ސަލާމަތާ ރައްކާތެރިކަންއޮތީ، އިންޑިޔާއާއެކު މަސައްކަތް ކޮށްގެންކަން ޒުވާނުން ގަބޫލުކުރޭ: އާޒިމް

ސަލާމަތާ ރައްކާތެރިކަންއޮތީ، އިންޑިޔާއާއެކު މަސައްކަތް ކޮށްގެންކަން ޒުވާނުން ގަބޫލުކުރޭ: އާޒިމް

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2021 02:22
0

ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަންއޮތީ އިންޑިޔާއާއެކު މަސައްކަތް ކޮއްގެންކަން ދިވެހި ޒުވާނުން ގަބޫލުކުރާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން މިއަދު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ސައިކަލް ބުރާއި ގުޅިގެން އާޒިމް ވިދާޅުވީ ދިވެހި ޒުވާނުންނަށް އިންޑިއާ އައުޓު ވެގެން ވާނެ ފައިދާއެއް ނެތްކަން ގަބޫލު ކުރެވޭކަމަށެވެ. ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުން މިއަދުވެސް ގަބޫލު ކުރަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އިންޑިއާއާއިއެކުގައި މަސައްކަތް ކުރެވިގެންކަމަށް އާޒިމް ވިދާޅުވިއެވެ.

ގިނަ ދިވެހި ޒުވާނުންނަށް، އެމީހުންގެ އާއިލާތަކަށް އިންޑިޔާ އައުޓްވެގެން ވާފައިދާއަށްވުރެ ގެއްލުން ބޮޑުކަން ގަބޫލުކުރޭ. ސިޔާސީ ފައިދާނެގިޔަސް ތީދެން ބޮޑުވަރު. ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަންއޮތީ އިންޑިޔާއާއެކު މަސައްކަތް ކޮއްގެންކަން ޒުވާނުން ގަބޫލުކުރެ. ފިތުނަކުރުން ހުއްޓާލާ!

– އާޒިމް ވިދާޅުވިއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ އިންޑިއާ އައުޓު ކެމްޕެއިންގައި ގިނަ އަދަދެއްގެ ޒުވާނުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިއަދު އިންޑިއާ އައުޓުގެ ނަމުގައި ބާއްވާ އިދިކޮޅު ސައިކަލު ބުރަކީވެސް ޒުވާނުން އިސްނަގައިގެން ބާއްވާ ސައިކަލު ބުރެކެވެ. ރާއްޖޭގައި އިންޑިއާ އައުޓް ހަރަކާތް ވަރަށް ބޮޑަށް ފުޅާވެ، މިހަރަކާތުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިކަމުގައި ބުނެފައިވަނީ އިދިކޮޅުން ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައެވެ.

މިއަދު ހަވީރު ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ، މާލޭ ޕީޕީއެމް އޮފީސް ދޮރުމަތިން 15:45 ގައެވެ. މި ހަރަކާތަކީ ޕީޕީއެމްގެ ޒުވާނުން އިސްނަގައިގެން ބާއްވާ ސައިކަލު ބުރެއް ނަމަވެސް މިސައިކަލު ބުރުގައި ޕީޕީއެމްހެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ސައިކަލު ބުރު އިންތިޒާމުކުރާ ޕީޕީއެމްގެ ޒުވާނުންގެ ގޮފިންވަނީ ބުނެފައެވެ.

މިއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށާއި، ދިވެހި ޒުވާނުން ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ސިފައިން ތިބުމާއި ދެކޮޅަށް ބޭއްވޭ ބޮޑު ހަރަކަތެއްކަމަށް ޒުވާނުންވަނީބުނެފައވެެ. މީގެ ކުރިންވެސް ޕީޕީއެމްއިން ވަނީ މާލޭގައި ސައިކަލު ބުރުތަކެއްބާވާފައެވެ. މިސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ވަނީ އަޑުއުފުލާފައެވެ.

މިސައިކަލު ބުރަކީ ދިވެހި ޒުވާނުންގެ ރައީސް ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއިގުޅުވައިގެން އެކަމުގެ އުފާވެސް ފާޅު ކުރެވިގެންދާނެ ސައިކަލު ބުރެއްކަމަށް ޒުވާނުންގެ ގޮފިން ވަނީ ބުނެފައެވެ. ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން މިހާތަނަށް މާލޭގައި ވަނީ ބޮޑު ދެޖަލްސާ ބާއްވާފައެވެ. މިޖަލްސާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.