ވިލިކިލީކްސްގެ ބާނީ އަސާންޖު އެމެރިކާއާއި ހަވާލު ކުރެވިދާނެކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފި

ވިލިކިލީކްސްގެ ބާނީ އަސާންޖު އެމެރިކާއާއި ހަވާލު ކުރެވިދާނެކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފި

Author
ހުސެއިން
10 ޑިސެމްބަރ 2021 05:14
0

އެމެރިކާގެ ޖާސޫސީ އެތައް މައުލޫމާތެއް ލީކް ކޮށްލި ވިކިލީކްސްގެ ބާނީ، ޖޫލިއަން އަސާންޖުގެ ޝަރީއަތް އެމެރިކާގައި ކުރިޔަށް ގެންދިއުމަށްޓަކާ، އޭނާ އެމެރިކާއާއި ހަވާލު ކުރުމަށް އެދި އިގިރޭސި ވިލާތުގައި އިސްތިއުނާފީ ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަ އެމެރިކާއިން ކާމިޔާބު ކޮށްފިއެވެ.

އަސާންޖުގެ ޝަރީއަތް އެމެރިކާގައި ކުރިޔަށް ނުގެންދެވޭނެކަމަށް އިނގިރޭސިވިލާތުގެ ދަށުކޯޓަކުން މިއަހަރުގެ ޖެނުއަރީމަހު ނިންމާފައިވަނީ، އެމެރިކާގައި އޭނާގެ ޝަރީއަތް ކުރިޔަށް ގެންގޮސްފިނަމަ، އޭނާގެ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާނޭކަމުގެ ޔަގީކަން ނެތްކަމަށް ބުނެއެވެ.

މިހާރު އުމުރުން 50 އަހަރުގެ އަސާންޖު އެމެރިކާއިން ދައުވާ އުފުލާފައިވަނީ އެމެރިކާގެ ޖާސޫސް ކުރުމާބެހޭ ގާނޫނުގެ ދަށުން، އެގައުމުގެ ސިއްރު އަސްކަރީ އަދި ޑިޕްލޮމެޓިކް މައުލޫމާތު އާންމު ކުރުމުގެ ކުށުގައެވެ.

ހުކުރުދުވަހު، އިނގިރޭސި ސީނިއަރ ދެ ފަނޑިޔާރަކު ބާތިލް ކޮށްފައިވަނީ، އަސާންޖުގެ ޝަރީއަތް އެމެރިކާގައި ކުރިޔަށް ގެންދިއުމަކީ، އޭނާގެ މިހާރުގެ ނަފްސާނީ ހާލަތަށް ބަލާއިރު، އެއީ އޭނާގެ މައްޗަށް އަނިޔާވެރިވުން ކަމަށް ވެދާނެކަމަށް މިއަހަރުގެ ޖެނުއަރީމަހު، އިނގިރޭސި ފަޑިޔާރު ނިންމާފައިވާ ނިންމުމެވެ.

މިއަހަރުގެ ޖެނުއަރީމަހު، ފަނޑިޔާރު ވަނެއްސާ ބެރެއިސްޓަރ ނިންމާފައިވަނީ، އަސާންޖު ހައްޔަރު ކޮށްފައި އެމެރިކާގައި ބެހެއްޓޭނޭ "ޚާއްސަ އިދާރީ މިންގަޑަކީ" އޭނާގެ ނަފްސާނީ ހާލަތަށް އާދަޔާ ޚިލާފު ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމެއް ކަމަށެވެ.

އެހެންނަމަވެސް، ކޯޓު ލިޔުންތަކުން އެގެން ހުރި ގޮތުގައި، އަސާންޖު އެމެރިކާއާއި ހަވާލުކުރުމުގެ މައްސަލަ އިސްތިއުނާފީ މަރުހަލާގައި އެމެރިކާއިން ކާމިޔާބު ކޮށްފައިވަނީ، މިއަހަރުގެ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހު، އެމެރިކާއިން ފޮނުވާފައިވާ ޑިޕްލޮމެޓިކް ނޯޓެއްގައިވާ "4 ޔަގީން ކަމެއްގެ" މައްޗަށް ބަރޯސާ ކޮށްގެންނެވެ.

މި ޔަގީންކަމަކީ، އަސާންޖް، "ޚާއްސަ އިދާރީ އިންތިޒާމްތަކުގެ ދަށުގައި" ނުބަހައްޓާނެ ކަމާއި، ޝަރީއަތުގެ ކުރިންވެސް އަދި ފަހުން އޭނާ، ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ޖަލުތަކުގައި ހައްޔަރު ކޮށްފައި ނުބަހައްޓާނޭކަމަށް އެމެރިކާއިން އެއްބަސްވުމެވެ. އަދި މީގެ އިތުރުން، އޭނާގެ މައްޗަށް ހުކުމެއް އައިސްފިނަމަ، އަދި އެހުކުމް އޭނާގެ އުފަން ގައުމު ކަމަށްވާ އޮސްޓްރޭލިއާގައި ތަންފީޒުކުރުމަށް އޭނާ އެދިއްޖެ ހާލަތެއްގައި އެކަމަށް އެމެރިކާއިން ހުއްދަ ދިނުމުގެ އިތުރުން އެމެރިކާގައި އޭނާ ހައްޔަރުގައި ހުންނަ މުއްދަތުގައި އޭނާއަށް ބޭނުންވާ ކުލިނިކަލް އަދި ނަފްސާނީ ބޭސްފަރުވާ ފުރިހަމަޔަށް ފޯރުކޮށް ދިނުމަށް އެމެރިކާއިން އެއްބަސްވުމެވެ.

ކޯޓުގެ ލިޔުންތަކުން އެގެން ހުރި ގޮތުގައި، ދަށުކޯޓުން ހުކުމް ކުރިއިރު، ފަނޑިޔާރު ފާޅު ކުރައްވާފައިވާ ކަންބޮޑުވުންތަކަށް، އެމެރިކާއިން އެއްބަސްވެފައިވާ ކަންކަމުން އެންމެ އެކަށީގެންވާ ފަރުވާ ލިބޭކަމަށް، އިސްތިއުނާފީ މަރުހަލާގެ ފަނޑިޔާރުންނަށް ވަނީ އެއްބަސް ވެވިފައެވެ.

ފަނޑިޔާރުން މިއަދު ހުކުމް ކުރައްވާފައިވާ ގޮތުން ދެން މިމައްސަލަ ދާންޖެހޭނީ ވެސްޓްމިންސްޓަރ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި އެއަށްފަހު ޑިސްޓްރިކްޓް ފަނޑިޔާރަކުން ދެން ޖެހޭނީ މައްސަލަ އިނގިރޭސިވިލާތުގެ ހޯމް ސެކެޓްރީއަށް ފޮނުވާށެވެ. އެއަށްފަހު އަސާންޖު އެމެރިކާއާއި ހަވާލު ކުރާނީކަން ނުވަތަ ނޫންކަން ނިންމާނީ ހޯމް ސެކެޓްރީއެވެ.

ވިކިލީކްސްގެ ރަސްމީ ޓުވިޓަރ ހޭންޑްލްއިން މިއަދު އާންމު ކުރި ބަޔާނެއްގައި، ކޯޓުގެ މި ނިންމުމަކީ ވަރަށް ބޭއިންސާފު ނިންމުމެއް ކަމުގައި އަސާންޖުގެ ލޯބިވެރިޔާ ސްޓެއްލާ މޮރިސްވަނީ ވިދާޅު ވެފައެވެ.

2010ވަނަ އަހަރު ވިކިލީކްސްއިން އެމެރިކާގެ އަސްކަރީ އަދި ޑިޕްލޮމެޓިކް ސިއްރު މައުލޫމާތު ހިމެނޭ އެތައްހާސް ފައިލްއެއް އާންމު ކުރުމާއި ގުޅިގެން، އެމެރިކާއިންވަނީ އޭނާގެ މައްޗަށް ޖިނާޢީ 18 ދައުވާއެއް ކޮށްފައެވެ. އޭނާ މިހާރު ހައްޔަރު ކޮށްފައިވަނީ، އިނގިރޭސިވިލާތުގެ ލަންޑަނުގެ ބެލްމާޝް ޖަލުގައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ވެއްޖެނަމަ، 175 އަހަރުގެ ޖަލުހުކުމް އޭނާގެ މައްޗަށް އަންނާނެއެވެ.

އިނގިރޭސިވިލާތުން އަސާންޖު ހައްޔަރު ކޮށްފައިވަނީ، އޭނާ 7 އަހަރުވަންދެން ދިރިއުޅެމުންއައި އިކުއަޑޯރ އެމްބަސީއަށްވަދެ، އެމެރިކާއާއި އޭނާ ހަވާލުކުރުމަށް ކޮށްފައިވާ އަމުރެއްގެ ދަށުންނެވެ. އިނގިރޭސި ސިފައިން އިކުއަޑޯރ އެމްބަސީއަށް އޭނާ ހައްޔަރު ކުރުމަށް ވަދެފައިވަނީ، އެގައުމުން އޭނާއަށް އެހާތަނާ ހަމައަށް ދީފައިއޮތް ސިޔާސީ ހިމާޔަތް އަބުރާ ގެންދިއުމާ ގުޅިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.