ރާއްޖޭގެ ސަލާމަތީ ސަލާމަތީ ބާރުތައް ވަކިން ޚާއްސަކޮށް ފުލުހުން ބޭނުންކޮށްގެން އޮޕޮޒިޝަންގެ އަޑު ކަޑުވައެއް ނުލެވޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މާދަމާރޭ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަލްސާއަށް ފުލުހުން ބޭނުންކޮށް ޖަލްސާއަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ފުލުހުން ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ.
މާދަމާރޭގެ ޖަލްސާއަކީ ސުލްހަވެރި ސިޔާސީ ހަރަކާތަކަށްވާއިރު، ޖަލްއަށް ހުރަސްއެޅުމަށް އެޗްޑީސީން ހިންގަމުންދާ ހަރަކާތްތަކަކީ ޤާނޫނާއި ޚިލާފް ޣައިރު ޤާނޫނީ އަމަލުތަކެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުމަށް ސުލްހަވެރިކަމާއިއެކު ހިންގާ ހަރަކާތްތަކަކީ ސަލާމަތީ ބާރުތައް ބޭނުންކޮށް ހުއްޓުވެންޖެހޭނެ ހަރަކާތްތަކެއް ނޫންކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
"ކޮތަރުކޮށި" ޖަލްސައަކީ ސުލްހަވެރި އެއްވުމެއް. އެޖަލްސާ ބޭއްވުމަށް ފުރުސަތު ދެއްވާ! ތަހުޒީބު ގޮތަކީ އެއީ! އެޗްޑީސީގެ ޑިސްޕިއުޓް އަކާއިހެދި ޖަލްސާ ބޭއްވުމަށް ހުރަސް އެޅުމަކީ ޣައިރު ޤާނޫނީ ކަމެއް! ފުލުހުން ބޭނުންކޮށްގެން އޮޕޮޒިޝަންގެ އަޑު ކަޑުވައެއް ނުލެވޭނެ.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެރޭ ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ޖަލްސާއަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް ރަޔަޓް ފުލުހުން ޖަލްސާގެ ތައްޔާރީތަކަށް ހުރަސް އަޅަމުންދާތީ އެކަން ބަލައި ފުލުހުން ޖަވާބުދާރީ ކުރުވާނެކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ފުލުހުން ޖަލްސާއަށް ހުރަސް އަޅަމުންދާ މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ ސިޔާސީ ޕާޓީއަކުން ހޯދަންޖެހޭ ހުއްދަ ހޯދައި ޖަލްސާއެއް ބާއްވަން ކުރަމުންދާ މަސައްކަތަށް ފުލުހުން ހުރަސް ޤާނޫނާއި ޚިލާފަށް ހިންގަމުންދާ ކަންކަން ބަލައި އެކަމުގައި ޤާނޫނީ ގޮތުން ޖަވާދަރީ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށެވެ.
ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސް އަޅަމުންދާއިރު، އެޗްޑީސީން ބުނެފައިވަނީ މިޖަލްސާ ބާއްވާކަން އެނގިފައިވަނި މީޑިއާއިން ކަމަށެވެ. ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެޗްޑީސީން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނެފައިވަނީ މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލު ކުރައްވާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައެވެ. އެހެންކަމުން އެގޮތަށް އަމަލު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ