ޔާމީން ފިޔަވާ އިންސާފާ ކުރިމަތިލައްވަން ކެރިވަޑައިގެންނެވި ވެރިޔަކުނެތް: ހަލީލް

ޔާމީން ފިޔަވާ އިންސާފާ ކުރިމަތިލައްވަން ކެރިވަޑައިގެންނެވި ވެރިޔަކުނެތް: ހަލީލް

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2021 11:45
0

ރައީސް ޔާމީން ފިޔަވާ އިންސާފާ ކުރިމަތިލައްވަން ކެރިވަޑައިގެންނެވި ވެރިޔަކުނެތް ކަމުގައި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިފަދައިން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުމާއި ގުޅިގެންނެވެ. ޚަލީލް ވިދާޅުވީ ރައީސް ޔާމީނަކީ ސިޔާސީ ދައުވާއެއް ކޮށްލާއިރަށް ކޯޓަށް ވެއްޓި، ޖަލުގައި ނުހުންނެވި ރާއްޖެއިން ބޭރަށް ފިލައިގެން ފުރައިގެންދާނެ ވެރިއެއް ނޫންކަމަށެވެ. ރައީސް ޔާމީނަކީ އެއަށްވުރެ މާ ހިތްވަރުގަދަ ބޭފުޅެއްކަމަށް ޚަލީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ފިޔަވާ އިންސާފާ ކުރިމަތިލައްވަން ކެރިވަޑައިގެންނެވި ވެރިޔަކުނެތް. މިސަރުކާރުން އާދޭސް ކުރީމަވެސް ބޭރަށް ނުފިއްލެވި. ކޯޓަށް ވަޑައިގަންނަވަން ދެކޮޅުހައްދަވާ، ތުރުކުރައްވައިގެން ހުންނެވި ގަމީސް އިރާލާ، ވެއްޓި، ޑްރާމާއެއް ނުކުޅުއްވާ! މިއީ ތަފާތަކީ!

– ޚަލީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނީ، މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޚުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތަކާއި ގުޅިގެން، ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދުމުން 7 ދުވަހުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދީފައިވާކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ. އަދި ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އިއްޔެވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.