އެއްވެސް ބަޔަކަށް ހަމަލާދޭން ހިތްވަރުދީ، ހެދުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިފަދައިން ވިދާޅުވީ ރާއްޖޭގެ ދަޚިލީ މަސްލަހަތު ގެއްލުވާލައި، ގައުމުގެ ހަޖެހުން ގެއްލުވާލުމަށް އެއްވެސް ބަޔަކަށް ފުރުސަތު ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ފަލާޙް ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.
ޝައިޚު ޒައިދު ވިދާޅުވީ އެއްވެސް މީހަކަށް، ނުވަތަ ބަޔަކަށް އަނިޔާކޮށް، މާރާމާރީ ހިންގުމަށް ހިތްވަރު ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށެވެ. ޚާއްސަކޮށް ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް އަނިޔާކޮށް ހިތްވަރު ދިނުމަކީ ބަލައި ގަނަވޭނެ ކަމެއް ނޫންކަމަށެވެ.
ބަޔަކަށް ޙަމަލާ ދޭން ހިތްވަރުދީ އެކަމަށް ގޮވާލުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް! އެފަދަ ބަޔަކަށް އަޅުގަނޑުމެން ވެގެންނުވާނެ! ވަކިން ޚާއްޞަކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމަށް ތިއްބަވާ ރައްޔިތުންގެ ބައެއް މަންދޫބުންގެ ފަރާތުން މިފަދަކަމެއް ފެނުމަކީ ދެރަކަމެއް!
– އަލީ ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ އެމްޑީޕީ އަބަދުވެސް ފެންނަނީ ހަމަނުޖެހުން ނަގާލުމަށް ހިތްވަރުދޭ ބައެއްގެ ގޮތުގައިކަމަށެވެ. ޚާއްސަކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އެކި ފަހަރުމަތީން ތަޅާނެ ކުދިން ހޯދުމަށާއި، މުޖުތަމައުގެ ހަމަނުޖެހުން ނަގާލުމަށް ހިތްވަރުދީ ހެއްދެވި ބޭފުޅެއްކަމަށެވެ. މިއަދު އެމަނިކުފާނުގެ ބަސްފުޅުން ހިތްވަރުލިބި ތިރިއަށް ތިއްބެވި ބޭފުޅުންވެސް ހަމަނުޖެހުމަށް ހިތްވަރު ދެއްވުމަކީ ވަރަށް ނާތަހުޒީބު ކަމެއްކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ލީޑަރު, ކުރިން ވިދާޅުވަނީ ތަޅާނެ ކުދިން ހޯދައިގެން ޕޮލިހުންނާއި ތަޅަންބޭނުންވާހަކަ! މިހާރު މިއަޑުއިވެނީ ބައެއް ބޭފުޅުން، އެހެން ބައެއްގެ މަޞްލަޙަތަށްޓަކައި ދިވެހިންގެ ކަންފަތްމަތީ ޖަހާ ވާހަކަ! މިވަރަށް ވައަލެންސަށް މިބޭފުޅުން މިހިތްވަރު ދެއްވަނީ ކީއްވެތޯ؟!
– އަލީ ޒައިދު ވިދާޅުވިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ އެއްވެސް ހާލެއްގައި ހިންގަން ޖާގަދެވޭނެ ހަރަކާތެއް ނޫންކަމަށެވެ. މިކަން ކުރަން ޖާގަ ދިނުމަކީވެސް ޤައުމީ ސަލާމަތަށް އޮތް ނުރައްކަމެއް ކަމަށާއި، އެކަން ހުއްޓުވަންޖެހޭކަމަށް ފަލާހު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަން ކުރާމީހުން ހުއްޓުވުމަށްޓަކައި "އިންޑިއާ އައުޓް" ގޮވާ މީހުންގެ ކަންފަތްމަތީ ޖަހައިގެން ނަމަވެސް މިކަން ހުއްޓުވަންޖެހޭ ކަމަށް ފަލާހް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ