އޮމިކްރޮމް ކޯވިޑް19 ވޭރިއެންޓަށް ފުރަތަމަ ފަހަރަށް ދެމީހަކު ޕޮޒިޓިވް ވެއްޖެކަމަށް އިނގިރޭސިވިލާތުން ޔަގީން ކޮށްދީފިއެވެ. އިގިރޭސިވިލާތުގެ ރަސްމީ ފަރާތްތަކުން އާންމު ކޮށްފައިވާ ގޮތުގައި މި ދެމީހުންނަކީވެސް ސައުތު އެފްރިކާއަށް ދަތުރު ކޮށްފައިވާ ދެމީހުންނެވެ.
ދެކުނު އެފްރިކާއިން މީގެ އެއްދުވަސް ކުރިން ފެނުނު އޮމިކްރިން ވޭރިއެންޓަކީ، "ކަންބޮޑުވާން ޖެހޭ" ނުރައްކާތެރި ވޭރިއެންޓެއްކަން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިއުލާން ކުރުމާއެކު ދުނިޔޭގެ ގައުމުތަކުން ދަނީ، ދެކުން އެފްރިކާއިންނާއި އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން އެގަމުތަކަށް މީހުން ދަތުރު ކުރުން މަނާކުރަމުންނެވެ.
ނުރައްކާތެރި އޮމިކްރޯން ވޭރިއެންޓް ދުނިޔޭގެ ގައުމުތަކުގައި މިހާރު ފެތުރެން ފަށާފައިވާއިރި، ދުނިޔޭގެ ގައުމުތަކުން ބޯޑަރުތައް ބަންދު ކުރުމުގެ އިތުރުން އަނެއްބައި ގަމުތަކުންވަނީ މި ވޭރިއެންޓް ފެތުރިގެން ހިގައިދާނެކަމުގެ ބިރަށް އަލުން ލޮކްޑައުންތައްވެސް ތައާރަފްކުރަން ފަށާފައެވެ.
ދެކުނު އެފްރިކާއިންނާއި އަދި އެފްރިކާގެ ގިނަ ގައުމުތަކުން ގިނަ އެހެން ގައުމުތަކަށް މީހުން އެތެރެވުން މަނާކޮށްފައިވަނީ އޮމިކްރޯން ވޭރިއެންޓަކީ "ކަންބޮޑު ވާންޖެހޭ" ވޭރިއެންޓެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމުމާ ގުޅިގެންނެވެ.
ގިނަ އަދަދަކަށް މިއުޓޭޓްވެފައިވާ އޮމިކްރޮން ކޯވިޑް19 ވޭރިއެންޓް ފުރަތަމަ ފަހަރަށް ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އަދި އެއަށްފަހު، ނުރައްކާތެރި މި ވޭރިއެންޓް ވަނީ ބެލްޖިއަމް، އިސްރާއީލް އަދި ހޮންކޮންގއިންވެސް ފެނިފައެވެ.
B.1.1.529, ގެ ނަމުންވެސް މުޚަތަބްކުރެވޭ މި ވޭރިއެންޓްއަކީ ހަށިގަޑުގެ ދިފާއީނިޒާމް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ވޭރިއެންޓެއް ކަމުގައި ސައިންސްވެރިން ދަނީ ބުނަމުންނެވެ.
އަދި ކޯވިޑް19އާއި ދެކޮޅށް މިހާރު ބޭނުން ކުރަމުންދާ ވެކްސިންތައް މި ވޭރިއެންޓާއި ދެކޮޅަށް ބޭނުން ކުރެވޭކަން ޔަގީން ކުރުމަށް ހަފްތާތަކެއް ނަގާފާނެކަމަށް ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.
އިނގިރޭސިވިލާތުންވަނީ، އެގައުމުން ކަނޑައަޅާފައިވާ "ރަތް ލިސްޓަށް" އިތުރު 4 ގައުމެއް އިތުރު ކޮށްފައެވެ. އެއީ މުޒަންމީގް، ޒެމްބިއާ، އެންގޯލާ އަދި މަލާވީއެވެ. އަދި މިގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެވާ އިނގިރޭސިވިލާތާއި އަދި އައިރިޝް ރައްޔިތުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 10 ދުވަހު ކަރަންޓީންވާން ޖެހޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.
އިގިރޭސިވިލާތަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މީގެ އިތުރަށް ހިމެނެނީ، ބޮޓްސްވާނާ، އެސްވަޓިނި، ލެސޯތޯ، ނެމީބިއާ، ސައުތު އެފްރިާ އަދި ޒިންމާބުވޭއެވެ.
ކޮމެންޓު ފޮނުވާ