އެންމެ އިސްކަން ދެއްވާނީ އިންޑިޔާ ސިފައިން ބޭލުމުގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް: ޔާމީން

އެންމެ އިސްކަން ދެއްވާނީ އިންޑިޔާ ސިފައިން ބޭލުމުގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް: ޔާމީން

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2021 09:50
0

ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތެރޭގައި ފުޅާކުރުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އެދިވަދައިގެންފިއެވެ.

މިވަގުތު މާލޭގައިތިއްބެވި ޕީޕީއެމްގެ ކައުންސިލަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި، ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއި ރައީސް ޔާމީން މިރޭ ޕީޕީއެމް އޮފީހުގައި ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ޝުއޫރު ފާޅު ކުރައްވަން ބޭނުންފުޅުވި ފަރާތްތަކަށް ވަނީ އެފުރުސަތުވެސް ދެއްވާފައެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީންވަނީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށްވަރުގަދަ ކުރުމާގުޅޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ޕީޕީއެމްއިން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިޤައުމުން ބާލާނެކަމަށެވެ. އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރަމުންދަނީ ވަކި ފަރުދުންތަކެއް ނޫންކަމަށާއި، އެކަމަކީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތީން ޕީޕީއެމްއިން ކުރަމުންދާ މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާގެ އަސްކަރީ ސިފައިން ޖެހޭނީ މިޤައުމުން ފައިބަން. އަޅުގަނޑު މިރޭ ރަސްމީކޮށް މި ދަންނަވަނީ، މިކަމަކީ އަޅުގަނޑު ދަންނަވައިގެން ޕީޕީއެމްއިން އިސްނަގައިގެން ކުރާ ކަމެކޭ. މިއީ އިންޑިޔާގެ ޓައުނެއްނޫޏް. ރައީސަކީ އިންޑިޔާގެ ގަވަރުނަރެއްނޫން.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާއިއެކު ވެފައިވާ އެއްވެސް އެއްބަސްވުމެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައި، ހެލިކޮޕްޓަރު ދުއްވަން ތާއަބަދު މިތާ ބައިތިއްބަން އެއްބަސްވެފައި ނުވާނެކަމަށެވެ. މިއެއްބަސްވުންތަކުގެ ހަގީގަތް މިއަދު އޮޅުވާލައި އެކަން ކުރީ ސަރުކާރުގެ ބޮލުގައި އަޅުވަން އުޅުނަސް އެކަން ނުވާނެކަމަށާއި، އެއީ ދެފަރާތުން ވެފައިވާ ވަރަށް ސާފު ހަގީގަތް ހާމަވާ އެއްބަސްވުމެއްކަމަށެވެ.

މިއަދު ދިވެހި އަސްކަރިއްޔާއިން ޤައުމަށް ޚިދުމަތް ކުރުމުގައި ކުރަންޖެހޭ ހަމައެކަނި ހިދުމަކީ ސަރުކާރު ދިފާއުކުރުން ނޫންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސިފައިންގެ މަސްއޫލިއްޔަތަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުން ކަމަށާއި، އެކަން ނުކުރެވޭނެނަމަ ސިފައިން ކޮށްގެން ތިއްބެވި ހުވައިގެން ބޭނުމެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާއި އޮތީ ގާތް ގުޅުމެއްކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ ސަރުކާރުން އަޑި ނޭގޭ ގޮތަށް އިންޑިއާއާއިއެކު ހަދަމުންދާ އެއްބަސްވުންތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއަދު ދިވެހި ރައްޔިތުން މިކަމާއި ދެކޮޅު ހެއްދެވުމުން، މިކަމާއި ދެކޮޅަށް ނިކުންނަި ބޮޓުންކަމަށް ވިދާޅުވެ މަލާމާތް ކުރުމަކީ މިކަން ހުއްޓުވޭނެ ކަމެއް ނޫންކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ފައިބަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.