ބޮލީވުޑްގެ މަގުބޫލު ދެ ތަރިން ކަމުގައިވާ ކެތުރީނާ ކައިފް އާއި ވިކީ ކޯޝަލްގެ ކައިވެނީގެ ޝަރުތުތައް ގިނަ ކަމުން ހަފްލާއަށް ދައުވަތު ދިން މީހުންނަށް ކުޑަވަރެއްގެ ޝަޒާ އަަކަށް ވެފައިވާކަމަށް މީޑިއާ ރިޕޯޓަތައް ބުނެފިއެވެ.
ވިކީ އާއި ކެޓްރީނާގެ ކައިވެނިގެ ވާހަކަ ދެކެވެމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެފައިވާއިރު ބައެއް މީޑިއާ ތަކުން މި ކައިވެންޏަކީ ހަގީގަތެއް ނެތް "ފޭކް" ވަހަކަ ތަކެއް ކަމަށް ބުނެވެސް ރިޕޯޓް ކޮށްފައެވެ. ވިކީގެ އާއިލާއަށް ނިސްބަތްވާ ބައެއް މީހުންނާ ހަވާލާދީ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ކައިވެނީގެ ޚަބަރު އެމީހުންނަކަށް ނުލިބެއެވެ. އަދި އާއިލާގެ ތެރޭގައި ވިކީގެ ކައިވެނީގެ ވާހަކަ ނުދެކެވޭ ކަމަށާއި އެ ވާހަކަ ތަކަކީ ހަގީގަތެއް ނޫންކަމަށް ރިޕޯޓް ކޮށްފައިވެއެވެ.
މިއާ ޚިލާފަށް ދެތަރިންގެ ސަޕޯޓަރުން ތިބީ މި ކައިވެނީގެ ވަރަށް ބޮޑު އިންތިޒާރެއްގައެވެ. އަދި ދެ ތަރިންގެ ކައިވެނީގެ ފޮޓޯތަކުގެ ގޮތުގައި އެޑިޓްކޮށްގެން ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އެބަދެއެވެ.
ނަމަވެސް މި ވާހަކައަށް ނިމުމެއް ނެތެވެ. ކައިވެނި ކުރުމަށް ކުރިން ކޯޓަށް ދާގޮތަށް ދެ ތަރިން މަޝްވަރާ ކުރާކަމަށް ބުނި ނަމަވެސް މިހާރު ދެކެވޭ ވާހަކަ އަކީ ކައިވެނި ކޮށްދޭ މީހާ ގެއަށް ގެންނަ ވާހަކައެވެ. މީޑިޔާގައި ދެކެވެމުން އަންނަ މި ވާހަކަތަކަށް މި ދެ ތަރިންގެ ފަރާތުން ރަސްމީ ސިފައެއްގައި ވާހަކަ ދައްކާފައެއް ނުވެއެވެ.
މީޑިއާ ތަކުން ވަނީ މި ކައިވެންޏާ ބެހޭގޮތުން އަލިފުން ޔާއަށް ހާމަކޮށްފައެވެ. މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ މި ކައިވެނީގެ ޝަރުތުތައް ގިނަ ކަމުން ހަފްލާއަށް އަންނަ މީހުންނަށް ކުޑަ ވަރެއްގެ ޝަޒާ އަކަށް ވެފައި ވާކަމުގެ ވާހަކައެވެ.
ހަފްލާގައި ބައިވެރި ވުމަށް މިހާރު މެހެމާނުނަށް ދައުވަތު ދީފައިވާއިރު، މި ހަފްލާގައި ބައިވެރިވާ މީހުންނަށް ހަފްލާ އޮންނަ ތަނަށް ފޯނު ނުވެއްދޭ ގޮތަށް ކަނޑައަޅާފައި ވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ފޮޓޯ ނެގުން މަނާ ވުމާއި ސޯޝަލް މީޑިއާގައި މި ކައިވެނީގެ އެއްވެސް ފޮޓޯއެއް ހިއްސާ ކުރުން ފަދަ އެތައް ކަމެއް ވަނީ މަނާވެފައެވެ.
މިމަހުގެ 6 ކުން 9 އަކަށް ކައިވެނީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، ކައިވެނީގެ ހަފްލާ ބޭއްވުމަށް ރާޖިސްތާންގެ ސިކްސް ސެންސް ފޯޓް ބަރްވާރާ ރިސޯޓު މިހާރުވަނީ ބުކް ކޮށްފައެވެ.
މީގެ ދެތިން ދުވަސް ކުރިން ޕިކްން ވިލާއިން އާންމު ކޮށްފައިވާ ވީޑިއޯގައި ބުނެފައިވަނީ ކެޓްރީނާގެ ކައިވެނީގެ ލެހެނގާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. ފާލްގުނީ ޝާގެ ވެޑިން ލެހެނގާ ކަމަށް ބުނެ މީހަކު ފޮށިތަކެއް ހިފައިގެން ކެޓްރީނާގެ އެޕާޓްމަންޓަށް ވަންނަނިކޮށް ވަނީ ވީޑިއޯއެއް އާންމު ކޮށްފައެވެ.
ދައުވަތު ލިބުނު ކަމަށް ބައެއް ފަރާތްތަކުން މީޑިއާގައި ވާހަކަ ދައްކަމުން މި ކައިވެނީގެ ޝަރުތުތައް ގިނަ ވާހަކަ ދައްކާފައި ވެއެވެ. އަދި މި ސިއްރު ކައިވެނީގެ ޝަރުތު އެއްދުވަހުން އަނެއް ދުވަހަށް ބަދަލު ވަމުން އަންނަ ކަމަށް ވެސް ބުނެއެވެ.
ގިނަބަޔަކު ގަބޫލު ކުރާގޮތުގައި މި ކައިވެނި މިމަހު އޮންނާނެއެވެ. ނަމަވެސް ވިކީގެ އާއިލާއަށް ކެޓްރީނާ ކަމުނުދާކަމަށް ދެކެވޭ ވާހަކަތަކެއްވެސް މީޑިޔާއިން ވަނީ ގެނެސްދީފައެވެ. ނަމަވެސް އެކަށީގެން ވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
މުޅި ބޮލީވުޑްވެސް މިހާރު އިނތިޒާރު ކުރަނީ އަނެއްކާވެސް މި ކައިެވންޏާއި ގުޅޭގޮތުން އިތުރު ޚަބަރު ތަކަކަށެވެ.