ޔާމީން މިނިވަންވާނެކަމަށް ޣައްސާން ވިދާޅުވުމުން، ޖަމީލަށް ކަމަކުނުދިޔަ

ޔާމީން މިނިވަންވާނެކަމަށް ޣައްސާން ވިދާޅުވުމުން، ޖަމީލަށް ކަމަކުނުދިޔަ

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2021 10:19
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ 5 އަހަރުގެ ޖަލުހުކުމުން އެމަނިކުފާނު މިނިވަންވާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވުމުން، ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހުމަށް ކަމަކު ނުދިޔައެވެ.

އައްސާން އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ނުފޫޒް ފޯރުވުމާއި، އަނިޔާވެރިކަމުގެ މިސްރާބު ބަދަލުވެ ރައީސް ޔާމީން މިމަހުގެ 30ގައި މިނިވަން ވާނެކަމަށެވެ. ޣައްސާން ވިދާޅުވީ، ޓީވީގެ ޒަރީއާއިން މުޅި ކޭސް ބެއްލެވި ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ކުށެއް ނުކުރައްވާކަން އޮތީ ސާބިތުވެފައިކަމަށެވެ.

ޢައްސާންގެ މިވާހަތަކާއި ގުޅިގެން ރޭ ޗެނަލް13 އަށް ދެއްވި އިންޓަރވިއުއެއްގައި ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރި ސަބަބު ވަރަށް ސާފު ކަމަށެވެ. އެއީ ކްރިމިނަލް ކޯޓާއި ހައިކޯޓުން ވެސް މައްސަލަ ނިންމެވުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އެވާހަކަ ވަރަށް ދިގުކޮށް ދެއްކިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ހައިކޯޓުގެ ނިންމުމާއިމެދު ހިތްހަމ ނުޖެހިގެން ސްޕްރީމް ކޯޓަށް ދިޔައީ އިންސާފު ހޯދުމަށް ކަމުގައެވެ. ނަމަވެސް ސްޕްރީމް ކޯޓުން ހުކުމްކުރާނެ ގޮތަކާއި ގުޅޭގޮތުން އެއްވެސް ބޭފުޅަކު ވަކި ގޮތަކަށް ގޮތް ނިންމައި ވާހަކަ ދެއްކުމަކީ ހުކުމަށް ނުފޫޒު ފޯރުވޭނެ ކަމެއްކަމަށެވެ. އެހެންކަމުން އެއްވެސް ބޭފުޅަކު އެފަދަ ގޮތަކަށް ވާހަކަ ނުދައްކައި، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ހެޔޮ ދުއާކޮށް ދެއްވުމަށް ޖަމީލް ވަނީ އެދިފައެވެ.

ޖަމީލްގެ ވާހަކަތަކާއި ގުޅިގެން ރޭ ޣައްސާން ވަނީ އިތުރު ޓުވީޓުތަކެއް ކުރައްވާފައެވެ. ޣައްސާން ވިދާޅުވީ އެނާ ކުރެއްވި ޓުވީޓަށް ކަނޑައެޅިގެން ނުބައި ސުރުހީއެއް ހަދައި ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަށް ދިވެހި ހުރިހާ ރައްޔިތުންވެސް ބެލި ކަމަށާއި ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ވެސް ޙައްގަށް ހުކުމް ކުރިނަމަ ރައީސް ޔާމީން މިނިވަންވީސް ކަމަށެވެ. ހަމައެހެންމެ ސްޕްރީމް ކޯޓަކީ ނުފޫޒަށް ގުޑާ ވަރަށްވުރެ މިނިވަން މުސްތަގިއްލު ފަނޑިޔާރުން ތިއްބެވި ތަނަކަށްވާއިރު، އެތަނުން ނިންމާ ނިންމުމުން ރައީސް ޔާމީން މިނިވަންވާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ.ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ. މި މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ގިނަ ނުކުތާތަކެއް ފާހަގަކުރައްވާފައިވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުންވަނީ ދައުލާއި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ވަރަށް ގިނަ ސުވާލުުތައް ކުރައްވާފައެވެ.

އެންމެފަހުން މި މައްސަލާގައި ސުޕްރީމް ކޯޓުން އަޑުއެހުމެއް ބާއްވާފައިވަނީ އެސްއޯއެފަށް ފައިސާ ޖަމާކުރި ޗެކުގެ ޞައްޙަކަން ކަށަވަރުކޮށް، އެސްއޯއެފްގެ އެކައުންޓު ސްޓޭޓުމެންޓުގައި ހިމެނޭ ބައެއް މައުލޫމާތާ ގުޅިގެން ދެ ފަރާތާ ސުވާލުތަކެއް ކުރުމަށެވެ. އެ އަޑުއެހުމަށްފަހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު، ފަނޑިޔާރު މަހާޒު އަލީ ޒާހިރުވަނީ ސުޕްރީމް ކޯޓު ރިސެސަށް ދިއުމުގެ ކުރިން އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ. އަދި އިއްޔެ ވެސް ވަނީ މަނީ ލޯންޑަރިންގެ އާ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށް ކުށްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.