ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާނެ: އާދަމް ޝަރީފް

ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާނެ: އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ދައުލަތަށް ފިއްލަވައިގެން އުޅުއްވާނެ ބޭފުޅެއް ނޫންކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރުމާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ އެމަނިކުފާނު ޖަލަށްލުމުންވެސް ރައްޔިތުންގެ ހައްގުގައި ހުންނެވި ބޭފުޅެއްކަމަށެވެ. ރައީސް ޔާމީނަކީ ޖަލަށް ލައިގެން އަދި ސަރުކަރުން ކުރާ އަނިޔާއަކުން ފިލަން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާނެ! ޖަލަށް ލީމަވެސް ހުންނެވީ ރައްޔިތުންނާއިއެކު ރާއްޖޭގައި! ދެންވެސް ހުންނަވާނީ ރައްޔިތުންނާއިއެކު! ދައުލަތުގެ މުއައްސަސާތަކުން މުއްތަޤިއްލު ކަމަކާއިއެކު ވާޖިބު އަދާކޮށް، އަދާލަތާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލަން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނީ، މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޚުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތަކާއި ގުޅިގެން، ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދުމުން 7 ދުވަހުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދީފައިވާކަމަށެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ. އަދި ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރކުރުމާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އިއްޔެވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *