ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން އެއްވަނައިގައި އޮތް ޗެލްސީ އާއި ޕޮއިންޓަކާއި ގާތަށް ޖެހިލައިފި

ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން އެއްވަނައިގައި އޮތް ޗެލްސީ އާއި ޕޮއިންޓަކާއި ގާތަށް ޖެހިލައިފި

Author
ޔޫސުފް
27 ނޮވެމްބަރ 2021 11:48
0

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް ލިވަޕޫލުން ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ އާއި ޕޮއިންޓަކާއި ގާތަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ، 0-4 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 2 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ، ލީގުގައި މިހާރު ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޑިއޯގޯ ޖޮޓާއެވެ. މިއީ މި ފަހަރުގެ ޕްރިމިއާ ލީގުގައި ފެނުނު އެންމެ އަވަސް ލަނޑެއެވެ. މެޗުގައި ލިވަޕޫލުން ލީޑު ފުޅާކުރި ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ޖޮޓާއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ތިންވަނަ ލަނޑު ޖަހާ ހަމަޖެހިލާފައެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ، ތިއާގޯ އަލްކަންޓާރާއެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 52 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ލިވަޕޫލްގެ ޑިފެންޑަރ ވާޖިލް ވެން ޑައިކް ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ޖެހި ލަނޑުތަކާއެކު ލިވަޕޫލުން ވަނީ ކްލޮޕްގެ ކޯޗުކަމުގައި 700 ލަނޑު ހަމަކޮށްފައެވެ.

މިރޭ ސައުތެމްޓަން އަތުން ހޯދި ބޮޑު މޮޅާއެކު ލިވަޕޫލުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން 28 ޕޮއިންޓް ހޯދައި، ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި 12 މެޗުން ލިބުނު 29 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. މާދަމާ ރޭ މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް 4 ޕޮއިންޓަށް ލީޑު ފުޅާކުރުމުގެ ފުރުޞަތު ޗެލްސީއަށް އެބައޮތެވެ. ލިވަޕޫލް އަތުން މިރޭ ބަލިވި ސައުތެމްޓަން އޮތީ 13 މެޗުން ހޯދި 14 ޕޮއިންޓާއެކު، 14 ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.