެސް ވަނީ ބޮޑު ހުތުރަކަށް ކަމަށެވެ. ރާއްޖޭގެ މަސްލަހަތު ގެއްލުވާލުމަށް އެހެން ޤައުމެއް އައުޓްކަމަށް މޭމަތީގައި ޖަހައިގެން ހަރަކާތް ހިންގުމަށް ޖާގަ ދެވިގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކު އިންޑިއާ އައުޓްގެ ނަމުގައި މުޅިމޭމަތި ފުރެންދެން ޖަހައިގެން ނިކުތީމާ ހުތުރުވާނެ. އިންޑިއާ އައުޓް ނުގޮވޭނެ. އެހެން ނޮގޮވޭނެ. އެއީ ރާއްޖޭގެ މަސްލަހަތާއި ޚިލާފްކަމެއް. އެހެން ގޮވަމުން ނުހިނގޭނެ. ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖަހައިގެން ނުހިނގޭނެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތް ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާއިރު، މިހަފްތާ ބަންދުގައިވެސް "އިންޑިއާ އައުޓް"ގެ ކެމްޕެއިން ހަރަކާތްތައް އަތޮޅު ތެރޭގައި ރައީސް ޔާމީނާއިއެކު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހަފްތާގައި އޮތީ ފ.އަތޮޅުގެ ރަށްތަކުގައި އިންޑިއާ އައުޓް ހަރަކާތް ހިންގުމެވެ.
އިންޑިއާ މިލިއަޓަރީ އައުޓް ހަރަކާތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ތާޢީދުކުރައްވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް މިހާރު ފުޅަކުރަމުން އަންނައިރު ރައީސް ޔާމީން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައިވެސް އެ ކެމްޕެއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން މިއަދު މާލެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްވަމަުން ރައީސް ޔާމީން ވަނީ އިންޑިއާ އައުޓާއި ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ، އިންޑިއާ އައުޓޭ ނުކިޔުނު ނަމަވެސް އިންޑިއާ މިލިޓަރީ އައުޓޭ ކިޔުމަކީ އެމަނިކުފާނަށްވެސް މައްސަލައެއް ނޫންކަންކަމެވެ. އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތާޢީދު ނުކުރެއްވިނަމަވެސް އެ ގޮވާލުމަށް ރައީސް ނަޝީދު ތާޢީދުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ