ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އެއްވެސް ޝައުގުވެރިކަމެއް އޮތް ބޭފުޅެއް ނޫންކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއާއި ދިމާކޮށް، އެމްޓީސީސީގެ ބަސް ދަތުރުތައް ހުއްޓާލިކަމަށް ބުނެ އާންމު މީހަކު ކުރި ޓުވީޓަކާއި ގުޅިގެން އާޒިމް ވިދާޅުވީ އެމްޓީސީސީން ޚިދުމަތް ދެނޭ ވަކި މީހަކަށް ނުވަތަ ވަކި ކަމަށް ނޫންކަމަށެވެ. ޚިދުމަތްތެވީ އާންމު ރައްޔިތުންނަށާއި، ރައްޔިތުންނަށް ފައިދާހުރި ކަންކަމަށް ކަމުގައެވެ.
އާޒިމް ވަނީ ރައީސް ޔާމީނަކީ އަނިޔާވެރިއެއް ކަމަށާއި، އަދި މިހާރުގެ ވެރިކަން ކުރައްވަމުންދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ހުރިހާ ރައްޔިތުންގެ ރައީސްކަމަށް ވިދާޅުވެފައެވެ. އެމްޓީސީގެ މުވައްޒިފުންނަކީ ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމަކަށް ޚިދުމަތް ދިނުމުގައި އަބަދުވެސް ސާބިތުވެ އޮތް ކުންފުންޏެއްކަމަށް އާޒިމް ވިދާޅުވިއެވެ.
އަނިޔާވެރި ރައީސް ޔާމީނަށް އަޅުގަނޑުގެ ޝައުޤުވެރިކަމެއް ނެތް. އެމްޓީސީސީގެ ހުރިހާ ޝެޑިއުލް ދަތުރުތަކެއް ހުއްޓުމެއްނެތި ރޭގައިވެސް ކުރިއަށްދިޔަ. ރައީސް ޞާލިހު އަކީ ހުރިހާ ރައްޔިތުންގެ ރައީސް. އެމްޓީސީސީ އަށް ނަސޭހަތްތެރިވެފަ ވަނީ ހުރިހާ ރައްޔިތުންނަށް އޯގާތެރިކޮށް ޚިދުމަތްދޭމް.
– އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީގެ ސީއީއޯ ކަމާއި އަޒިމް ހަވާލުވުމަށްފަހު ވަނީ ކުންފުނި ހިންގުމަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ސަރުކާރުގެ ތަރައްޤީގެ މަލަމައްޗަކީ އެމްޓީސީސީއަށް ހަދާފައެވެ. ބަނދަރުތަކާއި ނަރުދަމާއާއި، އެނޫންވެސް ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ މޭސްތިރިއަކީ މިއަދު އެމްޓީސީސީއެވެ.
ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ކުންފުންޏަކީވެސް އެމްޓީސީސީއެވެ. އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް 5-10 އަހަރުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ނިންމައި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ވާދަކުރެވޭ ވަރުގެ ބޮޑު ކުންފުންޏަކަށް ހެދުމެވެ. އޭގެ ސަބަބުން ރާއްޖެ އިން ބޭރުގެ ކުންފުނިތަކުން މަސައްކަތް ކުރާ އަގުގެ %50 އަގު ހެޔޮކޮށް އެމްޓީސީސީ އަށް މަސައްކަތް ކުރެވޭނެއެވެ.