ރާއްޖޭގެ ރައީސްކަމުގެ މަޤަމަށް އަދިވެސް އެންމެ އެކަށީގެންވާ ޤާބިލު ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "އަވަސް" އިން ގެނެސްދޭ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ނިންމާފައިވާކަމަށެވެ. މިވަގުތު ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ޤައުމަށް އެންމެ ވަފާތެރި އަދި ޚިދުމަތެރި ބޭފުޅަކީ ރައީސް ޔާމީންކަމަށާއި، އެމަނިކުފާނު ނޫނީ ދެން ވެރިކަމަށް އިންތިޚާބު ކުރަންޖެހޭ ވެރިޔަކު ނެތްކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިތުރު ޝަރީއަތްތަކެއް މިހާރުވެސް ކުރިއަށްދާއިރު، އިންތިޚާބުގައި ވަދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެނަމަ ވެރިކަމަށް ކުރިމަތި ލައްވާނަންތޯ އެއްސެވުމުން ވަހީދު ވިދާޅުވީ ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އެމަނިކުފާނަށް ކުރަމުންދަނީ އެއްވެސް އަސާސެއްނެތް ސިޔާސީ ދައުވާތަކެއްކަން ސްޕްރީމް ކޯޓުގެ ހުކުމުންވެސް ސާފުވާކަމަށާއި، ރައީސް ޔާމީން މިނިވަންކޮށް އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރައްވާނެކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީން މިނިވަންވެވަޑައިގަަތުމަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައެވެ. އަދި ސުޕްރީމް ކޯޓްގެ ނިންމެވުމަކީ މިއިން ދުވަހަކުވެސް ނުފެންނަ ފަދަ މިނިވަން މުސްތަގިއްލު ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީނާއެކު ގައުމަށް މުހިންމު ބަދަލެއްތަކެއް އައުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ކޮންމެ ކޮންމެ ބޭފުޅަކަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެ ހަމައެކަނި ހާލަތަކީ އެމަނިކުފާނަށް ކޯޓުން ހުކުމެއް ކުރުމެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރުން ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ނުދެއްވާނެއެވެ. އެއީ ރައީސް ޔާމީނަށް ފުރުސަތު ދީފި ކަމުގައިވާނަމަ އިންތިޚާބު ފަސޭހަ ކަމާއިއެކު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމަށް ދެކޭތީއެވެ. އަދި ޚާއްސަކޮށް ނިމިދިޔަ ވެރިކަމުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފުރިހަމަކޮށް، މިސަރުކާރަށް އެއާ ގާތަށްވެސް މަސައްކަތް ނުކުރެވުމަކީ ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ކޮމެންޓު ފޮނުވާ