މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އުފެއްދި ސިޔާސީ ޕާޓީން 10،000 މެމްބަރުން ހަމަކޮށްފިއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އުފެއްދި ސިޔާސީ ޕާޓީތަކުގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މިހާގިނަ އަދަދެއްގެ މެމްބަރުން ހަމަކުރި ޕާޓީއެވެ. އެމްއެންޕީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ފާއިތުވެދިޔަ 43 މަހެއްހާ ދުވަހުގެ ތެރޭގައި އެޕާޓީން މިވަނީ 10،000 މެމްބަރުން ހަމަކޮށްފައެވެ. މިހާތަނަށް އެމްއެންޕީން 1،111 ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްއެންޕީ ރަޖިސްޓްރީ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅިވެސް 5،000 މެމްބަރުންގެ ފޯމާއިއެކުގައެވެ. އަދި މިވީ 2 މަސް ދުވަހުގެ ތެރޭގައި އެޕާޓީން ވަނީ އިތުރު 5،000 މީހުންގެ ސޮއި ހޯދާފައެވެ. އެޕާޓީން ވަނީ މިއަހަރު ނިމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުމަށް އަޒުމް ކަނޑައަޅާފައެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތްކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވަން. އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް.
– އެމްއެންޕީގެ ރައީސް ނާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތްކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާއާއި ޝުކުރު ދަންނަވަން. އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް. pic.twitter.com/ydyOqMHKjO
— Col(rtd)Mohamed Nazim MP (@nazim7878) November 24, 2021
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ހިމެނޭއިރު، މެމްބަރުން އެންމެ ގިނަ ޕާޓީއަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއެވެ. އެމްޑީޕީގައި 51،720 މެމްބަރުން އެބަތިއްބެވެ. ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު ޕީޕީއެމްގައެވެ. އެޕާޓީގައި 37،284 މެމްބަރުން އެބަތިއްބެވެ. އެންމެފަހުން އުފެދުނު އެމްއެންޕީގައި މިހާރުވެސް 4،900 އަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.
އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ