މިއީ ގޮތް ނިންމަން ނުކުރެވޭ ސަރުކާރެއްކަމަށް ވިދާޅުވެ ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ފާޑުވިދާޅުވެފައިމިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި މިސަރުކާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް ޕީޖީން ދައުވާކުރުމަށް ކޯޓަށް ހުށައަޅާފައިވާއިރު، ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅަފައިނުވާތީއެވެ.
އާދަމް ޝަރީފް ވިދާޅުވީ މަޚްލޫފް ގެންދަވަނީ ސިޔާސީ ގޮތުން "ކުޅިޖަހަމުން"ކަމަށެވެ. މިއީ ކޮރަޕްޝަނަށް ހިތްވަރުދޭ، ގޮތް ނިންމަން ނުކުރޭ ސަރުކާރެއްކަމަށާއި، ވެރިން ތިބީ "ކޮމްޕްމައިޒްޑް" ވެފައިކަމަށެވެ.
ސަރުކާރު ހިނގަނި ކަނޑުގައި އޮންނަ ބޮނބިގަނޑެއް އޮޔާދާހެން. ލައްގާނެ ތަނެއް، ލައްގާނެކަމެއްވެސް ނޭނގެ!
– އާދަމް ޝަރީފް ޢުމަރު
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ދައުވާ ކުރި ނަމަވެސް މަޤާމުން އިސްތިއުފާ ނުދެއްވާނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ. ހުލޫފް ވިދާޅުވީ އޭނާ ކޯޓުގައި ހަގީގަތް ސާބިތުކޮށް ދެއްވާނެކަމަށެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވަން ބޭނުން ނުވާކަމށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.
މަޚްލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ.)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިިނިސްޓަރ މަޙްލޫފުގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދަޢުވާއަކާއި ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތަކުން އެކަހެރިކޮށްފައެވެ. މިނިސްޓަރ މަހުލޫފް ސަސްޕެންޝަނުގައި ހުންނަވާތާ 4 މަސްދުވަހަށްފަހު މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ މަސައްކަތަށް ނިކުންނަވާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރިއަށްގެންދިޔަ ތަޙުޤީގާއި ގުޅޭގޮތުން އޭސީސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އަޙްމަދު މަޚްލޫފް ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން(އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000.00(ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު އަޙްމަދު މަޚުލޫފް އަށް ލިބިފައިވާކަން ތަޙްޤީޤުން އެނގޭ ކަމަށެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި 2019ވަނަ އަހަރުގެ ކުރީކޮޅުވެސް މިނިސްޓަރ މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ