އިންޑޮނޭޝިއާއަށް 7.3 މެގްނިޓިއުޑުގެ ބާރުމިނުގައި އައި ބިންލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެކަމަށް ލަފާނުކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އިންޑޮނޭޝިއާއަށް 7.3 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައިސް، ސުނާމީގެ އިންޒާރު ވަނީ ދީފައެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާއި 5564 ކިލޯ މީޓަރު ދުރަށްކަމަށް މެޓް އޮފީހުން ބުންޏެވެ.
— Maldives Meteorology (@MetMaldives) December 14, 2021
ޔޫއެސް އިކޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާގެ އިތުމަތީ ބިތަށެވެ. އަދި ބިންހެލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންނާއި ލިބިފައިވާ ގެއްލުތަކުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ޕެސިފިކް ސުނާމީ ވާރނިންގ ސެންޓަރުން ބުނެފައިވާ ގޮތުގައި ބިންހެލުމުގެ އެޕިސެންޓަރގެ 1000 ކިލޯ މީޓަރި ސަރަހައްދުގެ އައްސޭރި ފަށަށް ބިޔަ ރާޅުތައް އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ދީފައިވާ ސަރަހައްދުތަކުގެ ތެރޭގައި އިރުމަތީ މަލުކުއާއި، ނުސާ ޓެންގަރާގެ އިރާއި ހުޅަނގުގެ އިތުރުން ސުލަވެސީގެ އިރު ދެކުނު ހިމެނެއެވެ.
މި ބިންހެލުން އައިސްފައިވަނީ، އިންޑޮނޭޝިއާގެ ހުޅަނގުން، ލަރަންޓުކާ ސިޓީގެ ހުޅަނގު ދެކުނުން 112 ކިލޯ މީޓަރުން ދުރުންނެވެ. އަދި 12 ކިލޯ މީޓަރުން ފުނުންނެވެ.
ޔޫއެސް އިކޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި ބިންހެލުން އައި ލަރަންޓުކާ ސިޓީއަށް 5.6 މެގްނިޓިޑިއުޑްގެ ބާރު މިނުގައި އާފަޓަރ ޝޮކްގެ އަސަރު ކޮށްފައި ވެއެވެ.
ލަރަންޓުކާގެ ޑިސާސްޓަރ މިޓިގޭޝަން އޭޖެންސީން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތު އަދި ލިބިފައި ނުވާ ކަމުގައެވެ. އަދި ބިންހެލުން މިނިޓްތަކެއް ވަންދެން އައިސްފައި ހުރި ކަމަށާއި، ބިންހެލުން އައުމާއެކު މީހުން ބިރުން ގެތަކުން މަގުތަކަށް ނިކުމެފައި ވާކަމަށްވެސް އެ އޭޖެންސީން ބުނެފައި ވެއެވެ.
ޕެސިފިކް “ރިންގ އޮފް ފަޔަރ“ގައި އިންޑޮނޭޝިއާ އޮން ދިމާލުގެ ސަބަބުން އެގައުމަކީ ގިނައިން ބިންހެލުން އަންނަ ގައުމެކެވެ.
2004 ވަނަ އަހަރު، މެގްނިޓިއުޑުން 9.1 ބާރު މިނުގައި އިންޑޮނެޝިއާގެ ސުމާޓްރާ އައިލެންޑް ހިމެނޭ ސަރަހައްދުން އައި ވަރުގަދަ ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި 220،000 މީހުން މަރުވެފައިވާއިރު، މީގެތެރެއިން 170،000 މީހުންނަކީ އިންޑޮނޭޝިއާގެ މީހުންނެވެ. އަދި މިއީ ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ދުނިޔެ ދެކެފައިވާ އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާއެވެ.