މާތް ވެގެންވާ އިސްލާމްދީނުގެ ހުކުމްތަކާއި، އަސާސްތައް ނެތިކޮށްލައި، އެކަންކަމަށް އަރައި ގަންނަމުން ދާކަމުގައިވާނަމަ، ޗުއްޕު ކިޔައިގެން ނުތިބެވޭނެކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ގުރޭޑް އެކަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވާ އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގި އެންގުން ކުށްވެރި ކުރައްވައި ޒައިދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ތައުލީމީ މަންހަޖުތަކުން އިސްލާމީ އުސޫލުތަކާއި، އިސްލާމީ އިލްމު އުނިކުުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއްނޫންކަމަށެވެ.
މިއަދު ބައެއް މަޤާމުތަކާއި ހަވާލުވެ ތިއްބެވި ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެބޭޅުންނަކީ ތާއަބަދު އެމަޤާމުތަކުގައި ތިބެވިދާނެ ބައެއްކަމަށް ގަބޫލު ކުރުމަކީ ކުށް ހީއެއްކަމަށް ޝައިޚު ވިދާޅުވިއެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތަކާއި، އަސާސްތައް ނެތިވެގެންދާނޭ ގޮތަކަށް އަމަލުތައް ބަހައްޓާނަމަ އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަމާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެކަމަށް ޝައިޚު ޒައިދު ވަނީ ވިދާޅުވެފައެވެ.
ބައެއް މުއައްސަސާތަކުގެ ބޭފުޅުން މަޤާމާ ޙަވާލުވީމާ ހަނދާނެއްނެތް ތިމަންމެންމިއީ ވަގުތީގޮތުން މަޤާމުތަކާ ޙަވާލުވީ ބައެއްކަމެއް. ދީނުގެ ޙުކުމްތަކާ އަސާސްތަކާއި ޖުމްލަކޮށް އިސްލާމީވަންތަކަން ނިގުޅައިގަންނަން މަސައްކަތްކުރާނަމަ އެއީ އަޅުގަނޑުމެން ޗުއްޕުކިޔައިގެންތިބޭނެ ކަމެއް ނޫން!
– ޒައިދު ވިދާޅުވިއެވެ.
ފޮތްތަކުގެ އާޔަތްތައް އުނިކުރަން އުޅުނީ، ޤުރުއާނަށްދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައިނޫން ކަމުގައި އެޑިއުކޭޝަން ވަނީބުނެ، އާޔަތް އުނިކުރަން އެންގި އެންގުން ބަދަލުކޮށްފައެވެ. ގިނަ ބައެއްގެ ފާޑުުކިޔުމާއި ނުރުހުން މިކަމުގައި އަމާޒުވުމުން މިއަދު ހެދުނު އެޑިއުކޭޝަން މިނިސްޓްރީން ވަނި ބަޔާނެއްނެރެ އާޔަތްތައް އުނިކުރަން ނިންމި ނިންމުން ބާތިލްކޮށްފައިވާކަމަށް ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް ރިފަރެންސް ދިނުމަށް މަޝްވަރާކުރެވި މިކަން ބަޔާންކޮށް އެންއައިއީއަށް ސިޓީއެއް ފޮނުވުނު ކަމަށެވެ.
މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މި ފޮތްތައް ނައްތާލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
2 Responses
ކިތައްފަހަރުތޯ ަދިކިރިޔާ ތިވިސްނުނީ އޯކޭ ދެންތިވަރުވެސްވީކަން މިއޮންދީންވެރިކަން ކުޑަ ޒަމާނުގާ
ޒައިދުއަށާއި އިޔާޟްއަށް މިސަރުކާރުގައިހުރި ލާދީނީސިފަތައް ޤަބޫލްނުކުރެވޭކަމީ ހިތާމައިގެކޮޅަށް ހިތާމަހުރި ކަމެކެވެ. މުސްކުޅިން ބުނެއުޅެއެވެ. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ. މިސަރުކާރަކީ ސީދާ ލާދީނީ ސަރުކާރެކެވެ. މާދަމާ އެޑިޔުކޭޝަން މިނިސްޓްރީން ބުނާނެއެވެ. ރާއްޖޭގެ އެއްވެސް ސްކޫލެއްގައި މީގެފަހުން ޤްރްއާން ކިަވައިދިނުމަކީ މަނާކަމެކެވެ. މިވަރުކޮށްފައިވެސް އެޑިޔުކޭޝަނުން ހަދާނީދޮގު. ބުނާނެ ނާންގަމެވެ. ބެލެނިވެރިން ބޮލަށްއަރައިގަތީމާ ބުނާނީ މަޢާފްކުރާށެވެ. ދެންވެސް އިޔާޟް އަދި ޒައިދުމެން ކަހަލަ ދީނީ ޢިލްމުވެރިން ވިދާޅުވާނީ މިސަރުކާރަކީ ހަމަ ބަރާބަރު ނަންބަރު 1 ކަމަށެވެ.